އެފްއޭއެމްގެ ހުސްވެފައިވާ ޖެނެރަލް ސެކެޓްރީކަމުގެ މަގާމަށް ވަގުތީ ގޮތުން މުހައްމަދު ޖައުޝަން ޝަރީފް ހަމަޖައްސައިފި އެވެ. ޖައުޝަންއަކީ މިހާރު އެފްއޭއެމްގެ ލީގަލް ޑައިރެކްޓަރެވެ.
އޭއެފްސީގެ ލީގަލް ވޯކްޝޮޕްގައި ހުރެ ނިއުސްލެބަށް މައުލޫމާތު ދެމުން ޖައުޝަން ވިދާޅުވީ އެފްއޭއެމްގެ ޖެނެރަލް ސެކެޓްރީގެ މަގާމާއި ހަވާލުވާން ރިކުއެސްޓް ކުރީ ރައީސް ބައްސާމް އަދީލް ޖަލީލް ކަމަށާއި ރިކުއެސްޓް ކުރުމާއި އެކު މަގާމު ބަލައިގަތް ކަމަށެވެ. “މަގާމާއި ހަވާލު މިވީ ހެޔޮހިތުން, ފުޓުބޯޅަ އަށް ކަމެއް ކޮށްދޭން”، ޖައުޝަން ވިދާޅުވި އެވެ. ޖީއެސްގެ މަގާމާއި ހަވާލުވީ ވަގުތީ ގޮތުންކަމަށް ވެސް ޖައުޝަން ވަނީ ކަށަވަރުކޮށްދީފަ އެވެ.
ޖައުޝަން އަކީ ފުޓުބޯޅައިގެ އިތުރުން އެހެން ކުޅިވަރުތަކަށް މިހާރުވެސް ހިދުމަތް ކުރަމުންދާ ބޭފުޅެކެވެ. ކުޅިވަރުގެ ގާނޫނީ ދާއިރާއިން މަތީ ތައުލީމު ހާސިލްކޮށްފައިވާ ޖައުޝަން އެފްއޭއެމްގެ ޖީއެސް ކަމާއި ހަވާލުވި އިރު މި އިދާރާގެ ވެރިންނަށް ވައްކަމާއި މަނީ ލޯންޑަރިންގެ ތުހުމަތު ވަނީ ކުރެވިފަ އެވެ.
އެފްއޭއެމްގެ ޖެނެރަލް ސެކެޓްރީކަމުގެ މަގާމު ހުސްވެފައި ވަނީ 24 އަހަރު އެފްއޭއެމްގައި މަސައްކަތް ކުރުމަށްފަހު ކުރީގެ ޖެނެރަލް ސެކެޓްރީ މަގާމުން ހުސެއިން ޖަވާޒު އިސްތިއުފާ ދިނުމުންނެވެ.
\