އިންޑިއާގެ ބޮޑު ވަޒީރު މަގާމަށް ހުވާކުރުމުގެ ރަސްމިއްޔާތުގައި ބައިވެރިވުމަށް ރައީސް ޑރ. މުޢިއްޒު ނިންމަވައިފިއެވެ.
އަންނަ ހޮނިހިރު ދުވަހުގެ ރޭ 8 ޖަހާއިރު އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ މަގާމަށް ހުވާކުރުމުގެ ރަސްމިއްޔާތު ބޭއްވުމަށް ހަމަޖެހިފައިވާއިރު، މިރަސްމިއްޔާތުގައި ބައިވެރިވުމަށް ރައީސްގެ އަރިހުގައި އިންޑިއާއަށް ވަޑައިގަންނަވާ ވަފުދުގައި ފޮރިން މިނިސްޓަރު މޫސާ ޒަމީރު، ފިނޭންސް މިނިސްޓަރު ޑރ. މުހައްމަދު ޝަފީގު ގެ އިތުރުން އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވެސް ވަޑައިގަންނަވާނެއެވެ.
ހުވާ ކުރުމުގެ ރަސްމިއްޔާތުގައި ބައިވެރިވުމަށްފަހު އަންނަ އާދިއްތަ ދުވަހު ރައީސް މާލެ ވަޑައިގެންނެވުމަށް ހަމަޖެހިފައިވާއިރު، މިއީ ވެރިކަމާއި ހަވާލުވުމަށްފަހު ރައީސް ޑރ މުޢިއްޒު އިންޑިއާއަށް ކުރައްވާ ފުރަތަމަ ދަތުރުފުޅުކަން ފާހަގަކުރެވެއެވެ.
ދުނިޔޭގެ އެކި ގައުމުތަކުން ވެރިން މި ރަސްމިއްޔާތުގައި ބައިވެރިވެ ވަޑައިގަތުމަށް ހަމަޖެހިފައިވާއިރު، މިއީ ނަރެންދުރަ މޯދީ އިންޑިއާގެ ބޮޑު ވަޒީރުގެ ގޮތުގައި ހުވާ ކުރައްވާ ތިން ވަނަ ދައުރެވެ.