-Advertisement-

-Advertisement-

ނައީމާގެ މަރުގެ މައްސަލާގައި ތިން މީހެއްގެ މައްޗަށް ދައުވާކޮށްފި

މިއަހަރު އޭޕްރީލް 7 ވަނަ ދުވަހު ގައި މަރާލާފައި އޮއްވާ ފެނުނު، ނ. މަނަދޫ، އަންނާރުމާގެ، ނައީމާ މޫސާ މަރާލި މައްސަލައިގައި ތުހުމަތުވާ ތިން މީހެއްގެ މައްޗަށް ދައުވާ ކޮށްފި އެވެ.

ނައީމާ، 62، ގެ މަރުގެ މައްސަލާގައި ތިން މީހެއްގެ މައްޗަށް ދައުލަތުން ދައުވާ ކޮށްފައިވާކަން އިއުލާނުކޮށްފައިވަނީ މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ޕްރޮސެކިއުޓާ ޖެނެރަލް ހުސެއިން ޝަމީމް އެވެ.

ނައީމާގެ މަރާލާފައި އޮއްވާ ފެނުނީ އޭނާ ދިރިއުޅެމުން އައި ގޭގަ އެވެ. އަދި މައްސަލައިގައި މޭމަހުގެ ތެރޭގައި ތިން މީހަކު ވަނީ ހައްޔަރުކޮށްފައިއެވެ. މިމީހުންނަކީ ފެހިވިލާގެ، ނ. މަނަދޫ، އަހުޒަމް އަބްދުލްޝަކޫރު، 23 ، ވިނަރެސް، ނ. މަނަދޫ، ހުސައިން ފަވާޒު، 21 އަދި ފިނިފެންމާގެ، ނ. މަނަދޫ، އަބްދުލްވާހިދު ރިފާސް، 21 އެވެ.

ޕީޖީ ޝަމީމު ވިދާޅުވި އެ ތިން މީހުންގެ މައްޗަށް ކުރަނީ ތޫނު އެއްޗެއް ބޭނުންކޮށްގެން ގަސްތުގަ މީހުން މެރުމާއި، އަދުލު އިންސާފު ގާއިމުކުރުމަށް ހުރަސްއެޅުމާއި، މައްޔިތާގެ ބޭނުން ނަހަމަ ގޮތުގައި ހިފުމުގެ ކުށުގެ ދައުވާ ކަމަށެވެ.

މީގެ އިތުރުން ޕީޖީ ޝަމީމު ވިދާޅުވީ އަދުލު އިންސާފު ގާއިމުކުރުމަށް ހުރަސްއެޅުމުގެ ކުށުގެ ދައުވާ ކުރަނީ، ނައީމާ މަރާލަން ބޭނުންކުރި ވަޅިއާއި އެހެން ތަކެތި އެ ރަށު ނާމަގު ސަރަހައްދުގައި ވަޅެއް ކޮނެ، އަންދާ އެ ތަކެތި ނައްތާލުމަށް މަސައްކަތް ކުރުމާ ގުޅިގެންކަމަށެވެ. އެ މީހުން މަސައްކަތް ކުރީ ހެކި ނައްތާލުމަށް ކަމަށެވެ.

މައްޔިތާގެ ބޭނުން ނަހަމަ ގޮތުގައި ހިފުމުގެ ކުށުގެ ދައުވާ ކުރަނީ، ނައިމާ މަރާލުމަށްފަހު އޭނާ ދިރިއުޅުނު ގޭގެ ދޮރު ތަޅުލުމުގެ ސަބަބުން، އޭނާގެ ހަށިގަނޑު އާއިލާއަށް ނުފެނި 40 ގަޑިއިރު ހޭދަވުމުން ކަމަށްވެސް ޝަމީމު ވިދާޅުވި އެވެ.

މި ތިން މީހުންގެ މައްޗަށް ދައުވާކުރި ނަމަވެސް، ނައީމާ މަރާލީ ކޮން ސަބަބަކާ ހުރެ ކަމެއް މިވަގުތާ ހަމައަށް ތަހުގީގަށް ސާފުވެފައި ނުވާކަންވެސް ޝަމީމު ވަނީ މިއަދުގެ ނޫސްވެރިންގެ ބައްދަލުވުމުގައި ވިދާޅުވެފަ އެވެ.

ނައީމާ މަރުވެފައި އޮއްވާ ފެނުނުއިރު ކޮޓަރީގެ ބިންމަތީގައި ގިނަ އަދަދަކަށް ލޭ ހުއްޓެވެ. އޭނާގެ ހަށިގަނޑުގެ އެކި ތަންތަނަށް ވަޅި ހަރާފައިވާ ކަން އެނގިފައިވެ އެވެ.

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-