-Advertisement-

-Advertisement-

ފުލުހުންހެ ހިދުމަތުގެ ފެންވަރު ރަނގަޅުކޮށް ނަތީޖާ ނެރެންޖެހޭ: މިނިސްޓަރު

ފޮޓޯ: މިހާރު

ދައުލަތުގެ ބަޖެޓުން “ކޮންމެ 100 އަކުން 4 ރުފިޔާ ހަރަދުވަނީ ފުލުހުންނަށް” ކަމަށާއި އެހެންކަމުން ފުލުހުންހެ ހިދުމަތުގެ ފެންވަރު ރަނގަޅުކުރަންޖެހޭ ކަމަށާއި ބޮޑު އަދަދެއް ފުލުހުންނަށް ކުރާ ކަމަށާއި ނަތީޖާ ނެރެން ޖެހޭކަމަށް ހޯމްލޭންޑް ސެކިއުރިޓީ މިނިސްޓަރު އަލީ އިހުސާން ވިދާޅުވެއްޖެއެވެ.

މިއަދު ކުރިއަށް އޮތް ހަތް އަހަރަށް ފުލުހުންގެ އައު ސްޓްރްޓެޖިކް ޕްލޭން އިފްތިތާހް ކުރުމަށް ބޭއްބި ޖަލްސާގައި ވާހަކަ ދައްކަވަމުން މިނިސްޓަރު ވިދާޅުވީ މިއަދު އިފްތިތާހް ކުރެވުނު ޕްލޭން އާއި އެއްގޮތަށް ފުލުހުން ޢަމަލުކުރޭތޯ ބަލާނެކަމަށާއި މިޕްލޭންގައި ކަނޑައަޅާފައިވާ ކަންކަން ތަންފީޒު ކުރުމަކީ އެއިދާރާގެ އެންމެ ބޮޑު އަމާޒު ކަމުގައިވާން ޖެހޭނެ ކަމަށެވެ.

އަހަރެއްގެ މައްޗަށް ގާތްގަނޑަކަށް ދެބިލިއަން ރުފިޔާ ދައުލަތުން ފުލުހުންގެ އިދާރާއަށް ހަރަދުކުރާ ކަމަށާއި އެއީ ބަޖެޓުގެ ހަތަރު ޕަސެންޓް ކަމަށާއި އޭގެ މާނައަކީ ދައުލަތަށް ލިބޭ ކޮންމެ 100ރ. އިން 4ރ. [ހަތަރު ޕަސެންޓް] ދެނީ ފުލުހުންގެ މުއައްސަސާ އަށް ހަރަދުކުރުމަށް ކަމަށް މިއަދުގެ ޖަލްސާގައި ވާހަކަ ދައްކަވަމުން މިނިސްޓަރު ވިދާޅުވިއެވެ. އަދި މިފަދަ ބޮޑު ހިދުމަތެއް ކުރާއިރު، ފުލުހުންގެ އިދާރާގެ މަސައްކަތުގެ ފެންވަރު ރަނގަޅުވާން ޖެހޭ ކަމަށް ވެސް އެމިނިކުފާނު ވިދާޅުވިއެވެ.

މިނިސްޓަރު އަލީ އިހުސާން ވިދާޅުވި ގޮތުގައި މިޕްލޭން ތަންފީޒު ކުރުމަށްޓަކައި ފުލުހުންނަށް މިނިވަންކަމާއިއެކު މަސައްކަތް ކުރެވޭނެ ކަމުގެ ޔަޤީންކަން އަރުވަމުން ފުލުހުންނަކީ ޒިންމާ ނަގައި ޒިންމާދާރު ބަޔަކަށް ވާން ޖެހޭ ކަމަށް ވެސް މިއަދުގެ ޖަލްސާގައި އެމަނިކުފާނު ވިދާޅުވި އެވެ.

“އަދުގެ ސަރުކާރުން ތިބޭފުޅުން މައްޗަށް އެއްވެސް މީހަކު އިންފްލުއެންސެއް ނުކުރާނެ މިވެނި މީހަކާ ދޭތެރޭގައި މިވެނި ގޮތަކަށް އަމަލުކުރާކަށް. އެހެންވީމަ، ދިވެހި ފުލުހުންނަށް ފުރިހަމަ އަށް އެ ބާރު ލިބިގެންވާނެ، ތަފާތުނުކޮށް ގާނޫނު ތަންފީޒުކުރުމަށް،” މިނިސްޓަރު ވިދާޅުވި އެވެ.

“އަޅުގަނޑުމެންގެ ތެރޭގައި އޮންނަ ސަގާފަތެއް މިއީ ޖެހިގެން އޮންނަ މީހާގެ ބޮލަށް ޒިންމާތައް ކަނޑާލުން. އަޅުގަނޑުމެން މި ބައިން ނެއްޓެންޖެހޭ.” މިނިސްޓަރު ވިދާޅުވި އެވެ.

މިއަދު އިފްތިތާޙް ކުރެވުނު ޕްލޭންގެ ދަށުން އެންމެ ބޮޑު އިސްކަމެއް ދެވިގެން މަސައްކަތް ކުރާނީ ރާއްޖޭގައި ގޭންގު ކުށްތައް މަދުކުރުން ކަމަށާއި  ފުލުހުންގެ އަމާޒަކަށް ވާން ޖެހޭނީ ކުރިއަށް އޮތް ހަތަރު އަހަރު ނިމޭއިރު ރާއްޖޭގެ ހުރިހާ ގޭންގެއް ނިމުމަކަށް ގެނައުން ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

މިނިސްޓަރު އިތުރަށް ވިދާޅުވީ ފުލުހުންގެ ހަގީގީ އަމާޒަކަށް ވާން ޖެހޭނީ އެއްވެސް ވަރަކަށް ކުށް ނުކުރާ މުޖުތަމައެއް ގާއިމް ކުރުން ކަމަށެވެ.

ފުލުހުންގެ އާ ސްޓްރެޓެޖިކް ޕްލޭންގައި މައިގަނޑު ފަސް ކަމަކަށް ހާއްސަ އިސްކަމެއް ދޭން ކަނޑައަޅައިފައިވާ ކަމަށް ހޯމްލޭންޑް ސެކިއުރިޓީ މިނިސްޓްރީން މިއަދު ބުނެފައިވެއެވެ. އޭގެ ތެރޭގައި ހިމެނެނީ؛

  1. ކުށާއި ކުށުގެ ބިރުވެރިކަން ނައްތާލުމަށް މަސައްކަތްކުރުން.
  2. ފުލުހުންނާއި މުޖުތަމައާ އޮންނަ ގުޅުން ވަރުގަދަކުރުން.
  3. ފުލުހުންގެ ހިދުމަތުގެ ފެންވަރު ރަނގަޅު ކުރުމަށް ފިޒިކަލް އިންފްރާސްޓްރަކްޗާ އާއި ޓެކްނޮލޮޖީ އަދި އެހެނިހެން ވަސީލަތްތައް އަޕްގްރޭޑްކުރުން.
  4. ފުލުހުންގެ އެތެރޭގެ ޑިޕާޓްމަންޓްތަކާއި ސިސްޓަމްތަކާއި ޕްރޮސެސްތަކާއި ގަވާއިދުތަކާއި ޕޮލިސީ އަދި ޕްރޮސީޖާތައް ރިވިއުކޮށް އިސްލާހުތައް ގެނައުން.
  5. ފުލުހުންނަކީ ދެފުށް ފެންނަ ޕްރޮފެޝަނަލް ހިދުމަތެއް ދޭ އިދާރާއަކަށް ހަދައި، ފުރިހަމަ އަށް ޖަވާބުދާރީ ވެވޭ ވަރުގެ ތަނަކަށް ހެދުން.

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-