-Advertisement-

-Advertisement-

ކުލާސްތަކުން ވަކިވަކި ވައިބާ ގުރޫޕްތައް ނުހެދުމަށް އެޑިއުކޭޝަން މިނިސްޓްރީން އިލްތިމާސް ކޮށްފި

މާލޭގެ ސުކޫލެއްގައި ދަރިވަރުންގެ އެސެމްބްލީ ކުރިއަށް ދަނީ. ފޮޓޯ: މޯލްޑިވްސް ބިޒްނަސް ރިވިއު

ކުލާސްތަކަށް ވަކިން ވައިބާގައި ގުރޫޕް ނުހެދުމަށް އަންގާ އެޑިއުކޭޝަން މިނިސްޓްރީން ސްކޫލްތަކަށް ސާކިއުލާއެއް ފޮނުވައިފިއެވެ.

ފަހަކަށް އައިސް ސްކޫލްތަކުގެ ޓީޗަރުންނާއި ބެލެނިވެރިން މުއާމަލާތް ކުރަން ކްލާސްތަކުން ވަކިވަކި ވައިބާ ގުރޫޕް ހެދުމަކީ އާންމުކަމެކެވެ. މި ގުރޫޕްތަކުގައި ދަރިވަރުންނަށް ދޭ ފިލާވަޅުތަކާއި ސްކޫލަށް ގެންދަން ޖެހޭ ތަކެއްޗާއި އިތުރު ހަރަކާތްތަކާ ގުޅޭ މައުލޫމާތުތައް ޓީޗަރުން ހިއްސާ ކުރެއެވެ.

ނަމަވެސް އެޑިއުކޭޝަން މިނިސްޓްރީން އިއްޔެ ސުކޫލުތަކަށް ފޮނުވި ސާކިއުލާގައި ބުނެފައި ވަނީ ސްކޫލުތަކުން ބެލެނިވެރިންނާ މުއާމަލާތް ކުރުމަށް ބޭނުން ކުރާ ސޯޝަލް މީޑިއާގެ ޕްލެޓްފޯމްތަކަކީ އެއް ފަރާތުން މުއާމަލާތު ކުރާގޮތަށް ހެދިފައިވާ ކޮމިއުނިޓީ ގްރޫޕްތަކަކަށް ބަދަލު ކުރަން އެ މިނިސްޓްރީން އެދޭކަމަށެވެ. މި ކޮމިއުނިޓީ ގުރޫޕްތަކަކީ ސްކޫލުގެ ޑިޖިޓަލް ނޯޓިސް ބޯޑެއްގެ ގޮތުގައި ބޭނުން ކުރެވިދާނެކަމަށް ވެސް އެޑިއުކޭޝަން މިނިސްޓްރީގެ ސާކިއުލާގައި ބަޔާންކޮށްފައިވެއެވެ.

ބެލެނިވެރިންގެ ގިނަ ސުވާލުތަކެއް މިހާރު ހަދާފައި ހުންނަ ވައިބާ ގްރޫޕްތަކުގައި ޓީޗަރުންނަށް ކުރަމުންދެއެވެ. އެހެންކަމުން ގިނަ ވަގުތު އެ ސުވާލުތަކަށް ޖަވާބު ދިނުމަށް އޮންލައިންގައި ތިބެން ޖެހުމަކީ ޓީޗަރުންގެ އަމިއްލަ ދިރިއުޅުމަށް ވަގުތު ދިނުމަށް ހުރަސްއެޅޭ ކަމެކެވެ. އެހެންކަމުން އެ ކަމަކީ ޓީޗަރުންގެ ވަރަށް ބޮޑު ކަންބޮޑުވުމެއް އޮތް ކަމެއްގެ ގޮތުގައި ފާހަގަކޮށްލެވެއެވެ. ވުމާއެކު ވައިބާ ގްރޫޕްތައް ހިންގަން ވަކި އުސޫލެއް ކަނޑައަޅުއްވާނެކަމަށް އެޑިއުކޭޝަން މިނިސްޓަރު ޑރ. އިސްމާއިލް ޝަފީއު މީގެ ކުރިން ވަނީ ވިދާޅުވެފައެވެ.

މީގެއިތުރުން އެވ ސާކިއުލާގައި ވަނީ ރަސްމީ މުއާމަލާތު ކުރުމަށް ކޮމިއުނިޓީ ގްރޫޕެއް ހަދާ ނަމަ، ކޮމިއުނިޓީ ގުރޫޕްގައި މެސެޖުތައް ކުރަންވީ ވަގުތެއް ވެސް ކަނޑައަޅާފައެވެ. އެގޮތުން ސްކޫލުން ބެލެނިވެރިންނާ މުއާމަލާތު ކުރުމަށް ބޭނުން ކުރާ ކޮމިއުނިޓީ ގްރޫޕް މެދުވެރިކޮށް މެސެޖު ފޮނުވާ އެންމެ ލަސް ގަޑިއަކީ ސްކޫލުގެ ކިޔަވައިދިނުމުގެ ދަންފަޅި ނިމޭތާ ދެ ގަޑިއިރަށް ވުރެ ލަސް ގަޑިއަކަށް ނުހަދަން އެ ސާކިއުލާގައި އެދިފައިވެއެވެ.

އެޑިއުކޭޝަން މިނިސްޓްރީން މިއަދު ސްކޫލްތަކަށް ފޮނުވި ސާކިއުލާގައި ބުނީ ދަރިވަރުންނަކީ އަމިއްލަ އުނގެނުމަށް ޒިންމާވާ ބަޔަކަށް ހެދުމަށްޓަކައި ސްކޫލްތަކުން ކުރާ މަސައްކަތްތައް އިތުރުކޮށް ހަރުދަނާ އުސޫލުތަކެއް ގާއިމް ކުރަން ޖެހޭކަމަށެވެ. އަދި ދަރިވަރުންނާ ހަވާލު ކުރެވޭ މަސައްކަތްތައް ބެލެނިވެރިޔާއަށް އެންގުމަށް ގްރޫޕްތައް ބޭނުން ކުރުމުގެ ބަދަލުގައި ދަރިވަރުންގެ އަމިއްލަ އުނގެނުމަށް ޒިންމާވާން ދަސްވާނެ ފަދަ އާދަތައް އަށަގެންނެވުމަށް މަސައްކަތް ކުރުމަށް ވެސް ސާކިއުލާގައި މިނިސްޓްރީން ސްކޫލްތަކަށް ވަނީ އަންގައިފައެވެ.

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-