މޯލްޑިވްސް މީޑިއާ ކައުންސިލުންދޭ ނޫސްވެރިކަމުގެ އިނާމު ހަފްލާ ޝަރަފުވެރިކޮށްދެއްވަމުން ރައީސުލްޖުމްހޫރިއްޔާގެ ނާއިބު އަލްއުސްތާޒް ހުސައިން މުޙައްމަދު ލަތީފް ވިދާޅުވީ އެމަނިކުފާނު ޤަބޫލުކުރައްވާ ގޮތުގައި ނޫސްވެރިކަމަކީ އެންމެނަށްވެސް ބޭނުންކުރެވެން އޮތް އެންމެ ގަދަފަދަ ބާރެވެ.
“މިއަދު ނޫސްވެރިކަމަކީ އެންމެނަށްވެސް ބޭނުންކުރެވެން އޮތް އެންމެ ގަދަފަދަ ބާރު. ޤައުމުގެ އެންމެ ގަދަފަދަ ބާރުވެސްމެ. ޤައުމުގެ ހަމަޖެހުން. ޤައުމުގެ ކަންކަން ވަކިގޮތަކަށް ނިންމުން. ރައްޔިތުންގެ ވިސްނުން ވަކިގޮތަކަށް ބައްޓަންކުރުން. މިހުރިހާ ކަމެއްގެ ކޮންޓްރޯލްވެސް އޮތީ މިއަދު ނޫސްވެރިކަމާއި ގުޅިފަ.” ނާއިބް ރައީސް ވިދާޅުވިއެވެ.
ނާއިބް ރައީސްގެ ވާހަކަފުޅުގައި ރައީސް ޑރ. މުޢިއްޒު ނޫސްވެރިކަމާއިމެދު ގެންގުޅުއްވާ ތައްސައްވަރު ހިއްސާކުރެއްވިއެވެ. “ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސިޔާސަތުގައި މީޑިއާއާއި ނޫސްވެރިކަން ކުރިއަރުވަން ވަނީ ވަރަށް ޚާއްސަ ސަމާލުކަމެއް ދެއްވާފަ. ދައުލަތުގެ ބަޖެޓުން ނޫސްމީޑިއާތަކަށް ފައިސާ ދެއްވުން. އަމިއްލަ ފައިމައްޗަށް ތެދުވެ މިނިވަންކަމާއެކު މަސައްކަތް ކުރެވޭނެ މަގު ނޫސްމީޑިއާތަކަށް ފަހިކޮށްދެއްވުން. އޮފީސް ޙަރަދު ކުޑަކޮށް މީޑިއާ ހިންގޭނެ މީޑިއާ ވިލެޖެއް ޤާއިމްކޮށްދެއްވުން. އެކި ދާއިރާތަކުން ނޫސްވެރިން ތަމްރީނުކޮށް ތަޢުލީމުދީ ޤާބިލު ނޫސްވެރިން ބިނާކުރުމަށް ދައުލަތުން ހޭދަކުރެއްވުން. ސަރުކާރުން ޚަބަރު މަޢުލޫމާތު ފޯރުކޮށްދެއްވުމުގައި ނޫސްތަކުގެ މެދުގައި ތަފާތުނުކުރެއްވުން.” މިސަރުކާރުގެ 5 އަހަރުގެ ދައުރުގައި ނޫސްވެރިކަން ކުރިއެރުވުމަށް އެކަށައަޅާފައިވާ ކަންކަން ހާމަކުރައްވަމުން ނާއިބްރައީސް ވިދާޅުވިއެވެ.
ދިވެހި ނޫސްވެރިކަމަށް ކުރިއެރުމާއި ކާމިޔާބީގެ ރަންޒަމާނެއް ޑރ. މުހައްމަދު މުޢިއްޒުގެ ވެރިކަމުގައި ގެނެސްދެއްވާނެކަމަށްވެސް ނާއިބުރައީސް ވިދާޅުވިއެވެ.