-Advertisement-

-Advertisement-

ނޫސްމީޑިއާތަކަށް ދައުލަތުގެ ބަޖެޓުން އިނާޔަތެއް ދެނީ

ފޮޓޯ: ރައީސް އޮފީސް

ދައުލަތުގެ ބަޖެޓުން ނޫސްމީޑިއާތަކަށް ޚާއްޞަކޮށް އިނާޔަތެއް ދިނުމުގެ މަސައްކަތް ކުރައްވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ މުއިއްޒު ވިދާޅުވެއްޖެއެވެ.

ރައީސް މި ގޮތަށް ވިދާޅުވެފައިވަނީ ދުނިޔޭގެ ނޫސްވެރިކަމުގެ މިނިވަންކަމުގެ ދުވަހުގެ މުނާސަބަތުގައި ދެއްވި ޚިޠާބުގައެވެ. ރައީސް އިތުރަށް ފާހަގަކުރެއްވީ މި ވަގުތު ރާއްޖޭގެ ނޫސްމީޑިއާތަކަށް ދިމާވެފައިވާ އެންމެ ބޮޑު އެއް ގޮންޖެހުމަކީ ލިބޭ އާމްދަނީއިން ދެކޮޅުޖެއްސުމަށް އުނދަގޫވުމެވެ.

މި ޚިޠާބުގައި ރައީސް ވަނީ ނޫސްވެރިން ކުރަމުން ގެންދާ ބުރަ އަދި މިންނެތް މަސައްކަތަށް ޝުކުރުއަދާކުރައްވާފައެވެ. މީގެ އިތުރުން މި ޚާއްޞަ ދުވަހުގެ ތަހުނިޔާ ރައީސް ވަނީ ހުރިހާ ނޫސްވެރިންނަށް ފޮނުއްވަވާފައެވެ.

ނޫސްވެރިންގެ މުހިންމުކަން ހާމަކުރައްވާ ރައީސް ވިދާޅުވީ ޚަބަރު ހޯދައި ފޯރުކޮށްދިނުމާ، މުޖްތަމަޢު ހޭލުންތެރިކުރުވުމާ، ސަރުކާރާ ރައްޔިތުންނާ ދެމެދު ގުޅުވައިދިނުމާ، ދައުލަތުގެ ކަންކަން ހިނގާ ނުހިނގާގޮތް ރައްޔިތުންނަށް ބުނެދިނުމާ، ރައްޔިތުންގެ އަޑު ސަރުކާރަށް އިއްވުން ފަދަ ކަންކަމުގައި ނޫސްވެރިންގެ ހިއްސާ ވަރަށް ބޮޑުކަމަށެވެ. އެހެންކަމުން ނޫސްވެރިންނަށް ދަތިވާ ކަންކަން ފަހިކޮށްދިނުން ވަރަށް މުހިންމުކަން ރައީސް ފާހަގަކުރެއްވިއެވެ.

މިވަގުތު ނޫސްވެރިންގެ މަސައްކަތް އިތުރަށް ފަސޭހަކޮށްދެއްވުމަށް ކުރެވިދާނެ ކަންކަން ވެސް ރައީސް ފާހަގަކުރެއްވިއެވެ. އެގޮތުން ތައުލީމު ހާސިލްކުރުމުގެ ފަސޭހަ ނިޒާމުތައް މި ދާއިރާގައި މަސައްކަތް ކުރާ ފަރާތްތަކަށް ފަހިކޮށްދިނުމާއި ކުޑަ އަގެއްގައި މަސައްކަތް ކުރާނެ ޖާގަ ހޯދޭނެ ގޮތް ހޯދައިދިނުން ހިމެނެއެވެ.

ފަހަކަށް އައިސް ނޫސްވެރިންގެ މެދުގައި ދޮގު ޚަބަރު ފެތުރުން އާންމުވެފައިވާތީ އެކަމަށް ވެސް ރައީސްގެ ޚިޠާބުގައި އަލިއަޅުއްވާލާފައިވެއެވެ. އެގޮތުން ނޫސްވެރިން ފަތުރާ ޚަބަރާއި މައުލޫމާތަކީ ތެދު މައުލޫމާތަށް ހެދުމަށް ރައީސް ވަނީ ބާރުއަޅުއްވާފައެވެ.

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-