-Advertisement-

-Advertisement-

އަބްދުﷲ ރަޝީދުގެ މަރު: ފުލުހުންގެ އިހުމާލު އޮތްކަމަށް ނިންމައިފި

ފުލުހުންގެ ހައްޔަރުގައި ހުއްޓާ ނިޔާވި ގދ. ހޯނޑެއްދޫ އަބްދުﷲ ރަޝީދު ނިޔާވި މައްސަލަ ޕޮލިސް އިންޓެގްރިޓީ ކޮމިޝަނުން ތަޙުޤީގު ކުރުމަށްފަހު ފުލުހުންގެ އިހުމާލު އޮތް ކަމަށް އެކޮމިޝަނުން ނިންމައިފިއެވެ.

މިދިޔަ އަހަރު އޮކްޓޯބަރ މަހު ގދ. ހޯނޑެއްދޫގައި ޕޮލިހުންގެ ޑްރަގް އެންފޯސްމަންޓް ޑިޕާޓްމަންޓުން ހިންގި ޑްރަގް އޮޕަރޭޝަނެއްގައި ހައްޔަރުކުރި އަބްދުﷲ ރަޝީދު ނިޔާވީ ފުލުހުންގެ ހައްޔަރަށް އެހެން ރަށަކަށް ގެންދިޔަ ދަތުރުމަތީގައި ކުއްލިއަކަށް މެޔަށް ތަދެއް އެރުމަށްފަހު އެވެ.

މިކަން ހިނގައި ދިޔަގޮތަށް ބަލައި ޖިނާޢީ ތަޙުޤީގެއް ކުރުމަށް ޕޮލިސް އިންޓެގްރިޓީ ކޮމިޝަނުން ނިންމީ އަބްދުﷲ ރަޝީދުގެ އާއިލާއިންނާއި ހެޔޮއެދޭ ފަރާތްތަކުން ފުލުހުންގެ އިހުމާލު އޮތްކަމަށް ވަރަށް ބޮޑަށް ތުހުމަތު ކުރަން ފެށުމުންނެވެ.

ޕޮލިސް އިންޓެގްރިޓީ ކޮމިޝަނުން ވަނީ އަބްދުﷲ ރަޝީދުގެ ހަށިގަނޑު އިންޑިއާއަށް ފޮނުވައިގެން ޕޯސްޓް މޯޓަމް ވެސް ހައްދައިފައެވެ. ޕޯސްޓް މޯޓަމް ހެދުން ހުއްޓުވައި ހަށިގަނޑު އާޢިލާއާއި ހަވާލުކުރުމަށް އެދި އާއިލާއިން ސިވިލް ކޯޓަށްވެސް ހުށަހެޅި އެވެ. ނަމަވެސް ސިވިލް ކޯޓުން އެގޮތަކަށް އަމުރެއް ނެރެދެވޭން ނެތްކަމަށް ނިންމީއެވެ.

82 ކިލޯއަށް ވުރެ ގިނަ މަސްތުވާތަކެތި ހޯދިފައިވާ މިމައްސަލައިގައި ހައްޔަރުކުރި އަބްދުﷲ ރަޝީދާއިމެދު ހައްޔަރުގައި ފުލުހުން ޢަމަލުކޮށްފައިވަނީ “ފަރުވާކުޑަކޮށް” ކަން ޔަޤީންކުރުމަށް ޕޮލިސް އިންޓެގްރިޓީ ކޮމިޝަނުން ކުރި ތަހުޤީގުގައި ވަރަށް ގިނަ އަދަދެއްގެ ފުލުހުންގެ ބަޔާން ނަގާފައިވެއެވެ. އަދި ޙާދިސާގައި އުސޫލުން ބޭރުން ފަރުވާކުޑަކޮށް ޢަމަލު ކުރިކަމަށް ނިންމައި ބައެއް ޕޮލިހުންގެ މައްޗަށް ދަޢުވާ ކުރުމަށް ޕީޖީއަށް ފޮނުވަން މިހާރު ވަނީ ނިންމާފައެވެ.

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-