މިހާރަށް ވުރެ ފުރިހަމައަށް ރައްޔިތުންނަށް ޚިދުމަތް ދެވޭ ގޮތަށް ކުޑަގިރި ތަރައްޤީ ކުރާނެކަމަށް އިއްޔެ ރައީސް އޮފީހުގެ ޗީފް ސްޕޯކްސްޕާސަން ހީނާ ވަލީދު ހާމަކުރައްވައިފިއެވެ.
ރޭ އިރާކޮޅު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ހީނާ ވިދާޅުވެފައިވަނީ މި ރަށަކީ ހަމައެކަނި މާލޭގެ ރައްޔިތުންނަށް ޚާއްޞަ ތަނެއްގެ ގޮތުގައި އޮންނާނެކަމަށެވެ. ހަމައެހެންމެ މިހާރު އެ ރަށުން ލިބެން ހުރި ޚިދުމަތްތައް މަދުކަމުން އެކަމުގެ ޝަކުވާ ރައްޔިތުންގެ ފަރާތުން އަންނަކަމަށާއި މި ކަމަށް އަވަސް ހައްލެއް ހޯއްދަވައިދެއްވާނެކަމަށެވެ. އެގޮތުން އެ ރަށުން ލިބެން ހުރި ވަސީލަތްތައް ފުޅާކުރުން ހިމެނެއެވެ.
މި ބަދަލާއެކު ކުޑަގިރިއަށް ދަތުރުދާ ދިވެހީންނަށް އެ ރަށުން ލިބޭ ޚިދުމަތްތައް އެތައް ގުނައެއް އިތުރުވެގެންދާނެކަމަށް ބެލެވެއެވެ.
ކުޑަގިރިއަކީ ނިމިދިޔަ ސަރުކާރުން މާލޭގެ ރައްޔިތުން ދަތުރުދިއުމަށް ޚާއްޞަކޮށް ތަރައްޤީކޮށް، ހުޅުވާލި ރަށެކެވެ. އެ ރަށަށް ފުރަތަމަ މީހުން ދަތުރުދާން ފަށާފައި ވަނީ މިދިޔަ އަހަރުގެ ފެބުރުވަރީ މަހުގެ ތެރޭގައެވެ.
އެ ރަށުގައި މިހާރު ލިބެން ހުރި ޚިދުމަތްތަކަށް ބަލާ އިރު އެ ރަށުގެ ކެފޭއާއި ފިހާރަ އަދި މަޑުކޮށްލައިގެން ތިބުމަށް ދޫކުރާ ކޮޓަރިތައް ހިމެނެއެވެ. މީގެ އިތުރުން އެ ރަށުގައި އޮފީހެއް ވެސް ގާއިމުކޮށްފައި ހުރެއެވެ. އެއާއެކު މަޑުކޮށްލައިގެން ތިބެވޭނެ ހަޓުތަކާއި އެކިއެކި ކުޅިވަރު ކުޅެވޭނެ އިންތިޒާމުތައް ވެސް ގާއިމުކޮށްފައިވާކަން ފާހަގަކޮށްލެވެއެވެ. އެގޮތުން މިރަށް ފާހަގަ ކުރެވެނީ މި ކޮންސެޕްޓަށް ރާއްޖޭގައި ތަރައްޤީކޮށްފައިވާ ފުރަތަމަ ރަށުގެ ގޮތުގައެވެ.
މިހާރު މިރަށަކީ އެއް ފަހަރާ 500އަށް ވުރެ ގިނަ މީހުނަށް ޚިދުމަތް ދެވޭނެ ގޮތަށް ވަޞީލަތްތައް ހަމަޖެހިފައިވާ ރަށެކެވެ.