ފެނަކަ ކޯޕަރޭޝަންގެ ފަރާތުން ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ކުރިއަށް ގެންދާ ފެނާއި ނަރުދަމާ ޤާއިމްކުރުމުގެ ޖުމުލަ 16 މަޝްރޫއެއް މޯލްޑިވްސް ވޯޓާ އެން ސްވަރޭޖް (އެމްޑާބްލިއުއެސްސީ) އާ ހަވާލުކޮށްފިއެވެ.
މި މަޝްރޫޢުތައް ފެން ކުންފުންޏާއި ހަވާލުކުރުމުގެ ގޮތުން އެ ދެ ކުންފުނީގެ ދެމެދުގައި މަޝްވަރާތަކެއް އިއްޔެ ކުރިއަށް ގެންދިއުމަށްފަހު އިމާރާތްކުމާއި ބިނާރާއި ބެހޭ ވުޒާރާއިން ކުރި ޕޯސްޓެއްގައި ބުނެފައިވަނީ، މި މަޝްވަރާ ބައްދަލުވުމަކީ ފެނައިން ހިންގަމުންދިޔަ ފެނާއި ނަރުދަމާގެ މަޝްރޫއުތައް ފެން ކުންފުންޏާއި ހަވާލުކޮށް ކުރިއަށް ގެންދިޔުމަށްޓަކައި ޓެކްނިކަލް ލެވަލްގެ މަޝްވަރާ ބައްދަލުވުމެއް ކަމަށެވެ.
ފާއިތުވި ސަރުކާރުން ރާއްޖޭގެ ހުރިހާ ރަށެއްގައި ފެނާއި ނަރުދަމާ ގާއިމްކުރުމަށް އަމާޒު ހިފައި ފެށި މަޝްރޫޢުތަކުގެ ތެރެއިން ފެނަކައިން ކުރަމުން ގެންދިޔަ ގިނަ މަޝްޜޫޢުތަކެއް ވަނީ ނުނިމި ލަސްވެ ދިގުލައިގެން ގޮއްސައެވެ.
ބައެއް ރަށްތަކުގައި މި މަޝްރޫއުތައް ފަށާގައި މެދުކަނޑާލާފައިވާއިރު އަނެއް ބައި ރަށްތަކުގައި މަޝްރޫއުގެ މަސައްކަތް އެއްގޮތަކަށްވެސް ވަނީ ނުފެށިއެވެ.
ފެނަކަ އިން ކުރިއަށް ގެންދިޔަ 16 ރަށެއްގެ ފެނާއި ނަރުދަމާގެ މަޝްރޫއު މިހާރު އެމްޑަބްލިއުއެސްސީ އާ ހަވާލުކުރުމަށް މި ބައްދަލުވުމުގައި ވަނީ މަޝްވަރާކޮށް ނިންމާފައެވެ.