-Advertisement-

-Advertisement-

ގަވާއިދާއި ޚިލާފަށް ކުރާ މަސްވެރިކަން ހުއްޓުވުމަށް ރާއްޖެއާއި ސްރީލަންކާ މަޝްވަރާ ކުރަނީ

ސްރީލަންކާއަށް ކުރައްވާ ދަތުރުފުޅުގެ ތެރެއިން ފޮރިން މިނިސްޓާރ ޒަމީރު/ ފޮޓޯ: ފޮރިން މިނިސްޓްރީ

ގަވާއިދާއި ޚިލާފަށް ކުރާ މަސްވެރިކަން ހުއްޓުވުމަށް ރާއްޖެއާއި ސްރީލަންކާގެ ފޮރިން މިނިސްޓްރީ އިން މިއަދު މަޝްވަރާ ކުރައްވައިފިއެވެ.

ފޮރިން މިނިސްޓަރު މޫސާ ޒަމީރު މިހާރު ލަންކާއަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން ލަންކާގެ ފޮރިން މިނިސްޓަރު އަލީ ސަބްރީއާއެކު ބޭއްވެވި ރަސްމީ ބައްދަލުކުރެއްވުމުގެ ތެރެއިން މިމަޝްވަރާތައް ކޮށްފައިވާއިރު،  ރާއްޖެ އާއި ސްރީލަންކާ އަކީ ވެސް މަސްވެރިކަމަށް ވަރަށް ބޮޑަށް ބަރޯސާވެފައިވާ ދެ ގައުމުކަމުން މިދެ ގައުމުގެ ދެމެދު މަސްވެރިކަން ކުރާ ސަރަޙައްދުތައް ބަލައި، ޤަވައިދާ ޚިލާފަށް ކުރާ މަސްވެރިކަން ހުއްޓެވުމާ ގުޅޭ ގޮތުން މިބައްދަލުވުމުގައި މަޝްވަރާކުރެވުނު ކަމަށް މިނިސްޓަރު ޒަމީރު ވިދާޅުވިއެވެ.

ދެމެހެއްޓެނިވި ގޮތެއްގައި ދޮށީގެ މަސްވެރިކަން ކުރުމާ ގުޅޭ މައުލޫމާތު ލަންކާގެ މަސްވެރިންނަށް ފޯރުކޮށްދިނުމަށް ރާއްޖެއިން ތައްޔާރަށް އޮތް ކަމަށާއި ދެ ގައުމުގެ އިގްތިސާދު ކުރިއަރުވައި ތައުލީމާއި ވިޔަފާރި އަދި ސިއްހީ ދާއިރާ ކުރިއެރުވުމަށް ވެސް ފުޅާ ދާއިރާއެއްގައި މަޝްވަރާކޮށްފައިވާކަމަށް މިނިސްޓަރު ޒަމީރު ވިދާޅުވިއެވެ. އެގޮތުން މަޝްވަރާ ކުރެވުނު ކަންކަމުގެ ތެރޭގައި:

  • ކުރު މުއްދަތަކަށް ދެ ގައުމުގެ ދެމެދު ދަތުރުކުރާ ރައްޔިތުންނަށް ވިސާގެ ކަންތައްތައް ލުއިކުރުމަށް ދެ ގައުމުން ވެފައިވާ އެއްބަސްވުން ދެމެހެއްޓުމަށް މަޝްވަރާކުރެއްވިއެވެ.
  • ރާއްޖެއާއި ސްރީލަންކާއާ ދެމެދު ވިޔަފާރީގެ ދާއިރާއާއި އިންވެސްޓްމަންޓްތައް ކުރިއެރުވުމަށްޓަކައި އިތުރު ގިނަ މަސައްކަތްތަކެއް ކުރަންޖެހޭކަމަށް އެއްބަސްވެފައިވެއެވެ.
  • ރާއްޖެއާއި ސްރީލަންކާއަކީ މިހާރު ވެސް ސަލާމަތީ އަދި ދިފާއީ ދާއިރާއިން ވަރަށް ގާތް ގުޅުމެއް ބާއްވަމުން އަންނަ ދެ ގައުމުކަން ފާހަގަކުރައްވާ ދެ ގައުމުގެ އޮފިސަރުންނަށް ތަމްރީނުގެ ފުރުސަތުތައް އިތުރުކުރުމަށް އެއްބަސްވެފައިވެއެވެ.
  • ޓެރަރިޒަމާއި ހަރުކަށި ފިކުރާއި، މަސްތުވާތަކެއްޗާއި، އިންސާނީ ވަގުފާރި ހުއްޓުވުމާއި، އިންސާނީ ހައްގުތައް ކުރިއެރުވުމާއި ހިމާޔަތްކުރުމަށް މަޝްވަރާކޮށްފައިވެއެވެ.
  • މޫސުމަށް އަންނަ ބަދަލުތަކާ ގުޅޭ ގޮތުން މިޓިގޭޝަން އާއި އެޑަޕްޓޭޝަންގެ ދާއިރާއިން ވެސް އިތުރު މަސައްކަތްތަކެއް ކުރުމަށް އެއްބަސްވެފައިވެއެވެ.

މީގެއިތުރުން ރާއްޖެ އަދި ސްރީލަންކާއިން ވެސް ފަލަސްތީނުގައި ހިންގަމުންދާ އުދުވާނީ ހަމަލާތައް ހުއްޓާލުމަށާއި އެސަރަހައްދަށް ހަމަޖެހުން ގެނައުމަށް ބޭނުންވާކަން ފާހަގަކުރައްވާފައިވެއެވެ.

ސްރީލަންކާއާއި ރާއްޖެއާއި ދެމެދު އޮންނަ ގުޅުން ބަދަހިކޮށް ދެ ގައުމުގެ ކުރިއެރުމަށްޓަކައި މަޝްވަރާތައް ބޭއްވުމަށް މިނިސްޓަރު ޒަމީރު ލަންކާއަށް ކުރައްވާ މިދަތުރުފުޅަކީ މިދިޔަ ހޯމަ ދުވަހުން ފެށިގެން މާދަމާގެ ނިޔަލަށް ކުރައްވާ ދަތުރުފުޅެކެވެ.

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-