ތަޖުރިބާ ކާރުން ބުނާގޮތުގައި ބައެއްކާތަކެތި އޭގެ އެންމެ ފައިދާ ހުރި ގޮތުގައި ކާނަމަ ރަނގަޅީ އެތަކެތި ރޮލާ ކެއުމެވެ. އެގޮތުން ޑީއެންއޭ އިންޑިއާގައި ޝާއިއުކޮށްފައިވާ ލިޔުމެއްގައި ވާގޮތުން، ތިރީގައި މިވާ 7 ކާތަކެއްޗަކީ އެތަކެތި ކެއްކުމުގެ ސަބަބުން އޭގެން ލިބޭ ފައިދާތަށް އުނިވާ ތަކެތި ކަމެވެ.
ބޮރޮކޮލީ
ބޮރޮކޮލީ މާ ބޮޑަށް ކެއްކުމުން އޭގައި އެކުލެވޭ ވިޓަމިން ސީ ދައްވެއެވެ. ބޮރޮކޮލީ މަޑުކުރާއިރު އެންމެ ރަނގަޅީ ސްޓީމް ކުރުމެވެ. ސްޓީމް ކުރާއިރު، 4-5 މިނަޓް ތެރޭގައި ބޮރޮކޮލީ ރަނގަޅަށް މަޑުވާނެއެވެ.
މައްސާގު ފަތް (ސްޕިނަޗް)
ގަދަ ގިނީގައި މައްސާގު ފަތް ކެއްކުމަކީ އޭގައި އެކުލެވޭ ވިޓަމިން ސީގެ މާއްދާ ދައްކޮށްދޭ ކަމެކެވެ. މައްސާގު ފަތަކީ ވަރަށް އަވަހަށް ރޯފިލާ ފަތެއްކަމުން މަޑުގިނީގައި މަޑުކޮށްލުމަށްފަހު ވީހާވެސް އަވަހަށް ނަގަން ވާނެއެވެ.
ބެރީސް ގެ ބާވަތްތައް
މިތަކެތީގައި އެކުލެވޭ ވިޓަމިން ސީގެ އިތުރުން އެންޓިއޮކްސިޑަންޓްސް، ކެއްކުމުގެ ސަބަބުން ދައްވެގެން ދެއެވެ. ޖޭމް ފަދަ ތަކެތި މީގެން ތައްޔާރު ކުރުމުން އޭގެ ފައިދާ އެންމެ އެދެވޭ ގޮތުގައި ނުލިބެއެވެ. ވީމާ، ކަމުގެ މާހިރުން ލަފާދެއްވަނީ މިތަކެތި ރޮލާ ކެއުމެވެ.
ލޮނުމެދު
ލޮނުމެދަކީ އާނމު ގޮތެއްގައި ކައްކައިގެން ބޭނުން ކުރާ އެއްޗެއް ނަމަވެސް ލޮނުމެދު ރޮލާ ކެއުމުން އޭގެ ފައިދާ ބޮޑަށް ލިބެއެވެ. ރޯ ލޮނުމެދުގެ ގިނަ ފައިދާތައް ލިބެނީ އެލިސިން ކިޔާ އެންޒައިމް އަކުން ނެވެ. މި އެންޒައިމްގައި އެންޓި އިންފްލެމޭޓޮރީ، އެންޓިއޮކްސިޑޭޓިވް، އެންޓި ބެކްޓީރިއަލް އަދި އެންޓި ކެންސާ މާއްދާތައް ހިމެނެއެވެ.
ހުތް މޭވާތަށް
ގިނަމީހުން މޭވާ ކާން ފަރިތަވެފައިވަނީ ރޯކޮށެވެ. އެހެންނަމަވެސް ބައެއް ފަހަރު ހުތްމޭވާގެ ޖޭމް ނުވަތަ ހިއްކައިފައިވާ މޭވާ ބާޒާރުން ލިބެއެވެ. މި ފަދަ ތަކެތީގައި ވިޓަމިން ސީގެ މިންވަރު ވަރަށް ބޮޑަށް ދަށްވާނެއެވެ.
އަސޭމިރުސް
އަސޭމިރުހުގައި ވެސް ހަމަ މިގޮތަށް ފިނިހޫނުމިން މަތިވުމުން ވިޓަމިން ސީގެ މިންވަރު މަދުވެދާނެއެވެ.
މަސް
މަހަށް ބަލާއިރު، އެކި ފަހަރުމަތިން ކައްކާލުމަށްފަހު އަލުން ހޫނުކުރުމުން އޭގައި ހިމެނޭ އެންމެ ފާހަގަކޮށްލެވޭ އެއް މާއްދާ ކަމަށްވާ އޮމެގާ 3 ފެޓީ އެސިޑް ގެއްލިގެންދެއެވެ. ވީމާ މަސް އެންމެ ރަނގަޅީ އެއްފަހަރު ކައްކައިގެން ކެއުމެވެ. އަދި ވަޅޯމަސްފަދަ ގިނަ އިރު ހޫނުގައި ކެއްކިފައި ހުންނަ މަހަކީ އޭގައި ފައިދާ މަދުވާނެ އެއްޗެކެވެ.