-Advertisement-

-Advertisement-

ރާއްޖޭގެ އިޤްތިޞާދީ ހާލަތު އޮތް ގޮތް ހާމަކުރުމަށް ނާޒިމް ގޮވާލައްވައިފި

20 ވަނަ ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އަޙްމަދު ނާޒިމް. ފޮޓޯ: މަޖިލީހުގެ އިދާރާ

ރާއްޖޭގެ އިޤުތިޞާދީ ހާލަތު އޮތް ގޮތް ސަރުކާރުން ހާމަ ކުރަން ޖެހޭކަމަށާއި މިހާރު ދިމާވެފައި އޮތް އިޤުތިޞާދީ ހީނަރުކަމުން އަރައިގަތުމަށް ހިތި ބޭހެއް ބޯންޖެހޭ ނަމަ އެ ކަން ވެސް ސަރުކާރުން ރައްޔިތުންނަށް ސާފުކޮށްދޭން ޖެހޭކަމަށް 20 ވަނަ ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް، އަޙްމަދު ނާޒިމް ވިދާޅުވެއްޖެއެވެ.

ނާޒިމް މިހެން ވިދާޅުވީ މިދިޔަ އަންގާރަ ދުވަހު ބޭއްވި މަޖިލީހުގެ މާލިއްޔަތު ކޮމިޓީގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުންނެވެ. ނާޒިމް ވިދާޅުވީ އިންތިޚާބީ މޫސުން ނިމި، ދައުލަތުގެ މާލީ ހާލަތާ ގުޅިގެން މަޝްރޫޢުތައް ކުރިއަށް ގެންދެވޭނެ މިންވަރު ފަދަ މައުލޫމާތުތައް ރައްޔިތުންނަށް ސަރުކާރުން އޮޅުންފިލުވައިދޭން ޖެހޭނެކަމަށެވެ.

“ރާއްޖޭގެ ރައްޔިތުންނަށް ހަމަ ތެދު ބަހުން ވަރަށް ތިލަކޮށް މި ވާހަކަތައް އެބަ ޖެހޭ ދެކެވެން. އެއީ ސަބަބަކީ ރައްޔިތުންގެ އެކްސްޕެކްޓޭޝަންއާ މި ހުރިހާ އެއްޗެއް މި ބިނާ ވަނީ އެ ބޭފުޅުން ދައްކަވާ ވާހަކަތަކުގެ މައްޗަށް” އެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ނާޒިމް ވިދާޅުވިއެވެ.

އަދި ރާއްޖޭގައި ކުރިއަށް ގެންދިއުމަށް ކަނޑައެޅިފައިވާ ޕްރޮޖެކްޓްތައް ކުރިއަށް ދާނެތޯ ނުވަނަ ނޫންތޯ ވެސް ރައްޔިތުންނަށް އެގެން ޖެހޭނެކަމަށް ނާޒިމް ވިދާޅުވިއެވެ. ރާއްޖޭގެ އިޤްތިޞާދަށް ކުރިމަތިވެފައި އޮތް ބަނަކަން ރައްޔިތުންނަށް ތަސައްވުރު ކުރެވޭނީ ފިނޭންސް މިނިސްޓްރީން އެ މަންޒަރު ރަނގަޅަށް ސިފަކޮށްދީގެންކަމަށް ނާޒިމް ވިދާޅުވިއެވެ. އަދި އަސްލު މަންޒަރު ސިފަކޮށްދިނުމަކީ ރައްޔިތުންގެ ޙައްޤުގައި ވެސް އަދި ޤައުމުގެ ޙައްޤުގައި ވެސް ކުރަން ޖެހޭ ކަމެއްކަމަށް ނާޒިމް ވިދާޅުވިއެވެ.

“އަޅުގަނޑުމެން މި ކޮމެޓީގައި އިސްކުރަން ޖެހޭނީ އަޅުގަނޑުމެންގެ ޕާޓީގެ މަސްލަހަތެއް ވެސް ނޫން، އަމިއްލަ މަސްލަހަތެއް ވެސް ނޫން، ޤައުމުގެ މާލިއްޔަތުގެ މަސްލަހަތު އިނގޭތޯ.” ނާޒިމް ވިދާޅުވިއެވެ.

އަވައްޓެރި ސްރީލަންކާގެ މިސާލު ނަންގަވައި، ނާޒިމް ވިދާޅުވީ، ލަންކާގެ އިޤުތިޞާދު ފުނޑި، ބަނގުރޫޓުވެގެން ދިޔަ އިރު، އިންޑިއާއާއި ޗައިނާއިން މާ ބޮޑު ކަމެއް ނުކުރާކަމަށެވެ. ނާޒިމް ގަބޫލުކުރައްވާ ގޮތުގައި އިންޑިއާއާއި ޗައިނާއިން ވެސް އެހީ ނުވީ ލަންކާގެ އިޤުތިޞާދުގެ އަސާސީ ކަންކަން ރަނގަޅު ނުވުމުންނެވެ.

“އެހެންވީމަ އަޅުގަނޑުމެން ވެސް ހިތިބޭސް، ބޭސް ސިޓީއެއް އޮތިއްޔާ އެ ވެސް އެނގެންވިއްޔޭ އަޅުގަނޑުމެންނަށް. އަޅުގަނޑުމެން ކޮށްދޭންވީ ކޮންކަމެއްތޯ. އޭގެ ބަދަލުގައި މިހެން ދަމުންދަމުން ގޮސް ބަނގުރޫޓުވީމަކާ ކަމަކު ނުދާނެޔޭ،” އޭނާ ވިދާޅުވިއެވެ.

އިޤުތިޞާދީ ކަންކަން އޮތްނެތް ގޮތް ބަލާ އިރު، ޤައުމު ބަނގުރޫޓުވާ ފަދަ ހާލަތެއްގައި އޮތް ނަމަ އެކަށީގެންވާ ފިޔަވަޅެއް އެޅޭނީ ސަރުކާރުން ހާލަތު ބަޔާން ކޮށްދީގެންކަމަށް ނާޒިމް ވިދާޅުވިއެވެ. އެހެންކަމުން އަންނަ އަހަރުގެ ބަޖެޓު ފާސް ކުރަން، މި އަހަރުގެ ފަހުކޮޅާ ހަމައަށް އިޤުތިޞާދުގެ ވާހަކަ ނުދައްކައި ތިބުން ރަނގަޅު ނޫންކަމަށް އޭނާ ވިދާޅުވިއެވެ.

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-