-Advertisement-

-Advertisement-

ގައުމީ ބަނޑުފިލާ ޗެލެންޖު ފަށައިފި

ގައުމީ ބަނޑުފިލާ ޗެލެންޖު 2023 – ފޮޓޯ: މުހައްމަދު ޝާބިން/ ނިއުސްލެބް

ގައުމީ ބޮޑީބޯޑިން މުބާރާތްކަމަށްވާ “ގައުމީ ބަނޑުފިލާ ޗެލެންޖު 2023” ފަށައިފި އެވެ.

ގައުމީ ބޮޑީބޯޑިން ލީގުގެ ފަހު މުބާރާތްކަމަށްވާ ގައުމީ ބަނޑުފިލާ ޗެލެންޖުގައި މިއަހަރު ކުރިއަށްދާނީ ތިން ކެޓަގަރީ އެކެވެ. އެއީ ފިރިހެން އޯޕަން، ޖޫނިއާ ޑިވިޝަން އަދި ޑްރޮޕް ނީ ބަޔެވެ.

މިމަހުގެ 22 އާ ހަމައަށް ކުރިއަށްދާ މި މުބާރާތުގައި މިއަހަރު މާސްޓާސް އަދި އަންހެން ޑިވިޝަންވެސް ބާއްވަން މަސައްކަތްކުރި އެވެ. ނަަމަވެސް އެކީގެންވާ ތަރުހީބެއް ނުލިބުމުން އެމްބީބީއޭ އިން ނިންމީި މި ދެ އިވެންޓު ކުރިއަށް ނުގެންދާށެވެ.

ބަނޑުފިލާ ޗެލެންޖު ފެށީ ޖޫނިއާ ޑިވިޝަންގެ ހީޓުތަކުންނެވެ. ޖޫނިއާ ބައިގެ ފުރަތަމަ ބުރުގެ ހީޓުތަކުން އެންމެ ރަނގަޅު ސްކޯއެއް ހޯދީ އިޔާން އަހުމަދު އެވެ. އޭނާ ވަނީ 12.03ގެ ސްކޯއެއް ހޯދާފަ އެވެ. އިޔާން ވަނީ ހީޓު ތިނެއްގެ އެއްވަނަ ހޯދައި ކުއާޓާ ފައިނަލުން ޖާގަ ހޯދާފަ އެވެ. ކުއާޓާ ފައިނަލުގައި އޭނާ ނުކުންނާނީ ނޫން މުހައްމަދު ދުނައިމް އިރުޝާދު އެވެ.

ފުރަތަމަ ބުރުގެ ހީޓު އެކަކުން އެއްވަނަ ހޯދީ އެންމެ ފަހުގެ ޗެމްޕިއަން އާމިން އުމަރު މުސާ އެވެ. ކުއާޓާ ފައިނަލުގައި އާމިން ނުކުންނާނީ މުހައްމަދު ޖަރީޝް ޖިހާދުއާ ދެކޮޅަށެވެ. ކުއާޓާ ފައިނަލް ދެވަނަ ހީޓުގައި މުހައްމަދު އަޒާން އަހުމަދު ނުކުންނާނީ ޔޫސުފް ރާދު އިބްރާހިމް އެވެ. ކުއާޓާ ފައިނަލް ފަހު ހީޓުގައި ޔާސިން އަހުމަދު ނާޝިދު ނުކުންނަނީ ކަޔާން އަބްދުﷲ އަރީފްއާ ދެކޮޅަށެވެ.

މުބާރާތުގައި މިއަދު ވަނީ ޑްރޮޕް ނީގެ ފުރަތަމަ ބުރުގެ ހީޓުތައްވެސް ކުރިއަށްގެންގޮސްފަ އެވެ. މީގެ އިތުރުން ފިރިހެން އޯޕަން ބައިގެ ހީޓުތައްވެސް މިއަދު ކުރިއަށްދިޔަ އެވެ.

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-