ފެނަކައިގެ ދަރަނީގެ ތަފްސީލްތައް ހާމަކުރަން އިންފޮމޭޝަން ކޮމިޝަނަރު އެންގީ ރަނގަޅަށް ކަމަށް ހައި ކޯޓުން ހުކުމްކޮށްފި އެވެ.
ފެނަކައިން އެކި ފަރާތްތަކަށް ދައްކަން ޖެހޭ ފައިސާގެ އަދަދުތަކާއި އޭގެ ތަފްސީލްތައް ހާމަކުރަން އިންފޮމޭޝަން ކޮމިޝަނަރު މިދިޔަ އަހަރުގެ އޮކްޓޫބަރު އަންގާފައިވީ ނަމަވެސް އެ ނިންމުން ފެނަކައިން ހައި ކޯޓުގައި އިސްތިއުނާފްކުރި އެވެ.
ހައި ކޯޓުން އިއްޔެ ކުރި ހުކުމުގައިވަނީ ފެނަކައިން ފައިސާ ދައްކަންޖެހޭ އެހެން ކުންފުނިތަކުގެ ނަންތަކާއި ތަފްސީލުތަކަކީ މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގުގެ ގާނޫނުގެ ދަށުން ހާމަ ނުކުރެވޭނެ މައުލޫމާތެއް ކަމަށް ފެނަކައިން ބުނެފައިވީ ނަމަވެސް އެ މައުލޫމާތު ހާމަ ކުރުމުގެ ސަބަބުން ތިން ވަނަ ފަރާތެއްގެ ވިޔަފާރިއަށް ގެއްލުންތަކެއް ވެދާނެ ކަމަށް ނުބެލެވޭ ކަމަށާއި އެ މައުލޫމާތު އާންމު ކުރުމަކީ ސިއްރު ހިފެހެއްޓުމުގެ އުސޫލާ ހިލާފް ކަމަކަށް ވާނެކަން ފެނަކައަށް ބުނެ ނުދެވޭ ކަމަށް ވެސް ހުކުމުގައިވެ އެވެ.
އެ މައްސަލަ ހައި ކޯޓުން ބެއްލެވީ ފަނޑިޔާރު މުހައްމަދު ފައިސަލާއި ފަނޑިޔާރު ހުސައިން މަޒީދު އަދި ފަނޑިޔާރު ފާތިމަތު ފަރުހީޒާ އެވެ. ބެންޗުގެ ރިޔާސަތަކީ ފަނޑިޔާރު ފައިސަލެވެ.