-Advertisement-

-Advertisement-

އެއްވެސް މެޗަކުން ބަލިނުވެ މާޒިޔާއިން ޖެހިޖެހިގެން ހަތަރު ވަނަ ފަހަރަށް ލީގު އުފުލާލައިފި

މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަނުން ދިވެހި ޕްރިމަރ ލީގުގެ ޝީލްޑް އުފުލާލަނީ. މިއީ މާޒިޔާ މި މުބާރާތް ކާމިޔާބުކުރި 4 ވަނަ ފަހަރު. ފޮޓޯ: ސިޑިބަރި

ދިވެހި ޕްރިމިއާ ލީގުގެ ޗެމްޕިއަންކަން ޖެހިޖެހިގެން ހަތަރުވަނަ ފަހަރަށް މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން އިން އުފުލާލައިފި އެވެ.

މާޒިޔާއިން އެމްޑަބްލިއުއެސްސީ ދިވެހި ޕްރިމިއާ ލީގުގެ ޗެމްޕިއަންކަން ހޯދީ މިއަދު ހަވީރު ކުޅުނު ލީގުގެ ފަހު މެޗުގައި ކުލަބު އީގަލްސް 1-0 އިން ބަލިކޮށްގެންނެވެ. މި ފަހަރު ލީގު މާޒިޔާއިން ކާމިޔާބުކުރީ އެއްވެސް މެޗަކުން ބަލިނުވެ އެވެ. މިދިޔަ ފަސް އަހަރަށް ބަލާއިރު ރާއްޖޭގެ އެންމެ ކާމިޔާބު ކުލަބު މާޒިޔާއިން ވަނީ ލީގުގެ ޗެމްޕިއަންކަން މީގެ ކުރިން ތިން ފަހަރު ހޯދާފަ އެވެ. އެއީ 2016 ،2019/20، 2020/21 އަދި 2022 ގަ އެވެ.

މިފަހަރުގެ ލީގު މާޒިޔާއިން ހޯދީ 14 މެޗުން 40 ޕޮއިންޓް ހަމަކޮށްގެންނެވެ. ދެވަނައިގައި ނިންމާލި ކުލަބު އީގަލްސް އަށް ލިބުނީ 35 ޕޮއިންޓެވެ.

ގޯލު ޖެހުމަށްފަހު ބަލަބަނޮވިޗް އުފާފާޅު ކުރަނީ. ފޮޓޯ: ސިޑިބަރި

މިއަދު ހަވީރު ކުޅުނު މެޗަށް ނުކުތްއިރު ލީގު ހޯދަން އީގަލްސްއަށްވެސް ފުރުސަތު އޮތެވެ. ނަމަވެސް މޮޅުވާން މަޖުބޫރުވި މެޗުން އެޓީމް ބަލިވީ އެވެ. މެޗު ފަށައިގެން އީގަލްސްއިން ރަނގަޅަށް ކުޅުނު ނަމަވެސް ހާފު ނިމުމުގެ ކުރިން ގޯލު ޖަހައި ލީޑު ނެގީ މަޒިޔާ އިންނެވެ. މި ގޯލަކީ މާޒިޔާގެ ހަމްޒާ މުހައްމަދު (ހަމްޕު) އަށް، އީގަލްސްގެ ރިލްވާން ވަހީދު ކުރި ފައުލަކަށް ލިބުނު ޕެނަލްޓީއަކުން އެޓީމުން ޖެހި ގޯލެކެވެ. މި ގޯލު ޖަހައިދިނީ ސާބިއާގެ ވޮޖިސްލާވް ބަލަބަނޮވިޗް އެވެ. މެޗުގެ ފަހުކޮޅު ކުރިއަށް ޖެހިލައިގެން ކުޅުނު ނަމަވެސް އީގަލްސް އަށް ގޯލު ޖަހާނެ މާ ނުރައްކާތެރި ހަމަލާތަކެއް ނުއުފެއްދެ އެވެ.

މާޒިޔާއިން ލީގު ކާމިޔާބުކުރުމާއިއެކު އަންނަ އަހަރުގެ އޭއެފްސީ ޗެލެންޖާސް ލީގުގެ ޕްލޭއޮފް ބުރުން މާޒިޔާއަށްވަނީ ފުރުސަތު ލިބިފަ އެވެ. މިއީ މިހާރުގެ އޭއެފްސީ ކަޕް އުވާލުމަށްފަހު އަންނަ އަހަރު މުޅިން އަލަށް އޭއެފްސީ އިން ފަށާ މުބާރާތެކެވެ.

 

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-