-Advertisement-

-Advertisement-

ތިނަދޫ ސިޓީއަކަށް ބަދަލުކުރި މައްސަލަ މަޖިލީހަށް

ގދ. ތިނަދޫ. ފޮޓޯ; ތިނަދޫ ކައުންސިލް ފޭސްބުކް

ނިމިދިޔަ ސަރުކާރު ނިމެމުން ދަނިކޮށް ސިޓީއެއްގެ ދަރަޖަ ދިން ގދ. ތިނަދޫގެ ސިޓީގެ ދަރަޖައާއި މެދު ޤާނޫނީ ސުވާލުތަކެއް އުފެދި، ގޮތެއް ނިންމުމަށް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފިއެވެ. ރިޔާސީ އިންތިޚާބުގެ ކެންޕޭން ދުވަސްވަރު ތިނަދޫ ސިޓީއަކަށް ބަދަލުކޮށްދެއްވީ އޭރުގެ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ސާލިހު އެވެ.

ލާމަރުކަޒީ ޤާނޫނުން ބަޔާންކުރާ ސިޓީއެއްގެ ސިފަތައް ތިނަދޫގައި ފުރިހަމަވެފައިތޯ އެކި އިދާރާތަކުން ވަނީ އުފައްދާފައެވެ. މިގޮތުން އާބާދީގައި 10،000 މީހުން ހަމަވުމަކީ ސިޓީއެއްގެ އެއް ސިފަ ކަމަށް ޤާނޫނުގައި ބަޔާންކޮށްފައިވީހިނދު، ތިނަދޫގައި 10،000 މީހުން ހަމަނުވާކަމަށް ކަމާބެހޭ އިދާރާތަކުން ވަނީ ބުނެފައެވެ.

ލާމަރުކަޒީ ޤާނޫނުގެ 51 ވަނަ މާއްދާއިން ބާރު ލިބިގެން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ސާލިހު، ތިނަދޫއަށް ސިޓީއެއްގެ ދަރަޖަ ދިނުމުން، މިހާރު އެރަށުގެ ރަށު ކައުންސިލް އަށް ވާނެގޮތަކާއި މެދުވެސް ކޮމިޓީގައި ސުވާލުކުރެވިފައިވެއެވެ. މިމޭރުމުން ސުވާލުކުރެއްވީ މަޖިލިސް ކޮމިޓީގައި ވާހަކަދައްކަވަމުން ތިނަދޫ ކައުންސިލް ރައީސް ސަޢުދު އަލީ އެވެ. ސަޢުދު ވިދާޅުވީ ސިޓީއަކަށް ބަދަލުކުރުމުން، ތިނަދޫ ކައުންސިލް ރައީސެއް ހުންނާނެކަމާ މެދު ސުވާލު އުފެދިފައިވާކަމަށެވެ. އެހެނީ ސިޓީއެއްގައި ހުންނާނީ މޭޔަރެކެވެ. މޭޔަރެއް ހޮވަން ބާއްވަނީ ވަކި އިންތިޚާބެކެވެ.

އަދި ސިޓީއެއްގެ ގޮތުގައި ރަށުގެ އިދާރީ އަދި އިޖުތިމަޢީ ކަންކަން ހިންގުމަށް ބޭނުންވާ ވަސީލަތްތައްވެސް ތިނަދުއަށް ލިބެން ޖެހޭކަމަށާއި ރަށު ކައުންސިލް ސިޓީ ކައުންސިލަކަށް ބަދަލު ކުރާނަމަ، އިދާރާގެ އޮނިގަނޑަށް ވެސް ބަދަލުގެންނަން ޖެހޭ ކަމަށް ސައުދު ފާހަގަ ކުރެއްވިއެވެ.

ކޮމިޓީގައި ވާހަކަ ދައްކަވަމުން، ލޯކަލް ގަވަރމަންޓް މިނިސްޓަރ ފާހަގަކުރެއްވީ ޤާނޫނީ ހައްލެއް ހޯދުމުގެ މުހިއްމުކަމެވެ. އެގޮތުން ލާމަރުކަޒީ ޤާނޫނަށް ގެންނަންވާ އިސްލާޙުތައް ގެނައުން އަވަސް ކުރުމުގެ މުހިއްމުކަން ފާހަގަކޮށް މަޖިލީހުން މިކަމަށް މަސައްކަތް ކޮށްދިނުމަށް ލަފާދެއްވިއެވެ.

މައްސަލައަށް ހައްލެއް ހޯދުމަށް އެލްޖީއޭގެ ޑިރެކްޓަރ ޖެނެރަލް ދެއްވި ޚިޔާލަކީ ލާމަރުކަޒީ ޤާނޫނު ބަދަލުކޮށް ވީއެންމެ އަވަހަކަށް ތިނަދޫ ސިޓީ ކައުންސިލް އަށް އިންތިޚާބެއް ބޭއްވުމެވެ.

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-