މަސްތުވާތަކެތީގެ މައްސަލަ ހައްލުކުރުމުގެ ގޮތުން މަސްތުވާތަކެއްޗާއި ދެކޮޅަށް އުފައްދާފައިވާ “ޑްރަގް ޓާސްކްފޯސް” އިން 34 ދިވެހިން ހައްޔަރުކޮށް 13 މިލިއަން ރުފިޔާގެ މަސްތުވާތަކެތި ހިފަހައްޓައިފިއެވެ.
ނޫސްވެރިންނާއި ވާހަކަދައްކަވަމުން ޓާސްކްފޯސްގެ އިސްވެރިއެއް ކަމަށްވާ ޗީފް ސްޕްރިޑެންޓް އޮފް ޕޮލިސް އަހުމަދު ޝާކިރު ވިދާޅުވީ މަސްތުވާތަކެއްޗާއި ދެކޮޅަށް ހިންގަމުން ގެންދާ އޮޕަރޭޝަންގައި ހުޅުމާލެ ފަޅުތެރެއާއި ކ.މާފުށި ކައިރިން 39 ސަފާރީ ބަލާ ފާސްކޮށްފައިވާ ކަމަށެވެ. އަދި 907 މީހަކު ބަލާ ފާސްކޮށް 5 އުޅަނދެއް ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާނެ ކަމަށެވެ.
ސަފާރީތައް ބަލާ ފާސްކުރީ ޤަވާއިދާއި ޚިލާފަށް ވިޔަފާރި ކުރާކަމުގެ ތުހުމަތުގައެވެ. މިގޮތުން ބަނގުރަލާއި މަސްތުވާތަކެތި ސަފާރީތަކުގެ ތެރޭގައި ބަހައްޓައިގެން ވިޔަފާރި ކުރާކަން ފާހަގަވެފައިވާ ކަމަށެވެ.
މި އޮޕަރޭޝަންގައި އަތުލައިގަނެވުނު 13 މިލިއަން ރުފިޔާގެ މަސްތުވާތަކެތީގެ ތެރޭގައި 1063 ބަނގުރާ ފުޅިއާއި 7 ކިލޯއަށްވުރެ ގިނަ މަސްތުވާތަކެތި ހިމެނެއެވެ.
ފުލުހުންނާއި އިމިގްރޭޝަނާއި ކަސްޓަމްސް އަދި ކަރެކްޝަންސްގެ އިސް ވެރިން ހިމެނޭ ޓާސްކްފޯސްއިން ކޯޓު އަމުރުގެ ދަށުން ކަސްޓަމްސް އާއި ޕޯޓު ތެރޭގައި 4 އޮޕަރޭޝަނެއް ހިންގާފައިވެއެވެ. އަދި މަސްތުގެ ހާލަތުގައި ހުއްޓާ ހައްޔަރުކުރެވުނު 30 ބިދޭސީއަކު ޑީޕޯޓްކުރުމަށް ކަމާބެހޭ އިދާރާއާއި ހަވާލުކުރެވިފައިވެއެވެ.