-Advertisement-

-Advertisement-

ގައުމީ ދިދަ 24 ގަޑިއިރު ދެން ވިހުރޭނޭ – ރައީސް ޑރ މުއިއްޒު

ދިވެހި ޖުމްހޫރިއްޔާގެ 8 ވަނަ ރައީސް, ޑރ. މުހައްމަދު މުއިއްޒު އަދި ނައިބު ރައީސް, ހުސެއިން މުހައްމަދު ލަތީފް ހުވާކުރެއްވުމުގެ ރަސްމިއްޔާތުގެ ތެރެއިން. މި ރަސްމިއްޔާތުގައި ކުރީގެ ރައީސުންނާއި, ނައިބު ރައީސުން އަދި 48 ގައުމެއްގެ މަންދޫބުން ވަނީ ބައިވެރިވެ ވަޑައިގަންނަވާފައި. ފޮޓޯ: ނިއުސްލެބް

ސަރުކާރުގެ އޮފީސްތަކުގައި އިއްޔެއިން ފެށިގެން 24 ގަޑިއިރު ވަންދެން ގައުމީ ދިދަ ނަގާފައި ބަހައްޓަން ރާއްޖޭގެ ރައީސްކަމާ ހުކުރު ދުވަހު ހަވާލުވެވަޑައިގެންނެވި ޑރ. މުހައްމަދު މުއިއްޒު ނިންމަވައިފިއެވެ.

ރައީސްކަމުގެ ހުވާ ކުރެއްވުމަށް ފަހު، ގައުމާ މުހާތަބު ކުރައްވައި ދެއްވި ފުރަތަމަ ތަގުރީރުގައި ވެސް ކޮންމެ ދުވަހެއްގެ 24 ގަޑިއިރު ދިވެހި ދިދަ ނަގާފައި ބެހެއްޓުމާ ގުޅޭގޮތުން ރައީސް ޑރ. މުއިއްޒު ވާހަކަފުޅު ދެއްކެވިކަމާއި މަގާމާއި ހަވާލު ކުރެއްވިތާ 24 ގަޑިއިރު ނުވަނީސް ރައީސް ނިންމެވި އެންމެ ފުރަތަމަ އެއް ނިންމެވުމަކީ ސަރުކާރުގެ އޮފީސްތަކުގެ ބޭރުގައި 24 ގަޑިއިރު ގައުމީ ދިދަ ނަގާފައި ބެހެއްޓުންކަމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބުނެފިއެވެ.

ސަރުކާރުގެ ހުރިހާ އޮފީސްތަކުގެ އިމާރާތުގެ ބޭރުގައި ކޮންމެ ދުވަހެއްގެ ހެނދުނު 6:00 ގައި ގައުމީ ދިދަ ނަގައި، މަ އެ ދުވަހުގެ ހަވީރު 6 ޖަހާއިރު ދިދަ ތިރިކުރުމުގެ ސަގާފަތް މީގެ އެތަކެއް އަހަރު ކުރިން ވަނީ ފެށިފައެވެ. އެކަމަކު، އެ ސަގާފަތް ވެސް އުވި ސަރުކާރުގެ އޮފީސްތަކުގައި ދިވެހި ގައުމީ ދިދަ ނެގުން އެއްކޮށް ހުއްޓާލާފައިވާތާ ދުވަސްތަކެއް ވިނަމަވެސް އެ ސަގާފަތް އެންމެ ބޮޑަށް ދިރުވާފައި އޮތީ ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ވެރިކަމާހަމައަށެވެ. އެކަމަކު، އޭގެ ފަހުން އައި ވެރިކަންތަކުން އެއީ އިސްކަންދިން ކަމެއްނޫނެވެ.

ގައުމީ ދިދަ ދެކެ އެ މަނިކުފާނު އިންތިހާ އަށް ލޯބިފުޅުވާ ކަމަށާއި އެ ދިދަ އަށް އިރުއޮއްސުން ނިމުނީ ކަމަށް މަގާމުގެ ހުވާކުރައްވަން ހުކުރު ދުވަހު ބޭއްވި ރައްޔިތުންގެ މަޖިލިހުގެ ޖަލްސާގައި ރައީސް ޑރ. މުއިއްޒު ވަނީ ވިދާޅުވެފައެވެ.

“އޭ ދިވެހީންގެ ފަހުރުވެރި ގައުމީ ދިވެހި ދިދަޔާ. ތިބާދެކެ އަޅުގަނޑު އިންތިހާޔަށް ލޯބިވަން. ތިޔަ ހެލިލުމާއި ވިހުރިލުމުގެ މާނަތައް އިހުސާސް ކުރަން. ތިޔަ ދައްކައިދެނީ ގައުމު ދިފާއު ކުރި މަތިވެރި ޝަހީދުންގެ ލޭފޮދު. ގައުމު ބިނާކުރި އެންމެހާ އަޖުދާދުންގެ ފެހި ރޯޝަން އުންމީދާއި ދިރުން. ދިވެހީންގެ ދެ ދުނިޔޭގެ ސަލާމަތް ކަމުގައިވާ މާތްވެގެންވާ އިސްލާމްދީނުގެ ކީރިތި މޫރިތިކަން،”- ދިވެހިރާއްޖޭގެ 8 ވަނަ ރައީސުލްޖުމްހޫރިއްޔާ ޑރ މުޙައްމަދު މުޢިއްޒު.

” އޭ ލޮބުވެތި ޝަރަފުވެރި ދިވެހި ދިދަޔާ. މިއަދު މިވަގުތުން ފެށިގެން އިރާދަކުރެއްވިއްޔާ، ތިޔަ އައުދާނަ ދިވެހި ދިދަޔަށް އިރު އޮއްސުން ނިމުނީ. މީގެ ފަހުން ތިޔަ ފަހުރުވެރި ދިދަ އަކީ، ރާއްޖޭގެ ކޮންމެ ރަށެއްގައި ވެސް 24 ގަޑިއިރު ޝަރަފާއި އިއްޒަތާ އެކު ވިހުރިވިހުރި ހުންނާނެ އެންމެ އިއްޒަތްތެރި ނިޝާން.”- – ދިވެހިރާއްޖޭގެ 8 ވަނަ ރައީސުލްޖުމްހޫރިއްޔާ ޑރ މުޙައްމަދު މުޢިއްޒު.

 

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-