-Advertisement-

-Advertisement-

ފްލެޓްތަކުގެ މައްސަލައިގެ އަމަލުކުރާނެ ގޮތެއް ނިންމޭނީ 20 ވަރަކަށް ދުވަހުން: އޭސީސީ

ގެދޮރުވެރިޔާ ސްކީމްގެ ދަށުން ނިމިދިޔަ ސަރުކާރުން ދޫކުރަން ނިންމާފައިވާ ފްލެޓްތަކާއި މެދު އަމަލުކުރަންވީ ގޮތެއް 20 ދުވަސް ތެރޭ އަންގާނެ ކަމަށް އެންޓިކޮރަޕްޝަން ކޮމިޝަން އާއި ހަވާލާދީ ހައުސިން މިނިސްޓަރު ޑރ. އަލީ ހައިދަރު އަހްމަދު މިއަދު ވިދާޅުވެއްޖެ އެވެ.

ނިމިދިޔަ ސަރުކާރުން އިއުލާންކުރި ގެދޮރުވެރިޔާ ސްކީމްގެ ދާއިމީ ލިސްޓުގައި ފްލެޓަށް ޝަރުތު ހަމަވާ 13،000 މީހުން ތިބި ނަމަވެސް ވެރިކަން ނިމުމުގެ ކުރިން، އޭގެ ތެރެއިން ފްލެޓް ލިބޭ 4،000 މީހުން ކަނޑައަޅައި ލިބޭ ފްލެޓް ވެސް ވަނީ ކަނޑައަޅައިފަ އެވެ. މިކަމާއި މެދު ހިތްހަމަނުޖެހުން ފަޅުކޮށް 7،000 އަށް ވުރެ ގިނަ މީހުން ވަނީ ޝަކުވާ ހުށަހަޅާފައިއެވެ.

އެހެން ކަމުން ފްލެޓު ދޫކުރުމުގެ ކަންކަން ހުއްޓާލުމަށް އޭސީސީން އަންގާފައިވެއެވެ.

އޭސީސީގެ ތަހުގީގުގެ ފުރަތަމަ މަރުހަލާއަށް 20 ދުވަސް ހޭދަވާނެ ކަމަށް އަންގާފައިވާ ކަމަށާއި ނަމަވެސް، އެ ތަހުގީގުގެ ތެރެއިން ޖިނާއީ ތަހުގީގެއް ކުރަން ޖެހިއްޖެ ނަމަ އެއަށް ވުރެ ގިނަ ދުވަސް ވެދާނެ ކަމުގެ އިޝާރާތެއް ދެއްވާފައިވާ ކަމަށް ހައިދަރު ވިދާޅުވިއެވެ.

މީގެ އިތުރުން މިނިސްޓަރ ހައިދަރު ވިދާޅުވީ މި ސަރުކާރުން ވެރިކަމަށް ހަވާލުވިއިރު އެ މަސައްކަތް ހުއްޓާލަން އޭސީސިން އަންގާފައި އޮތުމުގެ ސަބަބުން ކަންބޮޑުވުން ފާޅުކޮށްފައިވާނެ ކަމަށާއި އެކަން އަލުން ފެށޭނެ ގޮތެއް ހޯދުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. އަދި އޭސީސީގެ ތަހުގީގަށް ބޭނުންވާތީ ފްލެޓް ޕޯޓަލްގެ ހުރިހާ ފޯމުތަކާ ލިޔުންތަކެއް ފެންނަ ގޮތަށް އޭސީސީއަށް އެކްސެސް ދީފައިވާނެ ކަމަށާއި އުނިއިތުރު ނުގެނެވޭނެ ގޮތަށް އެކަން ހަމަޖައްސައިދީފައިވާނެ ކަމަށް ވިދާޅުވި އެވެ.

އެއްވެސް ފަރާތަކަށް ލިބިފައިވާ ފްލެޓު އަތުލުމުގެ ވިސްނުން ނުގެންގުޅޭ ކަމަށާއި އޭސީސީން އަންގާ ގޮތަކަށް އަމަލު ކުރާނެ ކަމަށް އަދި ޝަރުތު ހަމަވޭތޯ ނުވަތަ ނޫންތޯ ވެސް ނިންމާނީ ވެސް އޭގެ ފަހުގައި ކަމަށް މިނިސްޓަރު ވިދާޅުވި އެވެ. ނަމަވެސް ޝަރުތު ހަމަވާ ނަމަ، ލިބޭނެ ކަމުގެ ޔަގީންކަން އޭނާ މިއަދު ވެސް ދެއްވި އެވެ.

ފުރަތަމަ 4،000 ފްލެޓް ލިބޭ މީހުން ކަނޑައެޅުން ހުއްޓާލަން އޭސީސީން އެންގި ފަހުން ވެސް ކުރީ ސަރުކާރުން ވަނީ އެކަން ކުރިއަށް ގެންގޮސްފަ އެވެ. ނަމަވެސް ފަހުން ވަނީ މަސައްކަތް ހުއްޓާލިކަން އިއުލާނުކޮށްފަ އެވެ.

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-