-Advertisement-

-Advertisement-

ބިދޭސީ މަސައްކަތްތެރިންގެ ފީގެ ގޮތުގައި 1.7 ބިލިއަން ރުފިޔާ ދައުލަތަށް ނުލިބި އެބަ އޮތް

ރާއްޖޭގައި ތިބި ބައެއް ބިދޭސީން. ފޮޓޯ: އަސްލު ނޫސް

ރާއްޖޭގައި ވަޒީފާ އަދާކުރާ ބިދޭސީ މަސައްކަތްތެރިންގެ ފީގެ ގޮތުގައި ދައުލަތަށް ދައްކަން ޖެހޭ ފައިސާގެ ތެރެއިން 1.7 ބިލިއަން ރުފިޔާ މިހާތަނަށް އައި އިރު ދައުލަތަށް ނުލިބި އެބަ އޮތްކަމަށް ހޯމްލޭންޑް މިނިސްޓްރީން ބުނެފިއެވެ.

ހޯމް މިނިސްޓްރީން މި ކަން އާންމު ކުރީ ގެޒެޓު މެދުވެރިކޮށް ކުރި އިއުލާނެއްގައެވެ. އެ އިއުލާނުގައި މިހާތަނަށް ނުލިބި އޮތް 1.7 ބިލިއަން ރުފިޔާއަކީ 10619 ވަޒީފާދޭ ފަރާތެއްގެ ނަންމަތީގައި ރަޖިސްޓަރީ ކޮށްފައިވާ 102807 ބިދޭސީ މަސައްކަތްތެރީންގެ ޖުމްލަ ފީ ކަމަށް ބުނެފައިވެއެވެ.

ވަޒީފާ އަދާ ކުރާ ބިދޭސީންނާ ގުޅިގެން ވަޒީފާ ދޭ ފަރާތަށް ގާނޫނުން ލާޒިމު ކުރާ އެންމެހާ ފީތަކާއި ޖޫރިމަނާތައް މި މަހުގެ 18 ވަނަ ދުވަހުގެ ކުރިން ހޯމް މިނިސްޓްރީއަށް ދެއްކުމަށް އެ މިނިސްޓްރީން ވަނީ އަންގާފައެވެ. އަދި މި ކަމާ ގުޅިގެން ހޯމްލޭންޑް މިނިސްޓްރީން ހާމަކުރީ އެ މުއްދަތުގެ ނިޔަލަށް ފީއާއި ޖޫރިމަނާ ނުދައްކާ ފަރާތްތައް އާންމުކޮށް އިއުލާން ކުރާނެކަމަށެވެ. މީގެ އިތުރުން މި މަހުގެ 18 ވަނަ ދުވަހާ ހަމައަށް ފީއާއި ޖޫރިމަނާ ނުދައްކާ ފަރާތްތައް އެކްސްޕެޓް ސިސްޓަމް މެދުވެރިކޮށް ސަސްޕެންޑު ކޮށް، އައު ހުއްދަތައް ދޫކުރުން މެދުކަނޑާލާނެކަމަށް ވެސް ހޯމްލޭންޑް މިނިސްޓްރީން ހާމަކުރެއެވެ.

މީގެ އިތުރުން އެ މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނީ، ބިދޭސީ މަސައްކަތްތެރިން ގެނައުމާ ގުޅޭ އުސޫލުތައް މުރަޖަޢާކުރުމާއި، މިހާރު އަމަލުކުރަމުންދާ ނިޒާމުގައި ހުރި މައްސަލަތައް ދެނެގަނެ، ރައްޔިތުންނާ ގާތުން، ފަސޭހަ، އަވަސް ޚިދުމަތްތަކެއް ފޯރުކޮށްދެވޭނެ ހަރުދަނާ ނިޒާމެއް ގާއިމު ކުރުމުގެ މަސައްކަތް އެ މިނިސްޓްރީން މިހާރު ކުރަމުންދާކަމަށެވެ. މި މަސައްކަތުގެ ސަބަބުން ބިދޭސީން ގެނައުމަށް އެދޭ ހުއްދަތަކުގެ ތެރެއިން ދޫކުރާ ކޯޓާއާއި ވަރކް ޕަރމިޓާއި ޑިޕޮޒިޓް ރީފަންޑު ފަދަ ޚިދުމަތްތައް ލަސްވުމަކީ އެކަށީގެންވާ ކަމެއްކަމަށް ވެސް އެ ވުޒާރާއިން ފާހަގަކުރައްވައެވެ.

ރާއްޖެއަށް ގަވާއިދާ ޚިލާފަށް ބިދޭސީން އެތެރެކުރުމާއި މަސައްކަތް ކުރުމުގެ މައްސަލަ ބޮޑުވެ، ސަރުކާރުން ވަނީ އެ މައްސަލަ ހައްލުކުރުމަށް ޓާސްކް ފޯހެއް ވެސް އެކުލަވާލައިފައެވެ. މި ޓާސްކް ފޯހުގެ ދަށުން މިހާރު ބައެއް ބިދޭސީން އެ މީހުންގެ ގައުމަށް ފޮނުވާލެވިފައިވާކަން ވެސް ފާހަގަކޮށްލެވެއެވެ.

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-