-Advertisement-

-Advertisement-

ރާއްޖޭގެ މީޑިއާތަކަކަށް އިންޒާރުދިން މައްސަލަ ސަރުކާރުން ކުށްވެރިކޮށްފި

މި މައްސަލަ ކުށްވެރިކޮށް ރައީސް އޮފީހުން އިއްޔެ ވަނީ ބަޔާނެއް ނެރެފައި

ކާކުކަން ނޭނގޭގޮތަށް ފޮރުވިގެން ތިބެ ރާއްޖޭގައި ހިންގާ 2 މީޑިއާއަކަށް އިންޒާރުދިން މައްސަލަ ދިވެހި ސަރުކާރުން ކުށްވެރިކޮށްފިއެވެ.

ސޯސަލް މީޑިއާގެ ޕްލެޓްފޯމްތަކާއި ފޯނު ބޭނުންކޮށްގެން މި އަމަލު ހިންގި ފަރާތްތަކުން ވަނީ ޕްރައިވެޓް ދެ ބްރޯޑްކާސްޓަރުންކަމަށްވާ ރާއްޖެ ޓީވީއާއި ޗެނަލް 13 ގައި ހުޅުޖަހާނެކަމަށް އިންޒާރުދީފައެވެ.

މި މައްސަލަ ހިލިގެންފައި ވަނީ ރާއްޖެ ޓީވީގައި މަސައްކަތް ކުރާ ނޫސްވެރިއަކަށް ސޯސަލް މީޑިއާ ޕްލެޓްފޯމެއްކަމަށްވާ އިންސްޓަގްރާމް މެދުވެރިކޮށް އިންޒާރުގެ މެސެޖުތައް ފޮނުވި ހިސާބުންނެވެ. އެކަމުގެ ޚަބަރު ރައްޖޭގެ ނޫހަކުން އާންމު ކުރުމާ ގުޅިގެން އިތުރު އިންޒާރުތަކެއް އަމާޒުވި ކަމުގެ މަޢުލޫމާތު ވެސް ލިބިފައިވެއެވެ. އެގޮތުން އެ ޚަބަރު ޝާއިރުކޮށް އާންމު ކުރި ޕޯސްޓަށް ކޮށްފައިވާ ކޮމެންޓުން ދޭހަވާގޮތުގައި އެ ފަރާތްތަކުން ތިބީ ބަޔަކު ނައްތާލަން ޖެހިއްޖެނަމަ އެކަން ވެސް ކުރާނެ ފަދަ ވިސްނުމެއްގައިކަން ދޭހަވެއެވެ. އަދި އެ ފަދަ ޚަބަރުތަކުން އާންމުންގެ މެދުގަ އެ ބްރޯޑްކާސްޓަރުންނަށް ހަމްދަރުދީއެއް ނުއުފެއްދޭނެކަމަށް ދޭހަވާ މޭރުމަކުން ވާހަކަތައް ބައްޓަންކޮށްފައިވެއެވެ.

މި މައްސަލަ ކުށްވެރިކޮށް ރައީސް އޮފީހުން އިއްޔެ ވަނީ ބަޔާނެއް ނެރެފައެވެ. އެގޮތުން އެފަދަ ފަރާތްތަކުގެ ކިބައިން ނޫސްވެރިން ރައްކާތެރިކުރުމަށް ސަރުކާރުން އަބަދު ވެސް ފާރަވެރިވާނެކަމުގެ ޔަޤީންކަން ސަރުކާރުން ދެއްވާފައިވެއެވެ. މީގެ އިތުރުން މި ކަމާ ގުޅިގެން ސަރުކާރުގެ އިލްތިމާސަކީ މި ފަދަ އަމަލުތައް ހިންގާ ފަރާތްތަކުގެ މަޢުލޫމަތު އެނގޭ ފަރާތްތަކުން ލަސްނުކޮށް ކަމާގުޅޭ އިދާރާތަކަށް އެކަން އެންގުންކަމަށް ހާމަކޮށްފައިވެއެވެ.

ދިވެހި ފުލުހުން މިހާރު ދަނީ މި މައްސަލަ ތަޙުޤީޤު ކުރަމުންނެވެ. ފުލުހުން ހާމަކުރީ މި މައްސަލަ ފުލުހުންގެ ސަމާލުކަމަށް އައި ހިސާބުން ފެށިގެން އެ އިދާރާގެ ސައިބަރ ކްރައިމް ޑިޕާޓްމަންޓާއި ސީރިއަސް އެންޑް އޯގަނައިޒްޑް ކްރައިމް ޑިޕާޓްމަންޓް ގުޅިގެން ބަލަންޖެހޭ ކަންކަން ބަލަމުންދާކަމަށެވެ. އަދި އެ ކަންތައް ކުރި ބަޔަކު ދެނެގަނެވުނުހާ އަވަހަކަށް އެ ފަރާތްތަކާ މެދު ޤާނޫނީ ފިޔަވަޅު އެޅުމުގެ މަސައްކަތް ދިވެހި ފުލުހުން ކުރިއަށް ގެންދާނެއެވެ.

މީޑިއާތަކަށް އިންޒާރު ދިނުމުގެ އިތުރަށް ސިޔާސީ ބައެއް ފަރާތްތަކަށް އިންޒާރުދިނުމުގެ މައްސަލަތަކެއް ވެސް ވަނީ ދާދި ފަހުން ފެންމަތިވެފައެވެ. އާންމުންގެ މުދަލާއި ފުރާނައަށް ނުރައްކާވާ ގޮތްގޮތަށް ދެވޭ މިފަދަ އިންޒާރުތަކަކީ ދިވެހި ފުލުހުންގެ އިދާރާއިން ވަރަށް ސީރިއަސްކޮށް ބަލާ ކަންކަމެވެ.

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-