-Advertisement-

-Advertisement-

ބިދޭސީ މަސައްކަތްތެރިންގެ އަދަދުތައް އެނގެން ހުރި އެންމެފަހުގެ ރިޕޯޓުތައް އިކޮނޮމިކް މިނިސްޓްރީން ޑިލީޓްކޮށްފި

ވަޒީފާއާ ބެހޭ ގާނޫނުގައި ބަޔާންކޮށްފައިވާ އަދަދާއި ހިލާފަށް ބަންގްލަދޭޝް އިން ރާއްޖެއަށް އަންސްކިލްޑް ލޭބަރުން އަލުން ގެނެވޭ ގޮތަށް މިއަދު ސަރުކާރުން ނިންމި ނިންމުމާ އެކު، ރާއްޖޭގައި ތިބި ބިދޭސީ މަސައްކަތްތެރިންގެ އަދަދުތައް އެނގެން ހުރި އިކޮނޮމިކް މިނިސްޓްރީގެ އެންމެފަހުގެ ރިޕޯޓުތައް އެ މިނިސްޓްރީގެ ސޯޝަލް ޕްލެޓްފޯމުތަކުން ފޮހެލައިފި އެވެ.

ގަވާއިދާ ހިލާފަށް ރާއްޖޭގައި އުޅެމުންދާ ބިދޭސީންގެ މައްސަލަ ބޮޑުވެ ބަންގަލަދޭޝް އިން ރާއްޖެއަށް ލޭބަރުން ގެނައުން ސަރުކާރުން މަނާކުރިތާ މިއަދާއި ހަމައަށް ގާތްގަނޑަކަށް ހަތަރު އަހަރުވެއްޖެ އެވެ. ތަފާސްހިސާބުތައް ދައްކާގޮތުން ރާއްޖޭގައި އެންމެ ގިނަ އަދަދަކަށް ތިބީ އެ ގައުމުގެ ލޭބަރުންނެވެ.

އެހެން ގައުމުތަކުން ރާއްޖެއަށް އަންސްކިލްޑް ލޭބަރުން މިވަގުތު ގެނައުން މަޑުޖައްސާލާފައިވާއިރު މިއަދުން ފެށިގެން ހަމައެކަނި ގެނެވޭނީ ބަންގްލަދޭޝްގެ އަންސްކިލްޑް ލޭބަރުންނެވެ.

ވަޒީފާއާބެހޭ ގާނޫނުގައި 65 ވަނަ މާއްދާގެ ހ. ގައި ބަޔާންކޮށްފައިވާ ގޮތުން އެއް ގައުމަކުން ރާއްޖެއަށް އެންމެ ގިނައިން ގެނެވޭނީ 100,000 މީހުންނެވެ. އިކޮނޮމިކް މިނިސްޓްރީން އެންމެފަހުން ހާމަކުރި ތަފާސްހިސާބުތަކުން އެނގޭ ގޮތުގައި ރާއްޖޭގައި 139,220 ބަންގްލަދޭޝް މީހުން މަސައްކަތްކުރެ އެވެ.

އެ ރިޕޯޓު އާންމުކުރުމަށް ފަހު ނޮވެމްބަރު 17, 2023 ގެ 18:11 ގައި އެ މިނިސްޓްރީގެ އެކްސްގައި ކުރި ޕޯސްޓު ވެސް ވަނީ ޑިލީޓްކޮށްފަ އެވެ.

އެކަމާ ގުޅޭގޮތުން ސަރުކާރުގެ ބަހެއް ނެތެވެ. މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ސަރުކާރުގެ ތަރުޖަމާނަށް ވެސް އެއީ ގާނޫނާ ހިލާފު ނިންމުމެއް ކަން ސާފުކޮށްދިނުމުން ވެސް އެކަމަށް ޖަވާބެއް ނުދެއްވަ އެވެ.

މިގޮތަށް އުޅޭ ބިދޭސީން ގަވާއިދުގެ ތެރެއަށް ފައްތަން އިކޮނޮމިކް މިނިސްޓްރީގެ ދަށުން ކުރިއަށްގެންދިޔަ އެ ޕްރޮގްރާމަކީ ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ ހައްލުކުރަން މިހާތަނަށް ސަރުކާރަކުން ކުރި އެންމެ ބޮޑު މަސައްކަތެވެ.

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-