-Advertisement-

-Advertisement-

ކޯރަމް ހަމަނުވެގެން މަޖިލިހުގެ މިއަދުގެ ޖަލްސާވެސް ކެންސަލް!

ރައްޔިތުން މަޖިލީހުގެ ރައީސް މުހައްމަދު އަސްލަމް -- ފޮޓޯ: ރައްޔިތުންގެ މަޖިލީސް

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާ ފެށުމަށް ބޭނުންވާ މެންބަރުންގެ އަދަދު ހަމަނުވުމުގެ ސަބަބުން ނިންމާލައިފިއެވެ.

09:00 ފެށުމަށް ހަމަޖެހިފައިވާ މިއަދުގެ ޖަލްސާގެ ލައިވް ވެސް ފަށައިފައިވަނީ ކަނޑައެޅިފައިވާ ވަގުތުގެ މާ ފަހުންނެވެ.

ޖަލްސާ ފެށުމާއެކު މަޖިލީހުގެ ރައީސް މުހައްމަދު އަސްލަމް ވިދާޅުވީ، ބައެއް މެންބަރުން ތަޅުމުގެ ބޭރުގައި މަޑުކޮށްގެން ތިބުމުން 10:00 އަލުން ފަށާނެކަން އިއުލާނުކުރައްވައި ޖަލްސާ މެދުކަނޑާލައިފައެވެ.

އަދި ދެވަނަ ފަރަށް ފެށުމަށްފަހުވެސް ޖަލްސާގެ ކޯރަމް ހަމަނުވުމުގެ ސަބަބުން، އިތުރު އެއް ގަޑިއިރަށް ބެލުމަށްފަހު ޖަލްސާ މެދުކަނޑާލާނެން އިއުލާނުކޮށް ޖަލްސާ އަނެއްކާވެސް މެދު ކަނޑާލައިފައެވެ.

ނަމަވެސް، 11:00 ޖަހައި ދިޔަ ފަހުން ވެސް މަޖިލީހުގެ ކޯރަމް ހަމަވެފައި ނުވެ އެވެ. އަސްލަމް ވިދާޅުވީ، އެ ވަގުތު މަޖިލީހަށް ހާޒިރުވެ ތިބީ އެންމެ 10 މެންބަރުން ކަމަށެވެ

ގާނޫނުއަސާސީ ބަޔާންކުރާ ގޮތުން 87 މެންބަރުން ތިބޭ މި 19 ވަނަ މަޖިލީހުގެ ޖަލްސާތައް ކުރިއަށް ގެންދަން 22 މެންބަރުން މަދުވެގެން ހާޒިރުވާންޖެހެއެވެ. އެ އަދަދު ހަމަނުވާނަމަ، ޖަލްސާ ކުރިއަކަށް ނުގެންދެވޭނެއެވެ.

ފާހަގަކޮށްލެވޭ ގޮތުގައި ކޯރަމް ހަމަނުވެގެން މިއަދުގެ ޖަލްސާ ވެސް ނުފެށުނުއިރު، މަޖިލީހުގައި ނުނިމި ގިނަ މަސައްކަތްތަކެއް އެބަހުއްޓެވެ.

މި ހިނގާ 19 ވަނަ މަޖިލީހުގެ ފަހު ޖަލްސާ ބާއްވަން ތާވަލުކޮށްފައި އޮތީ އަންނަ ހޯމަ ދުވަހުއެވެ. އޭގެ ކުރިއަށް އަންނަ ބުރާސްފަތި ދުވަހާއި އާދިއްތަ ދުވަހަށް ވެސް ޖަލްސާ އެޖެންޑާކޮށްގެން މަސައްކަތްތައް ނިންމަން ހުރަހެއް ނެތް ކަމަށް މަޖިލީހުގެ އިދާރާއިން ވަނީ ބުނެފައެވެ.

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-