-Advertisement-

-Advertisement-

ނޫސްތައް ބްލޮކް ކުރުމުން ސަރުކާރު ހޫނުފެނަށް!

ރައީސް އޮފީހުގެ ސްޕޯކްސްޕާސަން މުހައްމަދު ޝަހީބު ނޫސްވެރިންގެ ބައްދަލުވުމެއްގައި. ފޮޓޯ: ރައީސް އޮފީސް

ސަރުކާރަށް ފާޑުކިޔާ ނޫސްތައް ބްލޮކް ކުރަން ފެށުމާއެކު ސަރުކާރު ހޫނުފެނަށް ވެއްޓި އެތައް ފާޑު ކިޔުމާއި ކުރިމަތިލާން ޖެހިއްޖެއެވެ.

ސަރުކާރާއި ދެކޮޅު ކޮންޓެންޓް ޕަބްލިޝް ކުރަމުންދާ ކުރުސީ ޑޮޓްކޮމް އަދި ދިޔަވަރު ނޫސް ބްލޮކް ކޮށް އެކަން ސަރުކާރުން ދިފާޢުކޮށް ވާހަކަދެއްކުމުން މުޅި ރާއްޖޭގެ މީޑިއާ އަދި ސިޔާސީ ދާއިރާގެ ފުންނާބު އުސް ފަރާތްތަކުގެ ފާޑުކިޔުން ވަރަށް ބޮޑަށް ސަރުކާރަށް ވަނީ އަމާޒުވާން ފަށާފައެވެ. ކުރުސީ ޑޮޓްކޮމް އަދި ދިޔަވަރު އަކީ ރާއްޖެއިން ބޭރުގައި ރަޖިސްޓަރ ކޮށްފައިވާ ދެ ނޫސް ވެބްސައިޓް އެވެ.
ސަރުކާރުގެ ތަރުޖަމާނު މިކަމާ ގުޅިގެން ބުނެފައިވަނީ ރަޖިސްޓްރީކޮށްގެން ހިންގާ އެއްވެސް ނޫހެއް ނުވަތަ މަޖައްލާއެއްވެސް ސަރުކާރުން ބްލޮކް ނުކުރާނެ ކަމަށެވެ. ތަރުޖަމާނު ޝަހީބު މިހެން ވިދާޅުވެފައިވިޔަސް، ރާއްޖޭގައި ރަޖިސްޓްރީ ކޮށްގެން ހިންގާ ނޫހެއް ކަމަށްވާ “ފުރަތަމަ” ވަނީ ބްލޮކް ކޮށްލާފައެވެ.

ސަރުކާރުގެ މިޢަމަލުތަކާއި ގުލިގެން މޯލްޑިވްސް ޖާނަލިސްޓް އެސޯސިއޭޝަނުން ވަނީ މިކަން ކުއްވެރިކޮށް ނޫސް ބަޔާނެއް ނެރެފައެވެ. ރައްޔިތުންގެ މަޢުލޫމާތު ލިބުމުގެ ޙައްޤާއި ނޫސްވެރިކަމުގެ މިނިވަންކަމުގެ ޙައްޤު ނިގުޅައިގަތުމުގެ ޢަމަލެއްކަމަށް ޖާނަލިސްޓް އެސޯސިއޭޝަނުގެ ބަޔާނުގައި މިކަން ވަނީ ސިފަކޮށްފައެވެ. މޯލްޑިވްސް މީޑިއާ ކައުންސިލުގެ ޤާނޫނު (15/2008) ގައި މީޑިއާ ކަމަށް ބަޔާންކޮށްފައިވަނީ ޓީވީއަށާއި، ރޭޑިއޯއަށާއި، އިންޓަރެކްޓިވް ސީޑީއަށާއި، ވެބްސައިޓަށާއި، ދުވަހުނޫސްތަކަށާއި، ހަފްތާނޫސްތަކަށާއި، މަޖައްލާތަކަށާއި، ޓްރޭޑް ޕަބްލިކޭޝަންތަކަށާއި، މިނޫންވެސް ނަންނަމުގައި، ދިވެހިރާއްޖޭގައި ރަޖިސްޓަރީ ކޮށްގެންނާއި، ރަޖިސްޓަރީ ނުކޮށް މަޢުލޫމާތާއި، ޚަބަރާއި، ޚިޔާލާއި، އިޝްތިހާރު، ޢާންމުކޮށް ފެތުރުމަށްޓަކައި ގަންނަންލިބޭގޮތަށް، ނުވަތަ އަގަކާނުލައި ލިބޭގޮތަށް، ޗާޕުކޮށްގެންނާއި، އިންޓަނެޓާއި، އެހެނިހެން ވަޞީލަތްތައް މެދުވެރިކޮށް ޝާއިޢުކުރެވޭ ޝާއިޢުކުރުންތަކަށެވެ.
މީޑިއާ ކައުންސިލުގެ ޤާނޫނުގައި މިހެން އޮތް އިރު ޤާނޫނު އަސާސީގެ 28 ވަނަ މާއްދާގައި ބުނެފައި ވަނީ “ނޫސްވެރިކަން ކުރުމާއި، މުވާސަލާތީ ވަސީލަތްތައް ބޭނުންކުރުމުގެ މިނިވަންކަން ކޮންމެ މީހަކަށްމެ ލިބިގެންވާ” ކަމަށެވެ. އަދި “މީގެތެރޭގައި ހަބަރާއި، މައުލޫމާތާއި، ފެންނަ ގޮތްތަކާއި، ހިޔާލުތައް ފާޅުކުރުމާއި، ޝާއިއުކުރުމާއި، ފެތުރުމުގެ މިނިވަންކަން ހިމެނޭ” ކަމަށް ވެސް އެ މާއްދާގައި ބުނެފައިވެ އެވެ.
ސަރުކާރުން ނޫސްވެރިކަމަށް ހުރަސް އަޅައި، ޚިޔާލު ފާޅުކުރުމުގެ މިނިވަންކަމަށް ހުރަސްއަޅާކަމަށް ބުނެ ވަރަށް ގިނަ ފަރާތްތަކުންދަނީ ސަރުކާރަށް ފާޑުކިޔަމުންނެވެ.

މިގޮތުން ރާއްޖޭގެ އެންމެ ބޮޑު ޕާޓީ މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީގެ ޗެއަރޕާސަން ފައްޔާޒް އިސްމާޢީލް އާއި ޑިމޮކްރެޓްސް އިންވެސް ވަނީ މިކަމާއި މެދު ކަންބޮޑުވެ ނޫސްބަޔާނެއް ނެރެފަ އެވެ. އަދި ރައްޖޭގެ އެންމެ ދުވަސްވީ އެއް ނޫސްވިރިޔާ ކަމަށްވާ ހިރިގާ އަހުމަދު ޒާހިރު އަދި މިދިޔަ އަހަރު ރާއްޖޭގެ އެންމެ މޮޅު ނޫސްވެރިޔާގެ އެވޯޑް ހޯދި އަހުމަދު ނާއިފް ވެސް ވަނީ ސަރުކާރުގެ މިޢަމަލު ކުށްވެރިކޮށްފައެވެ.

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-