-Advertisement-

-Advertisement-

ތޮއްޑޫ ރައްޔިތުން ރަށު ކައުންސިލް އިދާރާ ދޮށަށް އެއްވެ ހަމަނުޖެހުން ހިންގައިފި

ތޮއްޑޫ ރައްޔިތުން ރަށު ކައުންސިލް އިދާރާ ދޮށަށް އެއްވެ ހަމަނުޖެހުން ހިންގި ހާދިސާގެ ތެރެއިން. ފޮޓޯ: ސޯޝަލް މީޑިއާ

އއ ތޮއްޑޫގެ ރަށު ކައުންސިލް އިދާރާ ކުރިމައްޗަށް އެ ރަށުގެ ރައްޔިތުން އެއްވެ މުޒާހަރާކޮށް ހަމަނުޖެހުން ހިންގައިފިއެވެ.

މި ހާދިސާ ހިނގަން މެދުވެރިވި ސަބަބެއް ކަމަށް ބެލެވެނީ އެ ރަށުން ދަނޑުވެރިކަމަށް ބިން ދޫކުރި ގޮތާ މެދު އެ ރަށުގެ ރައްޔިތުންގެ ހިތްހަމަނުޖެހުންތަކެއް އުޅޭތީއެވެ. ދަނޑުބިންތައް ދަނޑުވެރިން އަތުން އަތުލަން ނިންމާފައިވާކަމަށް ބުނެ ފެތުރޭ ވާހަކަތަކެއް ވެސް އާންމުވެފައިވެއެވެ.

މި ހަމަނުޖެހުމުގެ ތެރޭގައި ރައްޔިތުން ކައުންސިލް އިދާރާ ދޮށަށް އެއްވެ އެ އިމާރާތަށް ގައު އުކާ، އިމާރާތުގެ ލޯގަނޑެއް ތަޅާލާފައިވެއެވެ. މީގެ އިތުރުން ފޯރިމަރަން ހުރި ފުލުހަމަށް ދިން ހަމަލާއެއްގައި އެ ފުލުސް މީހާ ޒަހަމްވިކަން ވެސް ފާހަގަކޮށްލެވެއެވެ.

މި މައްސަލައާ ގުޅިގެން ފުލުހުން ބުނީ ތޮއްޑޫ ކައުންސިލް އިދާރާ ކުރިމަތީ އެ ރަށުގެ ބަޔަކު އިއްޔެ މެންދުރު 1:00 ހާއިރު މުޒާހަރާ ކުރީ ދަނޑުވެރިކަމަށް ބިން ދޫކުރި ގޮތާ މެދު ހިތްހަމަނުޖެހިގެންކަމަށާއި އެ މީހުންގެ އަމަލުތައް ހުރި ގޮތުން ފުލުހަކަށް އަނިޔާވިކަމަށެވެ. ނަމަވެސް ތޮއްޑޫ ސިއްހީ މަރުކަޒުގައި ފުލުސް މީހާއަށް ފަރުވާ ދިނުމަށްފަހު މިހާރު ވަނީ ދޫކޮށްލާފައެވެ.

އެ މައްސަލައާ ގުޅިގެން މީހަކު ހައްޔަރު ކުރި ކަމެއް ފުލުހުން އާންމެއް ނުކުރެއެވެ. ނަމަވެސް ފުލުހުން މިހާރު ގެންދަނީ އެ މައްސަލަ އިތުރަށް ތަޙުޤީޤު ކުރަމުންނެވެ.

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-