ޤަވާއިދާއި ހިލާފަށް މާލޭގެ މަގުމައްޗަށް ކުނި އަޅަމުން ދިޔަ ބިދޭސީ މީހާ ހޯދައި އޭނާ ޑީޕޯޓުކޮށްލުމަށް ނިންމާފައިވާ ކަމުގައި މާލޭ ސިޓީމޭޔަރު އާދަމް އާޒިމް ވިދާޅުވެއްޖެއެވެ.
އެކަން ހާމަކޮށް މާލޭ ސިޓި މޭޔަރު އާދަމް އާޒިމް ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، މާލޭ މަގުމައްޗަށް ކުނިއަޅާ ކަން ފާހަގަ ކުރެވިގެން ކައުންސިލުން ހޯދި ބިދޭސީ މީހާއަކީ ގަވާއިދާއި ޚިލާފަށް ރާއްޖެ އެތެރެވެގެން އުޅޭ މީހެއް ކަމަށާއި މިހާރު އެ މީހާ ފުލުހުންނާއި ހަވާލު ކޮށްފައިވާ ކަމަށެވެ.
މާލޭ މަގުމައްޗަށް ކުނިއަޅާ ކަން ފާހަގަ ކުރެވިގެން ކައުންސިލުން ހޯދި ޤަވާއިދާއި ހިލާފަށް ރާއްޖޭގައި އުޅެމުންދާ ބަންގްލަދޭޝްގެ ރައްޔިތެއް މިހާރު ވަނީ ފުލުހުންނާއި ހަވާލުކުރެވިފައި ، ފުލުހުން ދަނީ އިމިގްރޭޝަނާއި ގުޅިގެން މި މީހާ ޑީޕޯޓް ކުރުމުގެ މަސައްކަތް ކުރަމުން @PoliceMv… pic.twitter.com/Io3yMJtjAG
— Mayor of Male’ City - Adam Azim (@adamazim) May 3, 2024
އަދި އޭނާ ޑީޕޯޓުކޮށްލުމުގެ މަސައްކަތް އިމިގްރޭޝަނާއި ގުޅިގެން ފުލުހުން ކުރަމުން އަންނަ ކަމުގައިއާދަމް އާޒިމްގެ ޕޯސްޓްގައި ވަނީ ވިދާޅުވެފައެވެ.
މާލޭގެ މަގުތަކުގެ އެކި ސަރަހައްދުތަކަށް ކުނި އަޅާކަން ފާހަގަ ކުރެވިގެން މީހެއް ހޯދުމުގެ މަސައްކަތް މާލޭ ސިޓީ ކައުންސިލުން ވަނީ މީގެ ކުރިން ކޮށްފައެވެ. އަދި އެމީހާގެ ފޮޓޯ އާއި ކުނި އަޅާ މަންޒަރު ފެންނަ ވީޑިއޯވެސް ފުލުހުން ވަނީ އާންމުކޮށްފައެވެ.
މާލެ މަގުމައްޗަށް ކުނި އަޅާ މީހުން ޖޫރިމަނާ ކުރުމުގެ މަސައްކަތް މާލެ ސިޓީ ކައުންސިލުން ދަނީ ކުރަމުންނެވެ.
ގަވާއިދާ ހިލާފަށް ރާއްޖޭގައި އުޅެމުންދާ ބިދޭސީން ގަވައިދަށް ފެއްތުމުގެ މަސައްކަތް ފަށައި، ރާއްޖޭގައި އުޅޭ ހުރިހާ ބިދޭސީންގެ ފޮޓޯއާ އިނގިލީގެ ނިޝާން ނެގުމުގެ މަސައްކަތް ފަށައިފައިވާ ކަމުގައި ހޯމް މިނިސްޓްރީން ވަނީ ހާމަކޮށްފައެވެ.