-Advertisement-

-Advertisement-

ގައުމީ ބޮޑީބޯޑިން ޗެމްޕިއަން އަކަށް ޖާއްޓެ!

އަލީ ޖާވިދު (ޖާއްޓެ) އަށް ޗެމްޕއިން ޓްރޮފީ ހަވާލު ކުރަނީ. ފޮޓޯ: އަދަދު

މި މަހުގެ 18 އިން 22 އަށް ކުރިއަށް ދިޔަ ގައުމީ ބަނޑުފިލާ ޗެލެންޖް 2023 ގެ މެންސް އޯޕެން ބައި އަލީ ޖާވިދު (ޖާއްޓެ) ކާމިޔާބުކޮށްފި އެވެ. ޖާއްޓެ މި މުބާރާތް ކާމިޔާބު ކުރީ ފައިނަލްގައި ޒުވާން އެތްލީޓު، މުހައްމަދު އަޒާން އަހުމަދުގެ މައްޗައް 0.26 ގެ ފަރަގަކުން ކުރި ހޯދައިގެންނެވެ. މި މުބާރާތުގެ ޖޫނިއަރ ބައިގެ ޗެމްޕިއަންކަން އާމިން އުމަރު މޫސާ ހޯދި އިރު، ޑްރޮޕްނީ ބައިގެ ޗެމްޕިއަންކަން ހޯދީ އަލީ ހުޝްރުވާން (ކުޑަ އައްޔަ) އެވެ.

މެންސް އޯޕަން ގެ ފައިނަލުގައި ޖާއްޓެ ވަނީ 12 ރާޅުގައި އަޅާ، އެންމެ މަތީ ދެ ސްކޯ އަށް ޖުމްލަ 9.60 ހޯދާފަ އެވެ. އަޒާން 8 ރާޅުގައި އެޅި އިރު އަޒާން އަށް ލިބުނީ ޖުމްލަ 9.34 ގެ ސްކޯ އެކެވެ. މި މުބާރާތުގެ އެންމެ ކާާމިޔާބު އެތްލީޓު ކުޑައައްޔަ ވަނީ މެންސް އޯޕެން ގެ 4 ވަނަ ބުުރުން ކަޓާފަ އެވެ. 4 ވަނަ ބުރުގެ ފުރަތަމަ ހީޓުގައި އަޒާން ވަނީ ކުޑައައްޔަގެ މައްޗައް 0.43 ގެ ސްކޯއަކުން ކުރި ހޯދާފަ އެވެ. ޖޫނިއަރ ބައިގެ ފައިނަލްގައި އާމިން އަޒާންގެ މައްޗައް ކުރި ހޯދާފައިވަނީ 0.30 ގެ ސްކޯއަކުންނެވެ. އާމިންވަނީ 8 ރާޅުން 9.63 ގެ ސްކޯއެއް ހޯދާފަ އެވެ. އަޒާން އަށް 10 ރާޅުގައި އަޅައިން ހެދުނީ 9.33 ގެ ސްކޯއެކެވެ. ޑްރޮޕނީ ބައިގެ ފައިނަލްގައި އާމިން އާއި ވާދަކޮށް ކުޑައައްޔަ ކުރި ހޯދާފައިވަނީ 4.84 ގެ ސްކޯ އަކުންނެވެ. 11 ރާޅުގައި އަޅައިން ކުޑައައްޔަ 11.00 ގެ ސްކޯއެއް ހޯދި އިރު 15 ރާޅުގައި އަޅައިން އާމިން އަށް ލިބުނީ 6.16 ގެ ސްކޯއެކެވެ.

ޖޫނިއަރ ކެޓެގަރީ ކާމިޔާބު ކުރި އެތްލީޓުން. ފޮޓޯ: އަދަދު

ބޮޑީބޯޑިން ގައުމީ މުބާރާތެއް ޖާއްޓެ ފުރަތަމަ ފަހަރަށް ކާމިޔާބުކުރި އިރު، ޖާއްޓެ ވަނީ މި އަހަރުގެ ބޮޑީބޯޑިން ލީގު ޗެމްޕިއަންކަންވެސް ހޯދާފަ އެވެ. ޖޫނިއާރ ލީގު ޗެމްޕިއަންއަކީ އާމިން އެވެ.

މި މުބާރާތް ނިމުމާއި އެކު ބޮޑީބޯޑިން ގައުމީ ރޭންކިންގް އަށް ވަނީ ބޮޑެތި ބަދަލުތަކެއް އައިސްފަ އެވެ. ރޭންކިން އެއް ވަނައަިގައި 2610 ޕޮއިންޓާއި އެކު އޮތީ ޖާއްޓެ އެވެ. ދެވަނައިގައ ި2220 ޕޮއިންޓާއި އެކު އޮތީ މިދިޔަ އަހަރު ގައުމީ މުބާރާތުގެ ޗެމްޕިއަން އަޝްރަފް ހަސަން އެވެ. 3 ވަނައިގައި 2190 ޕޮއިންޓާއި އެކު އާމިން އޮތް އިރު 4 ވަނައިގައި 2130 ޕޮއިންޓާއި އެކު އޮތީ އަލީ ޝާމް ރާފިއު އެވެ. ރޭންކިން އަށް އައި ބަދަލުތަކާއި އެކު ކާމިޔާބު އެތްލީޓު ކުޑައައްޔަ އަށް ވަނީ ގައުމީ ޓީމުގެ ޖާގަ ގެއްލިފަ އެވެ. އެންމެ ގިނަ ފަހަރު މި މުބާރާތް ކާމިޔާބުކޮށްފައިވާ އަލީ ހުޝްރުވާން (ކުޑައައްޔަ) އޮތީ 2080 ޕޮއިންޓާއި އެކު ރޭންކިން 6 ވަނައިގަ އެވެ.

ޖޫނިއާ ރޭންކިންގެ އެއް ވަނައިގައި 3000 ޕޮއިންޓާއި އެކު އޮތީ އާމިން އެވެ. 2 ވަނައިގައި އޮތީ 2330 ޕޮއިންޓާއި އެކު މި އަހަރު މެންސް އޯޕެން އަދި ޖޫނިއަރ ފައިނަލްގައި ވާދަކުރި އަޒާން އެވެ. 2320 ޕޮއިންޓާއި އެކު ތިންވަނައިގައި އިޔަން އަހުމަދު އޮތް އިރު 4 ވަނައިގައި އޮތީ މުހައްމަދު ޖަރީޝް ޖިހާދު އެވެ.

 

 

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-