-Advertisement-

-Advertisement-

ކުންފުންޏެއްގެ ބޯޑު މެމްބަރަކު ވަކި ކުރަން ސުޕްރީމް ކޯޓުގެ އަމުރެއް

ސޭވް ދަ ޑްރީމް ފްރާންސް ކުންފުނިން ސޭވް ދަ ޑްރީމް މޯލްޑިވްސްގެ މެނޭޖިންގް ޑިރެކްޓަރާއި ދެކޮޅަށް ކުރި ދަޢުވާ، ސިވިލް ކޯޓް އަދި ހައިކޯޓުން ނާކާމިޔާބުވެފައި އޮއްވާ ސުޕްރީމް ކޯޓުން ސޭވް ދަ ޑްރީމް ފްރާންސް ކުންފުންޏާއި އެއްކޮޅަށް މައްސަލަ ނިންމައިފިއެވެ. 

ސޭވް ދަ ޑްރީމް ޕވޓ. ލޓޑ. ލައިބިލިޓީ ކޮމްޕެނީ އިން ސިވިލް ކޯޓުގައި ފުރަތަމަ ދަޢުވާކުރީ އެކުންފުނީގެ %50 ޙިއްސާ އޮންނަ ސޭވް ދަ ޑްރީމް މޯލްޑިވްސްގެ ދިވެހި ޙިއްސާދާރު، ހުސައިން ޝިހާމް އަލީ، ކުންފުނީގެ ޤަވާއިދުން ބޭރުން ހުސައިން ޝިހާމް އަލީގެ މަސްލަޙަތު އޮންނަ އެހެން ކުންފުންޏަކަށް (މާހަލް ޓުއަރޒް ޕވޓ. ލޓޑ.) 550،000$ ފޮނުވި މައްސަލައިގައެވެ. މާހަލް ޓުއަރޒް ޕވޓ.ލޓޑ ގެ މެނޭޖިންގ ޑިރެކްޓަރަކީވެސް ހުސައިން ޝިހާމް އަލީއެވެ. 

ސޭވް ދަ ޑްރީމް ކުންފުނިން ދަޢުވާ ކޮށްފައިވަނީ ހުސައިން ޝިހާމް އަލީ ކުންފުނީގެ ޑިރެކްޓަރުންގެ ބޯޑުން ވަކިކޮށްދިނުމަށާއި ކުންފުނީގެ ސެކެޓްރީގެ މަޤާމު އަދާކުރަމުންދިޔަ އަލީ އުސައިދު އެމަޤާމުން ވަކިކުރުމަށް އަދި ހުސައިން ޝިހާމް އަލީ، މާހަލް ޓުއަރޒް ކުންފުންޏަށް ފޮނުވި ފައިސާ އަނބުރާ ހޯދުމަށެވެ.

މިމައްސަލައިގައި ސިވިލް ކޯޓުގެ ޤަޒިއްޔާ ނަންބަރ 1002/Cv-C/2020 އިން ނިންމާފައިވަނީ ހުސައިން ޝިހާމް އަލީ ޢަމަލުކޮށްފައިވަނީ ރަނގަޅަށް ކަމަށާއި ހުސައިން ޝިހާމް އަލީ ޑިރެކްޓަރުންގެ ބޯޑުން ވަކި ނުކުރެވޭނެ ކަމަށެވެ. އަދި އަލީ އުސައިދު ކުންފުނީގެ ސެކެޓްރީކަމުން ވަކި ނުކުރެވޭނެކަމަށް އަދި ދަޢުވާ ކުރެވުނު ފައިސާ އަނބުރާ ނަގައިދެވެން ނެތްކަމަށެވެ.

ސިވިލް ކޯޓުން މައްސަލަ ސޭވް ދަ ޑްރީމް ފްރާންސް އާއި ދެކޮޅަށް ނިންމުމުން، އެކުންފުނިން އެމައްސަލަ ދިވެހިރާއްޖޭގެ ހައިކޯޓުގައި އިސްތިއުނާފް ކުރިއެވެ. ނަމަވެސް ހައިކޯޓުންވެސް ނިންމީ، އެމައްސަލައިގައި ސިވިލް ކޯޓުން ގޮތް ނިންމާފައިވަނީ ދިވެހިރާއްޖޭގެ ކުންފުންޏާއި ބެހޭ ޤާނޫނާއި އެއްގޮތަށް ކަމަށް ފެންނާތީ ސިވިލްކޯޓުގެ ޙުކުމް ދެމެހެއްޓުމަށެވެ.

ހައިކޯޓްގެ ނިންމުން އިސްތިއުނާފް ކުރަން ސޭވް ދަ ޑްރީމް ފްރާންސް ކުންފުނިން ދެން ހުށަހެޅީ ސުޕްރީމް ކޯޓަށެވެ. ސުޕްރީމް ކޯޓުގެ ފަނޑިޔާރުން ކަމަށްވާ ފަނޑިޔާރު ހުސްނުއްސުޢޫދު، ފަނޑިޔާރު މަހާޒް އަލީ ޒާހިރު އަދި ފަނޑިޔާރު އަލީ ރަޝީދު ހުސައިން ހިމެނިވަޑައިގަންނަވާ ބެންޗުން މައްސަލަ ނިންމެވީ ސޭވް ދަ ޑްރީމް ފްރާންސް ކުންފުންޏާއި އެއްކޮޅަށެވެ. އެގޮތުން ސޭވް ދަ ޑްރީމް މޯލްޑިވްސް ކުންފުނީގެ ޑިރެކްޓަރުންގެ ބޯޑުން ހުސައިން ޝިހާމް އަލީ ޑިސްކޮލިފައި ކުރުމަށް ވަނީ ނިންމާފައިވެއެވެ. ނަމަވެސް ސޭވް ދަ ޑްރީމް ފްރާންސް ކުންފުނިން ނަގައިދިނުމަށް އެދުނު ފައިސާ އަކީ އެކުންފުނިން ކުލީގެ ގޮތުގައި މާހަލް ޓުއާރޒް ޕވޓ. ލޓޑ. އަށް ދައްކަންޖެހޭ ފައިސާކަމަށް ވުމުން، މިދެންނެވި ފައިސާ ނަގައިދެވެން ނެތްކަމަށް ސުޕްރީމްކޯޓުން ވަނީ ނިންމާފައެވެ.

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-