އިޒްރޭލުގެ ބޯޓްފަހަރު މެލޭޝިއާގެ ބަނދަރުތައް ބޭނުންކުރުން މެލޭޝިއާ ސަރުކާރުން މަނާކޮށްފިއެވެ.
އިޒްރޭލުގެ ބޯޓުފަހަރު އެ ޤައުމުގެ ބަނދަރުތައް ބޭނުންކުރުން މަނާކޮށްފައިވާނެ ކަމަށާއި އިޒްރޭލުގެ އެއްވެސް މުދަލެއް މެލޭޝިޔާގެ އެއްވެސް ބަނދަރަކަށް ނުބޭލޭނެކަމަށް މެލޭޝިޔާގެ ބޮޑުވަޒީރު އަންވަރު އިބްރާހީމް ވަނީ ވިދާޅުވެފައެވެ. މިފިޔަވަޅުތައް އަމާޒުކޮށްފައިވަނީ އިޒްރޭލުގެ އެންމެ ބޮޑު އެއް ޝިޕިންގ ކުންފުނި ކަމަށްވާ ޒިމް އިންޓެގްރޭޓެޑް ޝިޕިންގ ސަރވިސަސް ލިމިޓެޑް އަށެވެ.
ޒިމް އިންޓެގްރޭޓެޑް ޝިޕިންގ ސަރވިސަސް ލިމިޓެޑް އަކީ ދުނިޔޭގެ އެންމެ ބޮޑު 20 ޝިޕިންގ ކުންފުނި ތެރޭގައި ހިމެނޭ އިޒްރާއީލަށް ނިސްބަތްވާ ކުންފުންޏެކެވެ.
އާބާދީގެ %60 މުސްލިމުން ދިރިއުޅޭ މެލޭޝިއާއަކީ އިޒްރޭލަކީ ޤައުމެއްގެ ގޮތުގައި ބަލައިނުގަންނަ، ފަލަސްތީނުގައި އަމިއްލަ ދައުލަތެއް ޤާއިމްކުރުމަށް ފާޅުގައި ގޮވާލާ ޤައުމެކެވެ. އަދި މެލޭޝިއާ ސަރުކާރުން ފަލަސްތީނުގެ ރައްޔިތުންނަށާއި ހަމާސް ޖަމާޢަތަށް ފައިސާގެ އެހީ ގިނައިން ފޯރުކޮށްދޭ ޤާއުމެކެވެ.
އިޒްރޭލުން ފަލަސްތީނުގައި ހިންގަމުން ގެންދާ ލާއިންސާނީ ޢަމަލުތަކާ ދެކޮޅޫހެދުމުގެ ގޮތުން ޔަމަނުގެ ހޫތީންވެސް ވަނީ އިޒްރޭލާއި ދެކޮޅަށް ހަނގުރާމަ އިޢުލާން ކޮށްފައެވެ. އަދި ރަތްކަނޑު ހުރަސްކުރާ ހުރިހާ އިޒްރޭލު ބޯޓަކަށް ހޫތީން ދަނީ ހަމަލާދެމުންނެވެ.