-Advertisement-

-Advertisement-

ރައީސުލްޖުމްހޫރިއްޔާ އަޒުލުކުރުން ފަސޭހަކޮށް އިސްލާޙް ފާސްކޮށްފި

ރައީސް ޑރ. މުހައްމަދު މުއިއްޒުއާއި އެކު މަޖިލީސް ރައީސް މުހައްމަދު އަސްލަމް ހުވާކުރުމުގެ ޖަލްސާއަށް ވަޑައިގަންނަވަނީ. ފޮޓޯ: ނިއުސްލެބް

ރައްޔިރުންގެ މަޖިލީހުގެ 2023 ވަނަ އަހަރުގެ 3 ވަނަ ދައުރުގެ 37 ވަނަ ޖަލްސާއިން ފާސްކޮށް މަޖިލީހުގެ ޤަވާއިދަށް ގެނައި އިސްލާޙާއެކު ސަރުކާރަށް ނުތަނަވަސްކަން ބޮޑުވެއްޖެއެވެ.

މިއަދު ބޭއްވުނު ރައްޔިތުންގެ މަޖިލިސް ޖަލްސާއިން ފާސްކުރެވުނު އިސްލާޙަކީ ރައީސުލްޖުމްހޫރިއްޔާ އަދި ރައީސުލްޖުމްހޫރިއްޔާގެ ނާއިބު މަޤާމުން ވަކިކުރުމުގައި ޢަމަލުކުރާ އުސޫލުގެ މަރުޙަލާތައް ތަރުތީބުކޮށް މަރުޙަލާ އަވަސްވާނެހެން އޮތް އިސްލާހެކެވެ. މިއިސްލާޙް ފާސްވީ 68 މެންބަރުން ހާޒިރުވި މަޖިލިސް ޖަލްސާގައި ވޯޓްގައި ބައިވެރިވެލެއްވި 55 މެންބަރުންގެ ތެރެއިން 44 މެންބަރުންގެ އަޣުލަބިއްޔަތުންނެވެ.

ރައީސުލްޖުމްހޫރިއްޔާ ނުވަތަ ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވަކިކުރުމަށް ޤާރާރެއް ހުށަހަޅައިފިނަމަ 2 ދުވަސްތެރޭގައި މައްސަލައިގެ ނޯޓިސް މައްސަލަ ރައްދުވާ ފަރާތަށް ފޮނުވަން ވާނެއެވެ. އަދި 14 ދުވަހުގެ ނޯޓިހަށްފަހު، މައްސަލަ ކުރިއަށްގެންދަން ޖަލްސާއެއް ބާއްވައި މައްސަލަ ރައްދުވާ ފަރާތަށް ޖަވާބުދާރީ ވުމަށާއި ދިފާޢުގައި ވާހަކަދެއްކެވުމަށް 30 މިނެޓް ދެވޭނެއެވެ.

3 ގަޑިއިރު ބަހުސް ކުރުމަން ދިނުމަށްފަހު، މެންބަރުންގެ ވޯޓުން ފާސްވެއްޖެނަމަ މައްސަލަ ކޮމިޓީއަށް ފޮނުވަން ޖެހެއެވެ. ކޮމިޓީއިން 5 ދުވަސްތެރޭގައި މައްސަލަ ދިރާސާކޮށް ރިޕޯޓެއް ތައްޔާރުކޮށް މަޖިލިސް ރައީސްއަށް އަރުވަން ވާނެއެވެ. އަދި މިރިޕޯޓް، މައްސަލަ ރައްދުވާ ފަރާތަށް ފޮނުވައި ލިޔުމުން ޖަވާބުދިނުމަށް 2 ދުވަސް ދެވޭނެއެވެ.

ރައީސުލްޖުމްހޫރިއްޔާ ނުވަތަ ރައީސުލްޖުމްހޫރިއްޔާގެ ނާއިބު ދެއްވާ ޖަވާބާއި ރިޕޯޓް 5 ދުވަހުގެ ތެރޭގައި މަޖިލީހުގެ ތަޅުމަށް ހުށަހަޅައި ވޯޓަށް އަހަން ވާނެއެވެ. ރައީސުލްޖުމްހޫރިއްޔާ ނުވަތަ ރައީސުލްޖުމްހޫރިއްޔާގެ ނާއިބު މަޤާމުން ވަކިކުރެވޭނީ މަޖިލީހުގެ ޖުމްލަ މެންބަރުންގެ ތިންބައިކުޅަ ދެބައި މެންބަރުންގެ ވޯޓުންނެވެ.

އަލަށް ގެނެވުނު އިސްލާޙުން ވަނީ މަޖިލީހުގެ މެންބަރުންގެ ޖުމްލަ އަދަދު އަދި އަޣުލަބިއްޔަތު ބަލާނެ ގޮތަށް ވެސް ބަދަލު ގެނެސްފައެވެ. މިގޮތުން މަޖިލިސް މެންބަރުންގެ ޖުމްލަ އަދަދު ކަމަށް ބަލާނީ މަޖިލިސް މެންބަރުންގެ ގޮތުގައި ދެމިތިއްބެވި ދާއިރާތަކުގެ މެންބަރުން އެކަންޏެވެ. އެއްވެސް މެންބަރަކު އެއްވެސް ހާލަތެއްގައި މަޖިލިސް މެންބަރު ކަމުން ވަކިވެއްޖެނަމަ، މަޖިލީހުގެ ޖުމްލަ އަދަދު ގުނާނީ އެމެންބަރުންގެ ދާއިރާ ނުހިމެނޭގޮތަށެވެ.

އަލަށް ފާސްކުރެވުނު އިސްލާޙާއެކު މިހާރު މަޖިލީހުގެ ޖުމްލަ މެންބަރުންގެ އަދަދު ކަމަށް ބަލާނީ 80 އެވެ. އެހެންކަމުން 54 މެންބަރުންގެ ތާއީދުން ރައީސުލްޖުމްހޫރިއްޔާ އަޒުލު ކުރެވޭނެއެވެ.

ރައްޔިތުންގެ މަޖިލީހުގައި އެމްޑީޕީ ތަމްސީލްކުރާ 56 މެންބަރުން ތިއްބަވައެވެ. ޤަވާއިދަށް ގެނެވުނު އިސްލާހުން އެމްޑީޕީ އެކަނި ތާއީދު ކުރިޔަސް ރައީސުލްޖުމްހޫރިއްޔާ އަޒުލު ކުރެވިދާނެއެވެ.

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-