-Advertisement-

-Advertisement-

ޑޮކްޓަރުންގެ އަގުވެއްޓޭގޮތަށް ޚަބަރު ފެތުރުން ކުށްވެރިކޮށްފި

އައިޖީއެމްއެޗް ހޮސްޕިޓަލް

ސިއްހީ ދާއިރާގެ ފަންނީ ބޭފުޅުންނަށް، ހާއްސަކޮށް ޑޮކްޓަރުންނަށް އަމާޒުކޮށްގެން ސިއްހީ ހިދުމަތްތެރިންގެ އަގު ވެއްޓޭގޮތަށް މީޑިއާތަކުގައި ހަބަރު ފެތުރުން މޯލްޑިވްސް މެޑިކަލް އެސޯސިއޭޝަން، އެމްއެމްއޭ އިން ކުށްވެރިކޮށްފިއެވެ.

ދާދިފަހުން، އައިޖީއެމްއެޗްގައި ވިހެއި ތުއްތުކުއްޖަކަށް އެކަށީގެންނުވާ ގޮތަށް ސިއްހީ ފަރުވާ ދިނުމަށް މަސައްކަތް ކުރި ކަމަށް ބުނެ މީސް މީޑިއާގައި ކުރި ޕޯސްޓަކާއި ގުޅިގެން އެ އެސޯސިއޭޝަނުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، ސިއްހީ ދާއިރާގެ ފަންނީ ބޭފުޅުންނަށް އަމާޒުކޮށްގެން ސިއްހީ ހިދުމަތްތެރިންގެ އަގުހުރި ހިދުމަތުގެ އަގު ވެއްޓި ސިއްހީ ދާއިރާއިން ހިދުމަތްތަކާ މެދު އިތުބާރު ގެއްލޭގޮތަށް ބައެއް ފަރާތްތަކުން ސޯޝަލް މީޑިއާގައި ވާހަކަތައް ފަތުރައި ފޮޓޯ އާއްމުކުރަމުން އަންނަ ކަމުގައެވެ.

ޚާއްސަކޮށް ޑޮކްޓަރުނަށް އަމާޒުކޮށް ހިންގޭ މިފަދަ އަމަލުތައް ހަރުކަށި އިބާރާތުން ކޮށްވެރިކުރާކަން ފާހަގަކޮށް އެ އެސޯސިއޭޝަނުން ބުނެފައިވަނީ، ކަމުގެ ހަގީގަތާއި ފުރިހަމަ މައުލޫމާތު ނޭނގި އެފަދަ ވާހަކަތައް މުޖުތަމައުގެ ތެރޭގައި ފެތުރުމުގެ ނޭދެވޭ އަސަރު އެންމެ ބޮޑަށް ކުރާނީ ސިއްހީ ހިދުމަތަށް ބޭނުންވެފައިވާ އާންމު ރައްޔިތުންނަށްކަމުގައެވެ.

އަދި މިފަދައިން އަމަލުކޮށް ސިއްހީ މުޅި ނިޒާމަށް އޮތް އިތުބާރު ގެއްލުވާލުމަކީ ކުރަން ނުޖެހޭ އެތައް ހޭދައެއްކޮށް ތަކުލީފުތައް އުފުލައިގެން ރާއްޖެއިން ލިބެން ހުންނަ ފަރުވާ ހޯދުމަށް ރާއްޖެއިން ބޭރަށް ދިއުމުގެ ސަގާފަތް ދިރުވޭ ކަމެއްކަމުގައި މޯލްޑިވްސް މެޑިކަލް އެސޯސިއޭޝަނުންގެ ބަޔާނުގައި ބުނެފައިވެއެވެ.

މީގެ އިތުރުން އެ އެސޯސިއޭޝަނުން ބުނީ ސިއްހީ ހިދުމަތްތެރިން ދިވެހިރާއްޖޭގައި މަސައްކަތް ކުރަމުން ދަނީ އެކިކަހަލަ ގިނަގުނަ ގޮންޖެހުން ތަކަކާއި އެކު ކަމުގައިވީހިނދު، މިފަދަ އަމަލުތަކުގެ ސަބަބުން އެފަރާތްތަކުގެ ހިތްތަކުގައި އިތުރަށް މާޔޫސްކަން އުފެދި، ރަނގަޅު ޕްރޮފެޝަނަލް ހިދުމަތްތެރިން ހިދުމަތުގައި ދެމެހެއްޓުމުގައި އިތުރު ދަތިތަކަކާއި ދިމާވާ ކަމަށެވެ.

އެހެންކަމުން އެ އެސޯސިއޭޝަނުން ވަނީ ސިއްހީ ފަރުވާއާއި ގުޅުންހުރި ކަންކަމުގައި ރަނގަޅު މައުލޫމާތު އިނގިހުރެ، ހަގީގަތް ރަނގަޅަށް ބެލުމަށްފަހު މެނުވީ ސޯޝަލް މީޑިއާގައި ތަފާތު ވާހަކަތައް ނުފެތުރުމަށާއި ސިއްހީ ހިދުމަތްދޭ ފަރާތްތަކަށް އެމީހުންގެ ހިދުމަތް ކުރިއަށް ގެންދިޔުމަށް މުޖުތަމައުގެ ފަރާތުން ބޭނުންވާ އެހީތެރިކަން ދިނުމަށް ގޮވާލައިފައެވެ.

ޑޮކްޓަރުންނަށާއި ނަރުހުންނަށް ބިރު ދައްކައި، އަގު ވައްޓައިލުމުގެ ގޮތުން ސޯޝަލް މީޑިއާގައި މީގެ ކުރިން ވެސް ބައެއް އާންމުން ޕޯސްޓުތައް ޖަހައިފައިވެއެވެ. އާންމުކޮށް އެ ފަދަ ޕޯސްޓުތައް ޖަހަނީ ހޮސްޕިޓަލުން ދޭ ޚިދުމަތަކާމެދު ނުރުހުންވުމުންނެވެ.

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-