-Advertisement-

-Advertisement-

އެނީމިއާ – ދިވެހިންގެ ތެރޭގައި ވަރަށް އާންމު ބައްޔެއް

އެނީމިއާ އަކީ ލޭގެ ރެޑް ބްލަޑް ސެލް ނުވަތަ ހިމަގްލޯބިން އެކަށީގެންވާ މިންވަރަށްވުރެ މަދުވުމެވެ. ރެޑް ބްލަޑް ސެލް އާއި މިސެލްގައި ހިމެނޭ މޮލިކިއުލްކަމަށްވާ ހިމަގްލޯބިން އަކީ ހަށިގަނޑުގެ ވަށައިގެން ފުއްޕާމޭއިން އޮކްސިޖަން ގެންދިއުމުގެ މަސައްކަތުގައި މުހިންމު ރޯލެއް އަދާކުރާ އެއްޗެކެވެ. އެހެންކަމުން މިކަން ދިމާވާ ސަބަބު ހޯދައި އެކަމަށް ފަރުވާކުރުމަކީ މުހިންމު ކަމެކެވެ.

އެނީމިއާގެ ގިނަ އަލާމަތްތަކެއް ފެންނަން ހުރެދާނެއެވެ. ވަރުބަލިވުން ނުވަތަ ބަލިކަށިވުމާއިއެކު، ހިތުގެ ތެޅުން އަވަސްވުމާއި، ބޯއެނބުރުން، ނުވަތަ ބޮލުގައި ރިހުން އަދި މީގެއިތުރުން ނޭވާ ކުރުވުމާއި އަތްފައި ފިނިވުމަކީވެސް އެނީމިއާގެ އަލާމާތްތަކެވެ. އާންމުކޮށް އެނީމިއާގެ އަލާމާތްތައް ބިނާވަނީ އެނީމިއާގެ ވައްތަރާއިއެވެ.

އެނީމިއާގެ ވައްތަރުތައް:
1 – ދަގަނޑު މަދުވުމުންޖެހޭ އެނީމިއާ
އެނީމިއާގެ ވައްތަރުތަކުގެ ތެރޭގައި ދަގަނޑު މަދުވުމުން ޖެހޭ އެނީމިއާ އަކީ އެންމެ އާންމު އެއްވައްތަރުގެ އެނީމިއާއެވެ. މިއީ ކެއުމުގައި ދަގަނޑު ހިމެނޭ މިންވަރު މަދުވުމުން ނުވަތަ ކާނާގައި ހިމެނޭ ދަގަނޑު ހަށިގަނޑަށް ނަގައިނުގަތުމުގެ ސަބަބުން ޖެހޭ އެނީމިއާއެވެ.

2- ޕަރނިޝިއަސް އަދި ވިޓަމިން ބީ12 މަދުވުމުންޖެހޭ އެނީމިއާ
މިއީ ހަށިގަނޑުގައި ވިޓަމިން ބީ12 މަދުވުމުގެ ސަބަބުން ނުވަތަ އެހްނވެސް ސިއްޙީ މައްސަލައަކާއި ގުޅިގެން ހަށިގަނޑުގައި ވިޓަމިން ބީ12 މަދުވުމުގެ ސަބަބުން ޖެހޭ އެނީމިއާއެކެވެ. ޕަރނިޝިއަސް އެނީމިއާ އަށް “މެގަލޮބްލިސްޓިކްސް އެނީމިއާ” ވެސް ކިޔެއެވެ.

3- އެނަޕްލާސްޓިކް އެނީމިއާ
އެނަޕްލާސްޓިކް އެނީމިއާ ޖެހެން މެދުވެރިވާ ސަބަބަކީ މީހާގެ ބޯން މެރޯގެ މަސައްކަތްތައް ހުއްޓުމުގެ ސަބަބުން ހަށިގަނޑަށް ބޭނުންވާ ވަރަށް ރެޑް ބްލަޑް ސެލް ނުއުފެއްދުމެވެ.

4- ހިމޮލައިޓިކް އެނީމިއާ
މިއީ ހަށިގަނޑުގައި ހުންނަ ރެޑް ބްލަޑް ސެލްތައް މަރުވުމުގެ ސަބަބުން ހަށިގަނޑުން ރެޑް ބްލަޑް ސެލްތައް މަދުވެ އޭގެ މަސައްކަތް ކުރިއަށް ނުދިއުމުގެ ސަބަބުންޖެހޭ އެނީމިއާއެވެ.

އެނީމިއާގެ ފަރުވާ
އެނީމިއާގެ ފަރުވާ ބެހިގެން ދަނީ 2 ސްޓޭޖަކަށެވެ. ސްޓޭޖް 1 ގައި ހިމެނެނީ އެނީމިއާއަށް ފަރުވާ ކުރުމެވެ. މިއީ ލޭމަދުވުމަށް ދިމާވާ ސަބަބަށް ފަރުވާ ކުރުމެވެ. މިސާލަކަށް ދަގަނޑު ނުވަތަ ވިޓަމިން ބީ12ގެ ބޭސް ކައިގެން ނުވަތަ ލޭއަޅައިގެން ދެވޭ ފަރުވާއެވެ. ފަރުވާގެ 2ވަނަ ސްޓޭޖަކީ އެނީމިއާ ޖެހެން މެދުވެރިވާ ސަބަބު ހޯދައި އެކަމަށް ފަރުވާ ކުރުމެވެ.

އެނީމިއާ އިން ރައްކާތެރިވުމަށާއި ބަލިން ފަސޭހަވުމަށް ކެއުމުގައި ރަނގަޅު ކާނާ އަދި ދަގަނޑު ހިމެނޭ ކާނާ ގިނަކުރުމަކީ މުހިންމު ކަމެކެވެ. އަދި ދިގުމުއްދަތަކަށް ބޭސްކުރާ ބައްޔެއް ހުންނަ ފަރާތެއްނަމަ، މިކަމުގައި އިތުރަށް ސަމާލުވާންޖެހެއެވެ.

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-