-Advertisement-

-Advertisement-

ބިންވެރިޔާ ސްކީމްގެ ދަށުން ގޯތިތައް ހަވާލު ކުރުން ލާޒިމް ކުރި ބިލު މަޖިލީހުން ބާޠިލު ކޮށްލައިފި

ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު މީކާއިލް ނަސީމް

ކުރީ ސަރުކާރުގައި ބިންވެރިޔާ ސްކީމްގެ ދަށުން ދޫކުރި ގޯތިތައް ތިން މަސްދުވަހުގެ ތެރޭގައި ހަވާލު ކުރުން ލާޒިމު ކޮށް، ރައްޔިތުންގެ މަޖިލީހުން ފާސްކުރި ދިވެހިރާއްޖޭގެ ބިމާބެހޭ ޤާނޫނަށް 9 ވަނަ އިޞްލާޙު ގެނައުމުގެ ބިލު ރައިސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ތަސްދީޤު ނުކުރައްވައި އަނބުރާ މަޖިލީހަށް ފޮނުވާލުމުން، އެ ބިލު މަޖިލީހަށް ބަލައި ނުގަނެ ބާޠިލު ކޮށްލައިފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއިލް އަޙްމަދު ނަސީމް، ބިމާ ބެހޭ ޤާނޫނަށް 9 ވަނަ އިސްލާހު ގެނައުމަށް ހުށަހެޅުއްވި ބިލު މަޖިލީހުން ފާސް ކުރި ނަމަވެސް، ރައީސް ވަނީ ތަސްދީގު ނުކުރައްވައި އަނބުރާ ފޮނުއްވަވައިފައެވެ. ބިލާ ގުޅޭ ގޮތުން މަޖިލީހުން ދެވަނަ ވިސްނެވުމަށް ދިޔުމަށް އަނބުރާ ބިލު ފޮނުއްވެވުމުން، އިއްޔެގެ ޖަލްސާގައި އެ ބިލު އަނބުރާ ކޮމިޓީއަށް ފޮނުވުމަށް ވޯޓަށް އެހިއެވެ. އެހެން ނަމަވެސް އެ ވޯޓުގައި ޕީއެންސީގެ ސުޕަރ މެޖޯރިޓީ އޮތް ރައްޔިތުންގެ މަޖިލީހުގެ 75 މެމްބަރުން ވޯޓު ދެއްވީ އެ ބިލު އަނބުރާ ކޮމިޓީއަށް ފޮނުވުމަށް ނުފެންނަކަމަށެވެ. ބިލު އަނބުރާ ކޮމިޓީއަށް ފޮނުވުމަށް ފެންނަ ކަމަށް ވޯޓު ދެއްވީ އެމްޑީޕީގެ 12 މެމްބަރުންނެވެ. އެހެންކަމުން އެ ހުށަހެޅުން ފާހެއް ނުވިއެވެ.

އެ ހުށަހެޅުން ފާސްނުވުމާ ގުޅިގެން މަޖިލިސް ގަވައިދުގައިވާ ގޮތުގެ މަތިން ބިލު އޮތް ގޮތަށް ފާސް ކުރަން ވޯޓު ނެގި ނަމަވެސް، ސަރުކާރަށް މެޖޯރިޓީ އޮތް މަޖިލީހުން ވޯޓު ދިނީ ބިލު ބޭރުކޮށްލުމަށެވެ. ބިލު ފާސް ކުރުމާ ދެކޮޅަށް 76 މެންބަރުން ވޯޓު ދެއްވިއެވެ. ފާސް ކުރަން ވޯޓު ދިނީ އެމްޑީޕީގެ މެންބަރުން އެކަންޏެވެ.

ނިމިދިޔަ 19 ވަނަ މަޖިލީހުގައި އަޣުލަބިއްޔަތު އޮތް އެމްޑީޕީގެ މެމްބަރުންގެ ވޯޓުން ފާސް ކުރި އެ ބިލަކީ ކުރީގެ ރައީސް އިބްރާހިމް މުޙައްމަދު ޞާލިހުގެ ސަރުކާރުން ފެށި “ބިންވެރިޔާ” ސްކީމްގެ ދަށުން މާލެ ރައްޔިތުންނަށް ދޫކުރި ގޯތިތަކުގެ ދާއިމީ ލިސްޓު އާންމު ކުރިތާ އެތައް ދުވަހެއްވީ ނަމަވެސް، މި ސަރުކާރުން އެ ގޯތިތައް ހަވާލު ނުކުރާ ކަމަށް ވިދާޅުވެ އެ ބިލު ހުށަހެޅުއްވީ ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއިލް އަޙްމަދު ނަސީމެވެ.

ކުރީ ސަރުކާރުގައި ބިންވެރިޔާ ސްކީމްގެ ދަށުން ދިން ގޯތިތައް ތިން މަސް ދުވަހުގެ ތެރޭގައި ހަވާލު ކުރުން ލާޒިމްކޮށް، ރައްޔިތުންގެ މަޖިލީހުން ފާސްކުރި ދިވެހިރާއްޖޭގެ ބިމާބެހޭ ޤާނޫނުއަށް 9 ވަނަ އިޞްލާޙު ގެނައުމުގެ ބިލަކީ، އޭޕްރީލް މަހުގެ 13 ވަނަ ދުވަހު ބޭއްވި 19 ވަނަ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއިން ފާސްކޮށްފައިވާ ބިލެކެވެ. އަދި އެ ބިލު ތަސްދީޤު ނުކުރައްވައި ރައީސުލްޖުމްހޫރިއްޔާ އަނބުރާ ރައްޔިތުންގެ މަޖިލީހަށް ފޮނުއްވާ ލެއްވީ، 19 ވަނަ ރައްޔިތުންގެ މަޖިލީހުގެ އެންމެ ފަހު ޖަލްސާ ބޭއްވިތާ 4 ދުވަސް ފަހުން ހުސްވި މެއި މަހުގެ 17 ވަނަ ދުވަހުގައެވެ.

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-