-Advertisement-

-Advertisement-

ޔާމީންގެ އިސްތިއުނާފް: ފަހު ބަސް އިއްވުން އަންގާރަ ދުވަހަށް

ރައީސް ޔާމީން ގޭބަންދައް ބަދަލުކުރައްވާ ގޭގައި ހުންނަވާ ސަޕޯޓަރުންނާ ބައްދަލުކުރްވަނީ. ފޮޓޯ: ނިއުސްލެބް

ކުރީގެ ރައީސް އަބްދުﷲ ޔާމީނާއި މަޖިލީހުގެ ކުރީގެ މެންބަރު ޔޫސުފް ނައީމްގެ މައްޗަށް އިއްވި ޖަލު ހުކުމްތަކުގެ އިސްތިއުނާފު މައްސަލައިގެ އަޑުއެހުމެއް އަންގާރަ ދުވަހު މެންދުރު ފަހު 2:00އަށް ތާވަލުކޮށްފި އެވެ.

ޔާމީނާއި ޔޫސުފް ނައީމްގެ މައްޗަށް ހުކުމް އިއްވީ، ޔާމީންގެ ވެރިކަމުގައި ހިނގި އެމްއެމްޕީއާރުސީގެ ހިޔާނާތުގެ ތެރެއިން ވ. އަތޮޅު އާރަށް ކުއްޔަށް ދޫކުރުމުގައި ހިންގި ކަމަށް ބުނާ ހިޔާނާތުގެ މައްސަލާގަ އެވެ. އަންގާރަ ދުވަހަށް ތާވަލް ކުރެވިފައިވަނީ މިމައްސަލައިގެ އަޑުއެހުމެކެވެ.

1.1 މިލިއަން ޑޮލަރުގެ ރިޝްވަތު ނަންގަވައި އެ ފައިސާ ލޯންޑަކުރެއްވި ކަމުގެ ތުހުމަތުގައި އުފުލި ދައުވާތައް ސާބިތުވާ ކަމަށް ކަނޑައެޅުމަށް ފަހު އަދަބެއްގެ ގޮތުގައި ކްރިމިނަލް ކޯޓުން ކުރީގެ ރައީސް އަބްދުﷲ ޔާމީނަށް 11 އަހަރުގެ ޖަލު ހުކުމަކާއި ފަސް މިލިއަން ޑޮލަރުގެ ޖޫރިމަނާ އެއް ކުރިއެވެ.

ކުރީގެ މެންބަރު ޔޫސުފް ނައީމްގެ މައްޗަށް އުފުލާފައިވަނީ ރިޝްވަތު ދިނުމުގެ ކުށުގެ ދައުވާއެވެ. އޭނާ ތިން އަހަރަށް ޖަލަށް ލުމަށް ކްރިމިނަލް ކޯޓުން ހުކުމްކުރިއެވެ.

ހައި ކޯޓުގައި އިސްތިއުނާފުކޮށްފައިވާ މި މައްސަލާގައި މިހާރު އޮތީ މައްސަލައިގެ ކޮންމެ ހަސްމަކު ފަހު ބަސް އިއްވުމާއި، ޝަރީއަތުން އިތުރަށް ސާފު ކުރަން ޖެހޭ ކަމެއް ނެތް ނަމަ ހުކުމް އިއްވުމުގެ މަޖިލިހެވެ.

އާރަށުގެ އިތުރުން ރ.ފުއްގިރި ކުއްޔަށް ދޫކުރުމުގެ ތެރެއިން ހިންގި ކަމަށް ބުނާ މައްސަލާގައި ވެސް ޔާމީންގެ މައްޗަށް ރިޝްވަތާއި މަނީ ލޯންޑަރިންގެ ކުށުގެ ދައުވާވެސް ވަނީ އުފުލާފައެވެ. އެ ޝަރީއަތް ކްރިމިނަލް ކޯޓުގައި އަދި ނުނިމި އޮތް އިރު، އެ މައްސަލާގައި އަޑުއެހުމެއް ނުބޭއްވޭތާ ދުވަސްތަކެއްވެއްޖެއެވެ.

އެންމެ ފަހުން ބޭއްވި އަޑުއެހުމުގައި، ފަނޑިޔާރުންގެ ބެންޗުން އިއުލާން ކުރެއްވި ގޮތުގައި ރިޝްވަތުގެ ގަޒިއްޔާއަށް ކޮންމެ ހަސްމަކަށް 30 މިނެޓުގެ ފުރުސަތެއް ދެއްވާނެ ކަން އެންގެވިއެވެ. އަދި މަނީ ލޯންޑަރިންގެ ގަޒިއްޔާއަށް ކޮންމެ ހަސްމަކަށް އެއް ގަޑިއިރުގެ ފުރުސަތެއް ދެއްވާނެއެވެ.

ރިޔާސީ އިންތިހާބުގައި ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހަށް ކުރިމަތިވި ނާކާމިޔާބީއަށް ފަހު ޔާމީނު ފުރަތަމަ ބަދަލުކުރީ ގޭބަންދަށެވެ. އެހެން ނަމަވެސް އިތުރު ލުއިތައްދީ، މިހާރު ހުންނެވީ މާލޭގެ ގިނަ ތަންތަނަށް ވަޑައިގެންނެވޭ ގޮތަށް ރަށު ބަންދުގައެވެ.

ޤާނޫނީ ހަމަތަކުގެ މަތިން ރައީސް ޔާމީން މިނިވަންކޮށްދިނުމަކީވެސް ރައީސް ޑރ.މުހައްމަދު މުއިއްޒުގެ ވައުދުތަކުގެ ތެރެއިން ވައުދެކެވެ.

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-