މިހާރު ހިންގާ އެންމެ ނުރައްކާތެރި ސްކޭމްގެ ގޮތުގައި ގިނަ ގައުމުތަކުން ކަނޑައަޅާފައިވާ ޓެލެގްރާމް ޓާސްކް ސްކޭމް ރާއްޖެއާ ހަމައަށް އައިސް، ދިވެހިން އަތުން އޮޅުވާލައިގެން ފައިސާ ހޯދުމަށް މަސައްކަތް ކުރަމުންދާ ކަމުގެ
މައުލޫމާތު ލިބިއްޖެއެވެ، މި ސްކޭމްގައި ފުރަތަމަ މެސެޖު ކުރަނީ ބޭރުގެ މަޝްހޫރު ކުންފުންޏެއްގެ ވެރިއެއްގެ ނަމުގައި އާންމުކޮށް ވަޓްސްއެޕުންނެވެ.
މިއީ އާންމުކޮށް މި ސްކޭމް ހިންގާ ގޮތެވެ. ފުރަތަމަ ހަވާލުކުރާ ޓާސްކުތަކަށް ފައިސާ ފޮނުވަނީ އިތުބާރު ހޯދާށެވެ. އަސްލު ސްކޭމް ފަށަނީ އޭގެ ފަހުންނެވެ.
ގޭގައި ތިބެގެން އޮންލައިންކޮށް ކުދިކުދި މަސައްކަތްތައް ކޮށްގެން އާމްދަނީ ދޭނެ ކަމަށް ބުނެ ހިންގާ މި ސްކޭމުން އިންޑިއާގައި ވެސް ގިނަ ބައެއްގެ އަތުން އެތައް މިލިއަން ރުފިޔާއެއް ވަނީ އޮޅުވާލައިގެން ހޯދާފަ އެވެ.
މައުލޫމާތު ހިއްސާ ކުރި ފަރާތުން މި ސްކޭމްގައި ނުޖެހި ސަލާމަތްވިޔަސް، ދިވެހި ފުލުހުންގެ ބަހެއް އަދި ނުލިބޭތީ އިތުރު ބަޔަކު މި ސްކޭމްގެ ޝިކާރައަކަށް ވި ކަމެއް އަދި ނޭނގެ އެވެ.
މި ސްކޭމްގައި ގިނަ ބަޔަކު ޖެހެނީ، އިންވެސްޓުކޮށްގެން ފައިދާ ލިބޭ ކަމަށް ބުނެ ހޯދައި ފައިސާ، އެ ބުނާ ވަރުގެ ފައިދާއާ އެކު އަނބުރާ ދޭތީ އެވެ. އެކަމަކު ދެން ފޮނުވަނީ އެލީޓު ގުރޫޕަކަށް ކޮލިފައި ވެއްޖެ ކަމަށް ބުނެ އިތުރު ގުރޫޕަކަށް ޖޮއިން ވުމުގެ ދައުވަތެވެ.
ކުރިން ފައިސާ ލިބި އިތުބާރު ހޯދާފައިވާތީ، ގިނަ ބަޔަކު އެ މަޅީގައި ޖެހި، އިންވެސްޓުކުރަނީ އެވެ. އެކަމަކު ބޮޑު އަދަދުތަކުން ދޭ ފައިސާ ހިފައިގެން ފިލަނީ އެވެ.