ޤަތަރަށް ކުރައްވާ ރަސްމީ ދަތުރުފުޅެއްގައި ފޮރިން މިނިސްޓަރު މޫސާ ޒަމީރު ރޭ ފުރައިވަޑާއިގެންފިއެވެ.
މިނިސްޓަރ ގަތަރަށް ކުރައްވާ 2 ދުވަހުގެ މި ދަތުރުފުޅުގައި ޤަތަރުގެ ބޮޑުވަޒީރާއި ހާރިޖީ ވަޒީރު ޝައިހު މުހައްމަދު ބިން އަބްދުއްރަހްމާން ބިން ޖާސިމް އަލް ޘާނީ އާ އެކުގައި މަތީ ފެންވަރުގެ މަޝްވަރާ ބައްދަލުވުންތައް ބޭއްވުމަށް ހަމަޖެހިފައިވާ ކަމުގައި ފޮރިން މިނިސްޓްރީން ބުނެއެވެ.
މަޤާމާއި ހަވާލުވެވަޑައިގެންފަހުން ޤަތަރަށް ކުރައްވާ ފުރަތަމަ ދަތުރުފުޅުގައި މިނިސްޓަރ އެ ޤައުމަށް ވަޑައިގެންނެވި އިރު، މި އަހަރަކީ ރާއްޖެއާއި ޤަތަރުގެ ގުޅުމަށް 40 އަހަރު ފުރޭ އަހަރުވެސް މެއެވެ.
މިނިސްޓަރ ގެ މި ދަތުރުފުޅުގައި ސެކްރެޓަރީ، ބައިލެޓަރަލް ޑރ. ހާލާ ހަމީދާއި އެމްބެސެޑާ އެޓް ލާޖް އަދި ރާއްޖެ އިން ޗައިނާ އަށް އެންމެ ފަހުން ކަނޑައެޅި އާ ސަފީރު ޑރ. ފަޒީލް ނަޖީބާއި ފޮރިން މިނިސްޓްރީގެ އެސިސްޓެންޓް ޑިރެކްޓަރު ލަމްހާ ސަލީމް ބައިވެރިވެވަޑައިގަންނަވައެވެ.
ފޮރިން މިނިސްޓްރީން ބުނީ ޒަމީރުގެ މި ދަތުރުގައި ސަރުކާރުގެ ބައެއް އެހެން އޮފިޝަލުންނާ ބައްދަލު ކުރައްވައި އެކި ދާއިރާތަކުން އެހީތެރިވުމާ ގުޅޭ ގޮތުން މަޝްވަރާ ކުރާނެ ކަމަށެވެ.