-Advertisement-

-Advertisement-

އިޒްރޭލުގެ ޕާސްޕޯޓު ބޭން ކޮށްފި ނަމަ އެމެރިކާއިންދޭ އެހީ ނުދޭން ހުށަހަޅަނީ

އެމެރިކާގެ ގާނޫނު ހަދާ މަޖިލީހުގެ ތިރިގެ، ކޮންގްރެސްގެ މެންބަރެއްކަމަށްވާ ރިޕަބްލިކަން ޕާޓީގެ ޖޯޝް ގޮތެއިމާ

ރާއްޖެއިން އިޒްރޭލުގެ ޕާސްޕޯޓު ބޭން ކޮށްފި ނަމަ އެމެރިކާގެ ފަރާތުން ރާއްޖެއަށް ލިބެމުން އަންނަ އެންމެހާ އެހީތައް މުޅިން ކެނޑިގެންދާ ގޮތަށް ބިލެއް އެކުލަވާލުމަށް އެމެރިކާގެ ޤާނޫނު ހަދާ މަޖިލީހުގެ މެންބަރަކު މަސައްކަތް ކުރަމުންދާކަމުގެ ވާހަކަ ފެންމަތިވެއްޖެއެވެ.

މި މަސައްކަތް ކުރަމުން ގެންދަނީ އެމެރިކާގެ ގާނޫނު ހަދާ މަޖިލީހުގެ ތިރިގެ، ކޮންގްރެސްގެ މެންބަރެއްކަމަށްވާ ރިޕަބްލިކަން ޕާޓީގެ ޖޯޝް ގޮތެއިމާ ކިޔާ ރެޕްރެޒެންޓޭޓިވްއެއްކަމަށް އެމެރިކާގެ ނޫސް ‘އެކްސިއޯސް’އިން ބުނެއެވެ. އޭނާއަކީ އިޒްރޭލުގެ ދިފާއުގައި އެންމެ ވަރުގަދައަށް އަޑުއުފުލާ ކޮންގްރެސްގެ މެންބަރުކަން ވެސް ފާހަގަކޮށްލެވެއެވެ.

ގޮތެއިމާ ހުށަހަޅާ ބިލުގެ ނަމަކީ ރަހުމަތްތެރި ޤައުމުތަކުގެ ރައްޔިތުން ދަތުރުފަތުރު ކުރުން ހިމާޔަތް ކުރުމުގެ ބިލް ނުވަތަ ‘ޕްރޮޓެކްޓިން އެލައިޑް ޓްރެވަލް ހިއާ އެކްޓް’އެވެ. މި ބިލަށް ޑިމޮކްރެޓިކް ޕާޓީގެ މެންބަރުންގެ ތާއީދު މިހާރު ވަނީ ލިބިފައިކަން ފާހަގަކޮށްލެވެއެވެ.

މި ބިލުގައި ހުށަހަޅާފައިވާ ކަންކަމަށް ބަލާލާ އިރު އެމެރިކާއިން ރާއްޖެއަށް ދޭ އެހީތައް ދޭން ޖެހޭނީ އިޒްރޭލު ރައްޔިތުން ރާއްޖެ އެތެރެވާން ހުއްދަ ދިނުމަށް ޝަރުތުކޮށްފައިކަމަށް ބުނެފައިވެއެވެ. މީގެއިތުރުން އިޒްރޭލު މީހުން ރާއްޖެ އެތެރެވުމުގެ ހުއްދަ ނުދޭ ނަމަ، އެމެރިކާ ސަރުކާރުން ރާއްޖެއަށް އެއްވެސް އެހީއެއް ދިނުން މަނާވާނެގޮތަށް ގާނޫނަށް ބަދަލު ގެނައުމަށް ވެސް ހުށަހަޅާފައިވެއެވެ.

ގޮތެއިމާ އެކްސިއޯސްއަށް ދިން ބަސްދީގަތުމެއްގައި ބުނެފައިވާ ގޮތުގައި އިޒްރޭލުގެ ހުރިހާ ރައްޔިތުން ރާއްޖެ އެތެރެވުން މަނާ ކުރަން ނިންމި ނިންމުމުގެ ފަހަތުގައި އޮތް ސިއްރެއްގެ ގޮތުގައި ބެލެވެނީ ދުނިޔޭގެ ލޯތަކުގެ ކުރިމަތީ ޔަހޫދީންނާ މެދު ރުޅިވެރިކަން އުފެއްދުން ކަމަށް ގަބޫލު ކުރެވޭކަމަށެވެ. އަދި އިޒްރޭލާ ދެކޮޅަށް ރާއްޖެއިން ނިންމި މި ނިންމުން ބަލައިނުގަނެވޭނެ ކަމަށް ވެސް އޭނާ ބުނެއެވެ.

ރާއްޖޭގެ ނިންމުން މިހާރު އޮތް ގޮތަށް އޮއްވައި އެމެރިކާ ރައްޔިތުންގެ ޓެކްސް ފައިސާ ރާއްޖެއަށް ދިނުމަށް އޭނާ ނުރުހޭކަން އޭނާ ވަނީ ފާހަގަކޮށްފައެވެ.

ކަން މިހެން އޮތް އިރު އެމެރިކާއަކީ ރާއްޖޭގެ ތަރައްގީގެ ބޮޑު ބައެއް ހިއްސާވާ ގައުމެއްކަން ފާހަގަކޮށްލެވެއެވެ. އެގޮތުން ރާއްޖޭގެ ކަނޑުގެ ސަރަހައްދު ބެލެހެއްޓުން ހަރުދަނާ ކުރަން ހާއްސަ ކަނޑުގެ އުޅަނދެއް އެމެރިކާއިން ރާއްޖެއަށް ހަދިޔާ ކުރަން މީގެ ދުވަސްކޮޅެއް ކުރިން ހެދި އެއްބަސްވުން ފާހަގަކޮށްލެވެއެވެ.

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-