-Advertisement-

-Advertisement-

ޖާބިރު މެންބަރުކަމުން އިސްތިއުފާ ދީފި

19 ވަނަ މަޖިލީހުގެ ކާށިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރު މެންބަރުކަމުން އިސްތިއުފާ ދެއްވައިފި އެވެ.

އިސްތިއުފާގެ ސިޓީގައި ޖާބިރު ވިދާޅުވެފައިވަނީ ސަރުކާރުގެ މައި ޕާޓީ ޕީއެންސީއަށް ބޮޑު ކާމިޔާބީއެއް ކުރިއަށް އޮތް 20 ވަނަ މަޖިލީހުގައި ލިބިފައިވުމުން އެއީ ރާއްޖޭގެ ޑިމޮކްރަސީގެ ފަހަތައް އެޅި ފިޔަވަޅެއް ކަމަށެވެ. މީގެ އިތުރުން 20 ވަނަ މަޖިލީހަށް އެމްޑިޕީގެ ޓިކެޓް ހޯދުމަށް ބޭއްވި ޕާޓީގެ ޕްރައިމަރީ އޭނާ ކާމިޔާބުކޮއްފައިވަނިކޮށް އެމްޑީޕީގެ ޑިސިޕްލިނަރީ ކޮމިޓީއިން އޭނާއަށް ފިޔަވަޅު އަޅައި އެހެން މީހަކަށް ކާށިދޫ ދާއިރާގެ ޓިކެޓް ދިނުމަކީ ޑިމޮކްރަސީގެ ރީތި އުސޫލްތަކާ ހިލާފުވުން ކަމުގައި ޖާބިރު ވަނީ ސިފަކުރައްވާފައެވެ.

އޭޕްރީލް 21 ގައި ބޭއްވުނު މަޖިލީސް އިންތިހާބުގައި އެމްޑީޕީއަށް ވަނީ ބޮޑު ނާކާމިޔާބީއަކާއި ކުރިމަތިލާން ޖެހިފައެވެ. 89 ދާއިރާއަށް އެ ޕާޓީގެ ކެންޑިޑޭޓުން ވާދަކުރި އިރުގައި ކާމިޔާބުވެފައި ވަނީ އެންމެ 12 ގޮނޑިއެވެ. ވެރިކަން ކުރާ މައި ޕާޓީއިން ވަނީ 66 ގޮނޑި ކަމިޔާބު ކޮއްފައެވެ. މީގެ އިތުރުން އަމިއްލަ ގޮތުން ވާދަކޮށް ކާމިޔާބު ކުރި 7 ކެންޑިޑޭޓެއް ވަނީ ޕީއެންސީއާއި ގުޅިފައެވެ. މިއާއި އެކު ވެރިކަން ކުރާ ޕީއެންސީގެ ކެންޑިޑޭޓުންގެ އަދަދު ވަނީ 73 އިތުރުވެފައެވެ.

19 ވަނަ މަޖިލީހަށް ޖާބިރު ކުރިމަތިލެއްވީ އަމިއްލަގޮތުންނެވެ. ނަމަވެސް ފަހުން ވަނީ  އެމްޑީޕީއާއި ގުޅިވަޑައިގެނެފައެވެ. މިފަހަރު އެމްޑީޕީއިން ޕްރިމަރީގެ ޓިކެޓް ބާތިލުކުރުމުން އަމިއްލަގޮތުން ވާދަކޮށް ޖާބިރުއަށް ވަނީ ކާށިދޫ ދާއިރާގެ ގޮނޑި ގެއްލިފައެވެ.

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-