-Advertisement-

-Advertisement-

މާލޭގައި ފެންބޮޑުވާ މައްސަލަ ހައްލުކުރުމަށް މަޝްރޫޢެއް ފަށައިފި

ބޯކޮށް ވާރޭ ވެހޭ ދުވަސްތަކުގައި މާލޭގެ މަގުތަކުގައި ފެންބޮޑުވާ މައްސަލަ ހައްލުކުރުމަށް ސަރުކާރުން އިއްޔެ މަޝްރޫޢެއް ފަށައިފިއެވެ.

މިއީ ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަނުން އިސްނަގައިގެން ކުރިއަށް ގެންދާ މަޝްރޫޢެކެވެ. މި މަޝްރޫޢުގައި އިތުރަށް ބައިވެރިވަނީ އެމްއެންޑީއެފާއި އިންފްރާންސްޓްރަކްޗާ މިނިސްޓްރީއެވެ.

މި މަޝްރޫޢު ފެށުމުގެ ރަސްމިއްޔާތު ކުރިއަށް ގެންދިޔައީ މާލޭ ސިޓީގެ ވެސްޓްޕާކް ސަރަހައްދުގައެވެ. މި ރަސްމިއްޔާތު ޝަރަފުވެރި ކޮށްދެއްވީ އިންފްރާންސްޓްރަކްޗާ މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބާއި، ޑިފެންސް މިނިސްޓަރު ޤައްސާން މަޢުމޫން އަދި ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި އާންމު ހިދުމަތްތަކާ ބެހޭ މިނިސްޓަރު އާދަމް ޝަރީފެވެ.

އިންފްރާންސްޓްރަކްޗާ މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބު މި ރަސްމިއްޔާތު ފެއްޓެވުމުގެ ގޮތުން ވާހަކަފުޅު ދައްކަވަމުން ފާހަގަކުރެއްވީ މި މަޝްރޫޢަކީ މާލޭގެ މަގުތައް ޒަމާނީ ފެންވަރަށް ތަރައްޤީ ކުރުމަށް ފެށުމުގެ ކުރިން މާލޭގެ މަގުތަކުގައި ފެންބޮޑުވާ މައްސަލަ ވަގުތީ ގޮތުން ހައްލު ކުރުމަށް ފެއްޓެވި މަޝްރޫޢެއް ކަމަށެވެ. މުއްތަލިބު ފާހަގަ ކުރެއްވި ގޮތުގައި ކުރިމަތިވަމުން މި އަންނަ ޖޫން ޖުލައި މަހުގެ ވިއްސާރަ ކުރިމަތި ވުމުގެ ކުރިން މި މައްސަލައަށް ވަގުތީ ހައްލެއް ހޯދަން ޖެހެއެވެ.

މި މައްސަލަ ހައްލު ކުރުމަށް މިހާރު ރޭވިފައިވާ ރޭވުންތައް ހިއްސާ ކުރައްވާ މުއްތަލިބު ވިދާޅުވީ އެ ސަރަހައްދަށް ޖަމާވާ ފެން ބޭރުކުރުމަށް ކަނޑަށް ދާގޮތަށް ސީވޯލެއް ކެނޑުމާއި ޕަމްޕް ބޭނުން ކުރަން ޖެހިއްޖެ ހާލަތެއްގައި އެ ބޭނުންކޮށްގެން ކުރަން ޖެހޭ މަސައްކަތްތައް ކުރުމަށް ހަމަޖެހިފައިވާކަމަށެވެ.

މީގެ އިތުރުން މާލޭގެ މަގުތަކުގައި ފެންބޮޑުވާ މައްސަލަ ހައްލުކުރުމަށް ބޭނުންވާ ބޮޑެތި ޕަންޕުތައް ގެނައުމުގެ މަސައްކަތް މިހާރު ކުރިއަށްދާކަން މުއްތަލިބު ފާހަގަކުރެއްވިއެވެ. ހަމައެހެންމެ އަމީނީމަގުގައި ހުރި ޕަންޕުތައް އަޕްގްރޭޑް ކުރުމުގެ މަސައްކަތްތައް ކުރަމުން ގެންދަވާކަން ވެސް އެ މަނިކުފާނު ފާހަގަކުރެއްވިއެވެ.

މޫސުމަށް އަންނަ ބަދަލުތަކާ އެކު ރާއްޖެއަށް ލިބޭ ގެއްލުންތައް ހައްލުކުރުމަށް ސަރުކާރުން ވަރަށް މުހިންމު އިސްކަމެއް ދޭ ކަމަށް މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން އާދަމް ޝަރީފް ވަނީ ވިދާޅުވެފައެވެ.

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-