ޕާސްޕޯޓް ހެއްދުމަށްފަހު ވެރިފަރާތުން ބަލާދާއިރު އައިޑީކާޑު ބޭނުންނުވާ ގޮތަށް އިމިގްރޭޝަނުން ނިންމައިފިއެވެ.
މޯލްޑިވްސް އިމިގްރޭޝަނުން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވަނީ އިލެކްޓްރޯނިކް، ނޮން-އިލެކްޓްރޯނިކް އަދި އެމަރޖެންސީ ޕާސްޕޯޓާއި ހަވާލުވުމަށް “ވެރިފަރާތުން” ހާޒިރުވާނަމަ، އައިޑީކާޑު ބޭނުމެއް ނުވާނެއެވެ.
ރައްޔިތުންނަށް ފޯރުކޮށްދޭ ޚިދުމަތްތައް ވީހާވެސް ލުއިފަސޭހަކޮށްދިނުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ވިސްނުންފުޅު ކަމަށާއި އިމިގްރޭޝަނުން މިގެނައި ބަދަލަކީ އެގޮތުން ގެނެވުނު ބަދަލެއްކަމަށްވެސް ނޫސްބަޔާނުގައި ވެއެވެ.
18 އަހަރުން ދަށުގެ ކުޑަކުދިންގެ ޕާސްޕޯޓާ ހަވާލުވާން އެކުދިންނާއެކު ބެލެނިވެރިޔާ ހާޒިރުވެ، އައިޑީކާޑުގެ ފޮޓޯ ދެއްކުމުން ޕާސްޕޯޓް ދޫކުރެވޭނެއެވެ. އަދި ވެރިފަރާތް ނޫން އެހެން ފަރާތެއް ޕާސްޕޯޓާއި ހަވާލުވާނު ދުރުވާނަމަ، ވެރިފަރާތުގެ އިގުރާރު ސިޓީގައި ވެރިފަރާތުގެ އައިޑީކާޑުގެ ސީރިއަލް ނަންބަރު ޖަހަންވާނެކަމަށްވެސް ނޫސްބަޔާނުގައި ވެއެވެ.