-Advertisement-

-Advertisement-

ފަލަސްތީނުގައި އިސްރާއީލުން ހިންގަމުންދާ ލާއިންސާނީ ޢަމަލުތައް ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ކުއްވެރި ކުރައްވައިފި

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، ފަލަސްޠީނަށް ގަދަކަމުން ވެރިވެގަނެގެން އުޅޭ އިސްރާއީލީ ޔަހޫދީން އެޤައުމުގައި ކުރަމުން ގެންދާ ހަނގުރާމައާއި، ފަލަސްޠީނުގެ ކުށެއްނެތް ރައްޔިތުންނާ ދެކޮޅަށް އިސްރާއީލުން ހިންގަމުންދާ ލާއިންސާނީ ޢަމަލުތައް ދިވެހިރާއްޖޭގެ ރައްޔިތުންނާއި ދިވެހި ސަރުކާރާއި، އަދި ރައީސުލްޖުމްހޫރިއްޔާގެ އަމިއްލަ ނަންފުޅުގައި އެންމެ ހަރުކަށި އިބާރާތުން ކުށްވެރިކުރައްވައިފިއެވެ.

ރައީސް ޑރ. މުޙައްމަދު މުޢިއްޒު މިފަދައިން ވިދާޅުވެފައިވަނީ ބައިނަލްއަޤުވާމީގޮތުން ފާހަގަކުރާ ފަލަސްތީނު ރައްޔިތުންނާ އެއްބައިވަންތަކަން ހާމަކުރުމުގެ ދުވަހުގައި ފަލަސްތީނުގެ ރައްޔިތުންނަށް އެމަނިކުފާނު ފޮނުއްވި މެސެޖުގައެވެ.

ރައީސުލްޖުމްހޫރިއްޔާގެ މެސެޖުގައި ޣައްޒާގައި ކުރަމުންދާ ހަނގުރާމަ މިހާރުން މިހާރަށް ހުއްޓާލުމަށާއި، ކާބޯތަކެއްޗާއި ތެލާއި ބޭސްފަދަ ޒަރޫރީ ބޭނުންތައް ފޯރުކޮށްދިނުމަށާއި، ފަލަސްޠީނުގެ ރައްޔިތުން އެހެން ހިސާބުތަކަށް ހިޖުރަކުރުމަށް މަޖުބޫރުކުރުން ހުއްޓާލުމަށް ގޮވާލެއްވިއެވެ. އަދި އިސްރާއީލުގެ ދިފާއީ ބާރުތަކުން ފަލަސްޠީނުގައި ހިންގަމުންދާ އަނިޔާވެރިކަމަކީ އިންސާނީ ޙައްޤުތަކާއި ބެހޭ ބައިނަލްއަޤުވާމީ ޤާނޫނުތަކާ ޚިލާފަށް ހިންގަމުންދާ ހަނގުރާމައިގެ ޖަރީމާތަކެއްކަން ފާހަގަކުރައްވައި މިޖަރީމާތައް ތަހުޤީޤު ކުރުމަށް ބައިނަލްއަޤުވާމީ ކްރިމިނަލްކޯޓަށް ގޮވާލެއްވިއެވެ.

ދާއިމީ ސުލްޙައެއް ފަލަސްތީނަށް ގެނެވޭނީ ފަލަސްތީނުގައި މިނިވަން މުސްތަޤިއްލު ދައުލަތެއް ޤާއިމްކުރެވިގެންކަމަށް ދިވެހިރާއްޖެ ޤަބޫލުކުރާކަމަށާއި ފަލަސްތީނުގެ ރައްޔިތުންނަށް ލިބެންޖެހޭ ޙައްޤުތައް ހޯދައިދިނުމުގައި ދިވެހިރާއްޖެއިން އަބަދުވެސް ސާބިތުކަމާއިއެކު އޮންނާނެކަމުގެ ޔަޤީންކަން މިމެސެޖުގައި ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުޢިއްޒު ވަނީ ދެއްވަވާފައެވެ.

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-