ރާއްޖޭގެ ފޮރީން މިނިސްޓަރގެ މަގާމު މި ވަގުތު އަދާކުރައްވަމުން ގެންދަވާ މޫސާ ޒަމީރު ރަސްމީ ދަތުރުފުޅެއްގައި އިންޑިއާއަށް ވަޑައިގަންނަވަން އުޅުއްވާކަމުގެ މައުލޫމާތު އާންމުވެއްޖެއެވެ.
ޒަމީރު އިންޑިއާއަށް ވަޑައިގެންނެވުމަށް ރާއްވަވާފައިވަނީ މި މަހުގެ 9 ވަނަ ދުވަހު ކަމުގައި މައުލޫމާތު ލިބެއެވެ. އެގޮތުން ޒަމީރު ވަޑައިގެންނެވުމަށް ހަމަޖެހިފައިވަނީ އިންޑިއާގެ ނިއުދިއްލީއަށެވެ.
އިންޑިއާގެ މީޑިއާތަކުން ހާމަކޮށްފައިވާ ގޮތުގައި އެ މަނިކުފާނު އިންޑިއާއަށް ރަސްމީ ދަތުރުފުޅެއް ކުރައްވަން އުޅޭކަމުގެ މައުލޫމާތު މިހާރު އެ ފަރާތްތަކަށް ވަނީ ލިބިފައެވެ.
މި ވަގުތު މި ދެ ގައުމުގެ ދެމެދުގައި ގުޅުން ހީނަރުވެފައިވާތީ އެކަމާ މެދު އިންޑިއާގެ ފޮރިން މިނިސްޓަރު ޑރ. ޖައިޝަންކަރާ އެ މަނިކުފާނު ވާހަކަފުޅު ދައްކަވާ ގުޅުން އަލުން ދިރުވުމުގެ މަޝްވަރާ ކުރެއްވުމަށް ރޭވިފައިވާކަމުގައި އިންޑިއާއިން ހާމަކުރެއެވެ. މީގެ އިތުރުން ރާއްޖޭގައި އިންޑިއާއިން ހިންގާ އުމްރާނީ ތަރައްގީގެ މަޝްރޫއުތައް އިތުރަށް ކުރިއަރުވާ އާލާކުރުމުގެ މަޝްވަރާތަކެއް ވެސް ކުރިއަށް ގެންދިއުމަށް ރާއްވަވާފައިވެއެވެ.
މި ދަތުރުފުޅަކީ ހިނގަމުން މިދާ ސަރުކާރުގައި އިސް ބޭފުޅަކު އިންޑިއާއަށް ކުރައްވާ ފުރަތަމަ ދަތުރުފުޅަށް ވާއިރު، މި މަހުގެ 10ގެ ކުރިން އިންޑިއާ ސިފައިން ފައިބާގޮތަށް މިހާރު ވަނީ ނިންމާފައެވެ.