މޯލްޑިވްސް އިމިގްރޭޝަންގެ އިތުރުން ހަތަރު އިދާރާއެއް ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވުޒާރާގެ ދަށަށް ގެންގޮސް އޮނިގަނޑަށް ބަދަލުގެނެސްފިއެވެ.
ދާހިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވުޒާރާގެ ބެލުމުގެ ދަށަށް ގެނެސްފައިވަނީ މޯލްޑިވްސް އިމިގްރޭޝަންގެ އިތުރުން ޑިޕާޓްމަންޓް އޮފް ނޭޝަނަލް ރެޖިސްޓްރޭޝަން (ޑީއެންއާރް) އާއި ނޭޝަނަލް ސެންޓާ ފޮ އިންފޮމޭޝަން ޓެކްނޯލޮޖީ (އެންސީއައިޓީ) އާއި ނޭޝަނަލް ޑްރަގް އެޖެންސީ އަދި ޑިޕާޓްމަންޓް އޮފް ޖުވެނައިލް ޖަސްޓިސް (ޑީޖޭޖޭ) އަދި ނޭޝަނަލް ޑްރަގް އެޖެންސީ (އެންޑީއޭ) އެވެ.
އިމިގްރޭޝަން ކުރިން ކުރިޔަށް ގެންގޮސްފައިވަނީ ޑިފެންސް މިނިސްޓްރީގެ ދަށުންނެވެ. ޑީއެންއާރް ހިންގަމުން ގޮސްފައިވަނީ ޕްލޭނިން މިނިސްޓްރީގެ ބެލުމުގެ ދަށުންނެވެ. އަދި އެންއައިސީޓީ ހިންގަމުން ގޮސްފައިވަނީ މިނިސްޓްރީ އޮފް ކޮމިއުނިކޭޝަން، ސައިންސް އެންޑް ޓެކްނޮލޮޖީގެ ދަށުން ކަމަށްވާއިރު ނޭޝަނަލް ޑްރަގް އެޖެންސީ ހިންގަމުންގޮސްފައިވަނީ ހެލްތް މިނިސްޓްރީގެ ބެލުމުގެ ދަށުންނެވެ.
17 ނޮވެންބަރުގައި ހުވާ ކުރެއްވި ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ “މިނިސްޓްރީ އޮފް ހޯމް އެފެއާޒް” ގެ ނަން، “މިނިސްޓްރީ އޮފް ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޯލޮޖީ” ގެ ނަމަށް ބަދަލުކުރައްވާފައެވެ.
މިސަރުކާރުގެ ދާހިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވުޒާރާ ވަޒީރަކީ ހެޕީ މާކެޓު ކުންފުނީގެ ސީއީއޯ އަދި އެމްއެންޑީއެފްގެ ކުރީގެ ކެޕްޓަން އަލީ އިހުސާނެވެ. އިހުސާންއަކީ ގިނަ ދުވަސްތަކެއް ވަންދެން އެމްއެންޑީއެފްގައި މަސައްކަތް ކުރެއްވުމަށްފަހު ރިޓަޔާ ކުރައްވާފައިވާ ބޭފުޅެކެވެ.