ދައުލަތުގެ ދަރަނި އަދި ޚަރަދުތައް ހަމަޖެއްސުމުގެ ގޮތުން ސެކަންޑަރީ މާކެޓުގައި ޓީބިލް ލިސްޓްކޮށް، ގަނެވިއްކުމުގެ ފުރުސަތު ހުޅުވާލައިފިއެވެ. ފިނޭންސް މިނިސްޓްރީ އިން މިވަގުތަށް ވިއްކަން ހުޅުވާލާފައިވަނީ 4 ސެކިއުރީޓިއެކެވެ. އެއީ 29 ދުވަހުން އަނބުރާ ދައްކާގޮތަށް %3.50 އިންޓްރެސްޓް ރޭޓްގައި ވިއްކާ 1.8 ބިލިއަން ރުފިޔާގެ ޓީބިލަކާއި 97 ދުވަހުން އަނބުރާ ދައްކާގޮތަށް %3.87 އިންޓްރެސްޓް ރޭޓުގައި ވިއްކާ 2.3 މިލިއަން ރުފިޔާގެ ޓީބިލަކާއި 182 ދުވަހުން އަނބުރާ ދައްކާގޮތަށް %4.23 އިންޓްރެސްޓް ރޭޓްގައި ވިއްކާ 80 މިލިއަން ރުފިޔާގެ ޓީބިލެއްގެ އިތުރުން 364 ދުވަހުން އަނބުރާ ދައްކާގޮތަށް %4.60 އިންޓްރެސްޓް ރޭޓުގައި ވިއްކާ 686 މިލިއަން ރުފިޔާގެ ޓީބިލެކެވެ.
ކުރިއާ ޚިލާފަށް މިފަހަރު ވިއްކަން އިޢުލާން ކުރެވުނު ޓީބިލްތަކަކީ އިންވެސްޓް ކުރެވޭ ޓީބިލްތަކެކެވެ. އަލަށް ޢަމަލުކުރަން ފެށުނު ޤަވާއިދުގެ ދަށުން މިނިސްޓްރީއިން ވިއްކާ ޓީބިލް އެހެން ފަރާތަކަށް ވިއްކާލެވިދާނެއެވެ. 2006 ގައި މިނިސްޓްރީއިން ޓީބިލް ވިއްކަން ފައްޓާފައިވާއިރު، ޢަމަލުކުރެވެމުން އައިގޮތުން ޓީބިލް ގަންނަ ފަރާތަށް އޭގެއިން އިތުރު އިންވެސްޓެއް ނުކުރެވެއެވެ.
ފިނޭންސް މިނިސްޓްރީއިން ވިއްކާ ސެކިއުރިޓީސްގެ ތެރޭގައި ހިމެނެނީ ޓްރެޝަރީ ބޮންޑާއި، 4 ވައްތަރެއްގެ އިސްލާމިކް ސެކިއުރިޓީސްގެއިތުރުން ޓީ ބިލްއެވެ. ސަރުކާރުން ވިއްކާ ސެކިއުރިޓީސްތަކަކީ އިންވެސްޓަރުންނަށް ރައްކާތެރި، ސަރުކާރުން ޒިންމާވާނެ ފައިނޭންޝިއަލް ޕްރޮޑަކްޓްސް ތަކެކެވެ.