-Advertisement-

-Advertisement-

ރައީސުލްޖުމްހޫރިއްޔާގެ ނޯކޮންފިޑެންސް ވޯޓަކަށް އެމްޑީޕީން ގޮވާލައިފި

ރައީސް ތުރުކީ އަށް ކުރައްވާ ދަތުރުފުޅުގެ ތެރެއިން. ފޮޓޯ:ރައީސް އޮފީސް

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ އިތުބާރުނެތްކަމުގެ ވޯޓެއް ނެގުމަށް އިދިކޮޅު އެމްޑީޕީ މެންބަރުން މިއަދު ރައްޔިތުންގެ މަޖިލީހުގައި ގޮވާލައިފިއެވެ.

މިއަދު ބޭއްވުނު ރައްޔިތުންގެ މަޖިލީހުގެ މިއަހަރުގެ 3 ވަނަ ދައުރުގެ 33 ވަނަ ބައްދަލުވުމުގައި ބާރަށު ދާއިރާގެ މެންބަރު އަހުމަދު އަބްދުﷲ ހުށަހެޅުއްވި ކުއްލި މައަސަލައަކަށް ބަހުސް ކުރައްވަމުން މަޖިލީހަށް މިއަދު ހާޒިރުވި މެންބަރުންގެ ތެރެއިން 4 މެންބަރުން ފިޔަވާ ހުރިހާ މެންބަރުން ވަނީ ރައީސުލްޖުމްހޫރިއްޔާގެ އިތުބާރު ނެތްކަމުގެ ވޯޓް ނެގުމަށް ތާއިދުކޮށް ވާހަކަދައްކާފައެވެ.

ބާރަށު ދާއިރާގެ މެންބަރު އަހުމަދު އަބްދުﷲ ހުށަހެޅުއްވި މައްސަލައަކީ، ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވެރިކަމަށް އައުމަށް ކެންޕޭން ކުރެއްވުމުގައި އިންޑިއާ ސިފައިން ރާއްޖޭގައި ތިބިކަމަށް ބަޔާންކޮށް ބައިނަލްއަޤުވާމީ މީޑިއާތަކުގައި ދައްކަވާފައިވާ ވާހަކަތަކާއި، އިންޑިއާ ސިފައިން ތިބި އަދަދު ހާމަކުރައްވައި އަނބުރާ ފޮނުވާލާނެކަމަށް ވީވަޢުދާއި އިންޑިއާއާއިއެކު ހަދާފައިވާ “މިނިވަންކަމަށް ބުރޫއަރާ” އެއްބަސްވުންތައް ހާމަކުރައްވާނެކަމަށް ރައްޔިތުންނަށް ވެފައިވާ ވަޢުދު ތަކަކީ ވެރިކަން ހޯދުމަށްޓަކައި ރައްޔިތުންނަށް އޮޅުވާލަން ދެއްކި ވާހަކަތައް ކަމުގައި ވެފައިވާތީވެ އެކަންކަން މަޖިލީހަށް ހާމަކޮށްދިނުމަށް ގޮވާލާ ހުށަހެޅި ކުއްލި މައްސަލައެކެވެ.

މިމައްސަލައިގައި މެންބަރުން ވާހަކަދައްކަވަމުން ގޮވާލެއްވީ ވަޢުދުވެފައިވާގޮތަށް ކަންކަން މަޖިލީހަށް ހާމަކުރުމަށެވެ. އަދި ކޮޕް28 ސަމިޓުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އާއި އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ އާއި ބައްދަލުވެ އެއްބަސްވެވިފައިވާ ކަމަށް ބުނާ ކަންކަންވެސް މަޖިލީހަށް ހާމަކުރުމަށެވެ. ރައީސް ވަނީ އިންޑިއާއިން ސިފައިން އަނބުރާ ގެންދަން އެއްބަސްވެފައިވާ ކަމަށް ނޫސްވެރިންގެ ބައްދަލުވުމުގައި ވިދާޅުވެފައެވެ.

“ދޮގާއި މަކަރާއި ހަދައިގެން ވެރިކަމަށް އައިސް 5 އަހަރުގެ ދައުރެއް އަދާކޮށް ނިންމާލެވޭނެކަމަށް ހީކުރެވުމަކީ ވަރަށް ބޮޑު ގޯހެއް ކަމަށާއި ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ ދައުރަކީ މިފަދަ ދޮގުތަކާއި އޮޅުވާލުންތައް ހާމަކޮށް ރައީސުލްޖުމްހޫރިއްޔާ މަޤާމުން ދުރުކުރުން” ކަމަށް އިހަވަންދޫ ދާއިރާގެ މެންބަރު މުޙައްމަދު ޝިފާޢު ވިދާޅުވިއެވެ.

މަޖިލީހުގައި ސަރުކާރު ދިފާޢުކޮށް ވާހަކަދެއްކި މަދު މެންބަރުންނަކީ ޕީއެންސީގެ މޫސާ ސިރާޖާއި އޭދަފުށީ ދާއިރާގެ މެންބަރު އަހުމަދު ސަލީމް އަދި ނޮޅިވަރަމް ދާއިރާގެ މެންބަރ މުޙައްމަދު ނަޝީދުއެވެ. މަޖިލީހުގައި މިވަގުތު އެމްޑީޕީއަށް ސާފު މެޖޯރިޓީއެއް ލިބިފައިވާއިރު ޑިމޮކްރެޓްސް އިން އެއްބައިވާނަމަ ރައީސުލްޖުމްހޫރިއްޔާ މަޤާމުންދުރުކުރުމަކީ ވަރަށް ގާތުގައިވާކަމެކެވެ.

ނިއުސްލެބަށް މަޢުލޫމާތު ލިބިފައިވާ ގޮތުގައި މިހަފްތާ ކުރީކޮޅު އެމްޑީޕީ ޕީޖީގްރޫޕްގައި ރައީސުލްޖުމްހޫރިއްޔާގެ ނޯކޮންފިޑެންސް ވޯޓެއް ނެގުމުގެ ނުރަސްމީ މަޝްވަރާތަކެއް ވަނީ ކޮށްފައެވެ.

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-