ފުލުހުން ހިންގި އޮފަރޭޝަނެއްގައި މާލޭގެ ގެޔެއް ބަލައި ފާސްކޮށް މަސްތުވާތަކެއްޗާއެކު މީހަކު ހައްޔަރުކޮށްފިއެވެ.
އެގޮތުން ފުލުހުން ބުނީ، މާލޭ ގެއެއްގައި މަސްތުވާތަކެތީގެ ވިޔަފާރިކުރާކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން ހިންގި އޮޕަރޭޝަނުގައި ކޯޓުއަމުރެއްގެ ދަށުން އުމުރުން 36 އަހަރުގެ ދިވެހި ފިރިހެނެއް ހައްޔަރުކޮށްފައި ވާކަމަށެވެ.
މެއި 2 ވަނަ ދުވަހު ހިންގި މި އޮފްރޭޝަންގައި ހައްޔަރު ކުރި މީހާ ދިރިއުޅުނު އެޕާޓްމަންޓް ބަލައި ފާސްކޮށް މަސްތުވާ ތަކެތި ކަމަށް ބެލެވޭ ތަކެތި ހޯދައިފައިވާކަމަށެވެ.
ހޯދުނު ތަކެތީގެ ވަގުތީބަރުދަނުގައި 4 ކިލޯ ހުރިކަމަށްވެސް ފުލުހުން ބުނެއެވެ.
މި މައްސަލައާ ގުޅިގެން އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން 15 ދުވަހަށް ބަންދުކުރުމަށް ވަނީ އަމުރުކޮށްފައެވެ.
އަދި މި މައްސަލަ ފުލުހުންގެ ޑްރަގް އެންފޯސްމަންޓުން އިތުރަށް ތަހުގީގު ކުރަމުންދާ ކަމުގައިވެސް ފުލުހުން ބުނެއެވެ.