-Advertisement-

-Advertisement-

މެޑިކަލް ސްކޫލް އިމާރާތް ކުރާނެ ބަޔަކު ހޯދަން އިއުލާނުކޮށްފި

އެމްއެންޔޫ

ދިވެހިރާއްޖޭގެ ޢައުމީ ޔުނިވަރސިޓީގެ މެޑިކަލް ސްކޫލު އިމާރާތްކޮށްދޭނެ ބައެއް ހޯދުމަށް އިއުލާނުކޮށްފިއެވެ.

އެ ޔުނިވަރސިޓީގެ މެޑިކަލް ސްކޫލުގެ އިތުރުން ޓީޗީން ހޮސްޕިޓަލާއި ފެކަލްޓީ އޮފް ހެލްތް ސައިންސް އާއި ސްކޫލް އޮފް ނާސިންގެ އިމާރާތްކޮށް ދޭނެ ބަޔަކު ހޯދުމަށް މިދިޔަ ބުރާސްފަތި ދުވަހު ކުރި އިއުލާނުގައި ވާގޮތުން މެޑިކަލް ސްކޫލާއި ޓީޗީން ހޮސްޕިޓަލް އެޅުމަށް ހަމަޖެހިފައި ވަނީ ޔުނިވަސިޓީން ދޭ ޑިޒައިނާ އެއްގޮތަށެވެ.

ޕާކިސްތާނު ސަރުކާރުގެ ހިލޭ އެހީގެ ދަށުން ކުރިއަށްގެންދާ މި މަޝްރޫއުތަކުގެ ތެރެއިން ސްކޫލް އޮފް ނާސިން އާއި އެކަމަޑޭޝަން ބްލޮކްގެ މަސައްކަތް ކޮށްދޭނެ ބަޔަކު ހޯދުމަށް އިއުލާންކޮށްފައި ވަނީ ޑިޒައިންނާއި ބިލްޑް އުސޫލުގެ ދަށުންނެވެ.

މި ދެ މަޝްރޫއުގެ މަސައްކަތަށް ޝައުގުވެރިވާ ފަރާތްތަކަށް އަންނަ ޖޫން މަހު 24 ވަނަ ދުވަހުގެ ނިޔަލަށް ޕްރޮޕޯސަލް ހުށަހެޅުމުގެ ފުރުސަތު ވަނީ ހުޅުވާލައިފައެވެ.

މެޑިކަލް ސުކޫލަކީ އެއްފަހަރާ 100 ދަރިވަރުންނަށް ކިޔަވައި ދެވޭނެ ޒަމާނީ ވަސީލަތްތަކާއެކު ގާއިމްކުރާ ތަނެކެވެ. އަދި ޓީޗިންގ ހޮސްޕިޓަލް ތަރައްގީ ކުރަނީ 300 އެނދުގެ ހޮސްޕިޓަލެއް ގޮތަށް، ބަލި މީހުންނަށް ޚިދުމަތް ދެވޭ ފެންވަރަށް ޒަމާނީ ޓެކްނޮލޮޖީއާ އެކުއެވެ. ދެ އިމާރާތްވެސް އެޅުމަށް ހަމަޖެހިފައިވަނީ ހުޅުމާލޭގައެވެ. އެހެންކަމުން ހުޅުމާލެއިން 5،700 އަކަމީޓަރުގެ ސަރަހައްދެއް ވަނީ އެކަމަށް ހަމަޖައްސައިފައެވެ.

އެމްއެންޔޫއިން ހާމަކުރި ގޮތުގައި މެޑިކަލް ސްކޫލާއި ޓީޗިން ހޮސްޕިޓަލް ޑިޒައިންކޮށްފައި ވަނީ ޕާކިސްތާނުގެ އާތިފު ނަޒަރު ޕްރައިވެޓް ލިމިޓެޑުންނެވެ. މެޑިކަލް ޓޫރިޒަމަށްވެސް މަގުފަހިވާ ގޮތަށް އިމާރާތް ކުރާ އެ ސްކޫލާއި ހޮސްޕިޓަލުގައި ކިޔަވާ ދަރިވަރުންނަށް ހާއްސަ އެކޮމޮޑޭޝަން ބްލޮކެއް ވަކިން ހުންނާނެއެވެ.

އޭގެ އިތުރުން، ހުޅުމާލޭގެ 69912.28 އަކަ މީޓަރުގެ ސަރަހައްދެއްގައި އެޅުމަށް ހަމަޖެހިފައިވާ އިމާރާތެއްގައި ފެކަލްޓީ އޮފް ހެލްތް ސައިންސް އާއި ސްކޫލް އޮފް ނާސިންއަށް ވަކިވަކިން އިމާރާތް ޚާއްސަކުރުމަށް ހަމަޖެހިފައިވާ ކަމަށާއި އެ ތަނުގައި އެކަމަޑޭޝަން ބްލޮކްއާއި ކުޅިވަރު ކުޅުމަށް ޚާއްސަ ސަރަޙައްދަކާއި ކޮންފަރެންސް ހޯލްފަދަ ދަރިވަރުންނަށް މުހިއްމު ތަންތަން އިމާރާތް ކުރުމަށް ހަމަޖެހިފައިވާ ކަމަށް ޔުނިވަސިޓީން ބުނެފައިވެއެވެ.

އެމްއެންޔޫ މެޑިކަލް ސްކޫލުގެ ކިޔެވުން މިހާރު ކުރިންއަށް ގެންދަނީ ދަރުމަވަންތަ ހޮސްޕިޓަލުގައެވެ. އެހެން ނަމަވެސް މި ފަހުން އެ ހޮސްޕިޓަލްގެ ޖާގަ އިތުރުކުރުމަށް އެ ތަން ހުސްކުރުމަށް އެންގުމާއެކު ގިނަ ދަރިވަރުންތަކެއް ވަނީ އެކަމާއި ކަނބޮޑުވުން ފާޅުކޮށްފައެވެ. ވުމާއެކު އެ ކަންބޮޑުވުންތައް އަޑުއައްސަވައި ފަހުން ރައީސް ވަނީ އެތަނުގައި މެޑިކަލް ސްކޫލުގެ ކިޔެވުން ކުރިއަށް ގެންދެވޭނެކަން ހާމަކުރައްވައިފައެވެ.

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-