-Advertisement-

-Advertisement-

ފަލަސްތީނުގެ ރައްޔިތުންނަށް އިންސާފު ހޯދައިދިނުމަށް ރާއްޖެއިން ގޮވާލައިފި!

އޯއައިސީ ސަމިޓްގައި މިނިސްޓަރ ޝަހީމް ވާހަކަ ފުޅު ދައްވަނީ

 

އިސްރާޢީލުގެ ރަހުމެއް ނެތް އުދުވާނުގައި ހާލުގައި ޖެހެމުން އަންނަ ފަލަސްތީނުގެ ކުށެއް ނެތް ރައްޔިތުންނަށް މިހާރުން މިހާރަށް އިންސާފު ހޯދައިދިނުމަށް ދިވެހިރާއްޖެއިން ގޮވާލައިފިއެވެ.

ގެމްބިއާގައި އިއްޔެ ފެށި އޯގަނައިޒޭޝަން އޮފް އިސްލާމިކް ކޯޕަރޭޝަން (އޯއައިސީ) ގެ އެންމެ އިސްވެރިންގެ 15 ވަނަ ސަމިޓުގައި ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ޚާއްޞަ މަންދޫބެއްގެ ހައިސިއްޔަތުން ސަމިޓުގައި ބައިވެރިވެވަޑައިގެން ސަމިޓުގައި ވަކާލާތު ކުރައްވަމުން އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވަނީ ފަލަސްތީނުގެ އިންސާފު ހޯދައިދީ އެ ގައުމުގެ ރައްޔިތުންގެ ހައްގުތައް ކަށަވަރުކޮށްދިނުމަށް ގޮވާލައިފައެވެ.

އެގޮތުން އިސްލާމިކް މިނިސްޓަރު ވަނީ، ދާއިމީ ގޮތެއްގައި ހަނގުރާމަ ހުއްޓާލުމަށާއި، އެކަށީގެންވާ ގޮތެއްގައި އަދި ވީ އެންމެ އަވަހަކަށް އިންސާނީ އެހީތެރިކަން ފަލަސްޠީނުގެ ރައްޔިތުންނަށް ފޯރުކޮށްދެއްވާނެކަމުގެ ޔަޤީންކަން ދެއްވުމަށް ގޮވާލައްވައިފައެވެ.

މީގެ އިތުރުން، ދެމެހެއްޓެނިވި ސުލްހައަށްޓަކައި އދ. ގެ ސަލާމަތީ މަޖިލީހުން އަވަސް އަދި ޒަރޫރީ ފިޔަވަޅެއް އަޅާފައި ނުވާކަން ފާހަގަ ކުރައްވައި ޑރ ޝަހީމް ވަނީ، ފަލަސްޠީނުގެ ރައްޔިތުންނާ ދެކޮޅަށް އިސްރާއީލުން ހިންގަމުންދާ ލާއިންސާނީ ޖަރީމާތަކަށް އިސްރާއީލު ޖަވާބުދާރީ ކުރުވުމަށް އިތުރު މަސައްކަތްތަކެއް ކުރުމަށް އިސްލާމީ ގައުމުތަކަށް ގޮވާލައްވައިފައެވެ.

މީގެ އިތުރުން،  1967 ވަނަ އަހަރުގެ ކުރިން އޮތް ބޯޑަރުތަކުގެ މައްޗަށް ބިނާކޮށް، އިރުމަތީ ގުދުސްއަކީ ފަލަސްޠީނުގެ ވެރިރަށުގެ ގޮތުގައި ކަނޑައަޅައި، ފަލަސްޠީނަކީ ސިޔާދަތީ އަދި މިނިވަން ދައުލަތެއްގެ ގޮތުގައި ޤާއިމުކުރުމަށް ރާއްޖެއިން ތާއީދުކުރާކަން ފާހަގަކުރައްވައި، ފަލަސްޠީނަށް އދ. ގެ ފުރިހަމަ މެމްބަރުކަން ހޯދުމަށް ކުރާ މަސައްކަތަށް ރާއްޖެއިން ފުރިހަމައަށް ތާއީދުކުރައްވާ ކަމަށް ވެސް ޝަހީމު ވިދާޅުވިއެވެ.

މީގެ އިތުރުން، މިއަންމާގައި ރޮހިންޔާ ނަސްލު ނައްތާލުމަށް ހިންގަމުން ގެންދާ ލާއިންސާނީ ޢަމަލުތަކުގެ މައްސަލައިގައި އިންޓަނޭޝަނަލް ކޯޓް އޮފް ޖަސްޓިސްގައި މިޔަންމާއާ ދެކޮޅަށް ގެމްބިއާއިން ހުށަހަޅާފައިވާ މައްސަލައިގައި އެޤައުމުން ކުރަމުންދާ މަސައްކަތްތަކުގައި ގާތުން މަސައްކަތްކުރުމުގެ ޝައުގުވެރިކަން ރާއްޖެއިން ގެންގުޅޭކަންވެސް ޑރ ޝަހީމް ވަނީ ފާހަގަ ކުރައްވައިފައެވެ.

އޯއައިސީގެ އިސްލާމިކް ސަމިޓަކީ ކޮންމެ ތިން އަހަރަކުން އެއް ފަހަރު ބާއްވާ މި ސަމިޓެކެވެ. އިސްލާމީ އުއްމަތަށް ކުރިމަތިވާ އެކިއެކި ކަންތައްތަކާ ގުޅޭގޮތުން އިސްލާމީ ޤައުމުތަކުގެ އިސްވެރިން މަޝްވަރާކޮށް، ސިޔާސަތުތައް ކަނޑައަޅައި، އުއްމަތާ ގުޅުންހުރި ކަންކަމުގައި އިރުޝާދު ދިނުމަށް ބާއްވާ ސަމިޓެކެވެ. މި އަހަރުގެ ސަމިޓް ކުރިއަށް ދާނީ މިއަދުގެ ނިިޔަލަށެވެ.

މި އަހަރުގެ ސަމިޓުގެ ޝިއާރަކީ “ދެމެހެއްޓެނިވި ތަރައްޤީއަށްޓަކައި މަޝްވަރާ މެދުވެރިކޮށް އެއްބައިވަންތަކަން އިތުރުކުރުން” އެވެ.

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-