ރާއްޖޭގެ ސިފައިންނާއި އެމެރިކާގެ މޮންޓާނާ ނޭޝަނަލް ގާޑުގެ ސިފައިން ގުޅިގެން ރާއްޖޭގައި ތަމްރީނު ޕްރޮގްރާމެއް ފަށައިފިއެވެ.
މިހާރު ކުރިއަށް ގެންދަނީ “ބްލެކް މާލިން” ނަމަކަށް ކިޔޭ ތަމްރީނުތަކެކެވެ. މިއީ މި މަހުގެ 28 ގެ ނިޔަލަށް ކުރިއަށްގެންދާނެ ތަމްރީނުތަކެއް ކަމަށް އެމްއެންޑީއެފުން މިއަދު ހާމަކޮށްފައިވެއެވެ. އެގޮތުން ބައެއް ތަމްރީނުތައް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ ލ އަތޮޅު ކައްދޫގައިކަމަށް ވެސް އެމްއެންޑީއެފުން އާންމުކޮށްފައިވެއެވެ.
މި ތަމްރީނުތައް ޚާއްޞަކޮށްލެވިފައިވާ ދާއިރާތަކުގެ ތެރޭގައި އިންޓެލިޖަންސް، ލޮޖިސްޓިކްސް، މެޑިކަލް، އީއޯޑީ އަދި އިންފެންޓްރީ ހިމެނެއެވެ.
ތަމްރީން ޕްރޮގްރާމް ރަސްމީކޮށް ފެއްޓުމުގެ ރަސްމިއްޔާތު ބޭއްވީ ބަންޑާރަކޮށީގައެވެ. މި ޚަފްލާގައި ރާއްޖޭގައި ހުންނަވާ އެމެރިކާގެ ސަފީރު ހިއުގޯ ޔޮންއާއާއި މޮންޓާނާ ނޭޝަނަލް ގާޑުގެ އެޖުޓަންޓް ޖެނެރަލް މޭޖަ ޖެނެރަލް ޕީޓަ ރޮނެކް ބައިވެރިވެވަޑައިގެންނެވިއެވެ. ހަމައެހެންމެ ޗީފް އޮފް ޑިފެންސް ފޯސް، މޭޖަ ޖެނެރަލް އިބްރާހިމް ހިލްމީ ވެސް މި ޚަފްލާގައި ބައިވެރިވެވަޑައިގެންނެވިއެވެ.
އެންމެ ފުރަތަމަ އެމެރިކާގެ ސިފައިންނާއި ރާއްޖޭގެ ސިފައިންގެ ގުޅުން ގާއިމްވެގެން ދިޔައީ 2021 ވަނަ އަހަރުގައެވެ. އޭގެ ފަހުން އެކި ފަހަރުގެ މަތިން މޮންޓާނާ ނޭޝަނަލް ގާޑުގެ މި ތަމްރީނުތައް ރާއްޖޭގައި ކުރިއަށްގެންދެވިފައިވެއެވެ.